ނެޝަނަލް ސިންގަލް ވިންޑޯ ނިޒާމުގެ މަސައްކަތުގެ މަޝްރޫޢަށް އޭޑީބީން ފައިސާ ދިނުން މަޑުޖައްސާލީ އެމަސައްކަތުގެ ބީލަމުގެ މަރުޚަލާގައި ކޮރަޕްޝަނަށް ތުޙުމަތުކުރެވޭ އެއްވެސް ކަމެއް ފާހަގަވެގެން ނޫންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ނެޝަނަލް ސިންގަލް ވިންޑޯ ނިޒާމުގެ މަސައްކަތްތައް ހަވާލުކުރުމަށް ބައިނަލްއަޤްވާމީ ކުންފުނިންތަކުން ބައިވެރިވެވޭގޮތަށް ހުޅުވާލި ބީލަން ކާމިޔާބުކޮށްފައިވަނީ ފިލިޕީންސްގައި ރަޖިސްޓްރީކޮށްފައިވާ "ވެބް ފޮންޓެއިން އޭޝިއާ އިންކް"އާއެވެ.
ފިނޭންސް މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ހުސައިން ހަމީމް ވިދާޅުވީ އޭޑީބީން ފައިސާ ދޫނުކުރުމަށް ނިންމީ، ފިލިޕީންސް ކުންފުނިން ހުށައެޅި ލިޔެކިޔުންތަކުގެ ތެރެއިން ލިޔެކިޔުމެއްގައި އުޅުނު މައްސަލައަކުންކަމަށެވެ. ނަމަވެސް މިކަމުގައި އޮޅުވާލައިގެން ބިޑް ކާމިޔާބުކުރުމަށް މަސައްކަތްކޮށްފައިވާކަމަށް އެއްވެސް ވަރަކަށް ހާމަނުވާކަމަށް އޭޑީބީން ބުނެފައިވާކަމަށް ހަމީމް ވިދާޅުވިއެވެ.
"ވެބް ފޮންޓެއިންއިން ހުށައެޅީ އެކުންފުނީގެ އެފްޒެޑްއެލްއެލްސީ ޔޫ.އޭ.އީގެ ކުންފުނިގެ ލިޔުންތަކެއް. ލިޔުންތަކުގައި ކަނޑައެޅިގެން ބުނެފައެއް ނުވެ ވެބްފޮންޓެއިން ޔޫއޭއީގެ ތަޖުރިބާއަކީ ވެބް ފޮންޓެއިން އޭޝިއާ(ފިލިޕީންސް) ކުންފުނީގެ ތަޖުރިބާކަމަކަށް. އެހެންވީމައި މިކަމުގައި ކޮރަޕްޝަނަށް މަގުފަހިފާ ކަމެއް އޮތްކަމަށް ބޭންކުން ބުނެފައެއް ނުވެ." ހަމީމް ވިދާޅުވިއެވެ.
ލިޔެކިޔުންތަކުގެ މައްސަލައާ ގުޅިގެން ސިންގަލް ވިންޑޯ މަޝްރޫޢަށް އޭޑީބީން މިވަގުތު ފައިސާ ދިނުން މަޑުޖައްސާލިނަމަވެސް، އަލުން އާ ބިޑަކަށް ހުޅުވާލާ މަސައްކަތް ކުރިއަށްގެންދާނަމަ، ކުރިއެކޭ އެއްގޮތަށް ޕްރޮޖެކްޓަށް ފައިސާ ދޫކުރާނެކަމުގެ ޔަގީންކަން އޭޑީބީން ދީފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ލީޑް ކޮންސަލްޓަންޓް ސައްޔިދާ އުމަރު ވިދާޅުވީ ސަރުކާރުން މިހާރު ނިންމާފައިވަނީ ބީލަން އުވާލާ، އަލުން ބީލަމުގެ މަސައްކަތް ކުރިއަށްގެންދިއުމަށްކަމަށެވެ. އަދި އަލުން ހުޅުވާލާއިރު، ކުރިން ބިޑް ކާމިޔާބުކުރި ކުންފުންޏަށްވެސް ބީލަމުގައި ބައިވެރިވެވޭނޭކަމަށް ސައްޔިދާ ވިދާޅުވެއެވެ.
"ސަރުކާރަށް ވަރަށް މުހިންމު މަޝްރޫޢުއެއް މިއީ. މި ޕްރޮޖެކްޓް ހުއްޓާނުލާ ކުރިއަށްގެންދާނަން. ބިޑް ޓަރމިނޭޝަންގެ ކަންކަން ފައިނަލްވެ އޭޑީބީގެ ލިޔުން ލިބުނީމައި، އަލުން ބިޑަށް ހުޅުވާލާނަން. މިކަމާއި ގުޅޭގޮތުން އޭޑީބީއާއިއެކުވެސް އަދި ކޮންޓެކްޓަރާއިއެކުވެސް ވާހަކަދެކެވެމުންދަނީ." ސައްޔިދާ ވިދާޅުވިއެވެ.
ސައްޔިދާއި ވިދާޅުވީ ފަންނީ ފަރާތްތަކާއިއެކު ކުރި މަޝްވަރާތަކުން މި މަޝްރޫޢުއަށް 8 މިލިއަން ޑޮލަރު ޚަދުވާނެކަމަށް ލަފާކުރިކަމަށެވެ. އަދި ބީލަމަށް ހުޅުވާލި ކުންފުނިތަކުގެ ތެރެއިން ހަވާލުކުރުމަށް ނިންމި ވެބް ފޮންޓެއިން އޭޝިއާއިން ހުށަހަޅާފައިވަނީ 6.78 މިލިއަން ޑޮލަރުކަމަށް އޭނާ ވިދާޅުވިއެވެ.
ނެޝަނަލް ސިންގަލް ވިންޑޯ ނިޒާމަކީ އިމްޕޯޓް، އެކްސްޕޯޓް އަދި ޓްރާންސިޓް މުދާ ދިވެހިރާއްޖެއަށް އިމްޕޯޓްކޮށް އަދި އެކްސްޕޯޓްކުރުމަށް ލުއި ފަސޭހަ އަދި އަވަސް ޚިދުމަތްތަކެއް ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާ ވިއުގައެކެވެ.