ދުނިޔޭގެ ވިޔަފާރި

އިއްތިހާދު އެއަރވޭސްގެ މުވައްޒަފުންގެ މުސާރަ މިއަހަރުގެ ނިޔަލަށް ކުޑަކުރަން ނިންމައިފި


އަބޫދާބީގެ އިއްތިހާދު އެއަރވޭސްގެ މުވައްޒަފުންގެ މުސާރަ މިއަހަރު ނިޔަލަށް ކުޑަކުރަން ނިންމައިފިއެވެ.

އިއްތިހާދު އެއަރވޭސްގެ ފަރާތުން ވާހަކަދެއްކި ބޭފުޅަކު ވިދާޅުވީ، ސެޕްޓެމްބަރުމަހުން ފެށިގެން ޑިސެމްބަރުމަހުގެ ނިޔަލަށް މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކުރާނެކަމަށެވެ. ނަމަވެސް މިއީ މީގެކުރިން އުނިކުރަމުންދިޔަ އަދަދަށްވުރެ ކުޑަ އަދަދެކެވެ. ކޯވިޑްގެ ސަބަބުން ލިބެމުންދިޔަ ގެއްލުމާއެކު އިއްތިހާދު އެއަރވޭސްގެ މުވައްޒަފުންގެ މުސާރައިން ވަނީ 25 އިންސައްތައާއި 50 އިންސައްތައިގެ ދެމެދުގެ އަދަދެއް ކުޑަކޮށްފައެވެ.

ކޯވިޑްގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި ސިނާއަތަކަށް އޭވިއޭޝަންވެފައިވާއިރު، އިއްތިހާދު އެއަރވޭސްއިން ވަނީ ބައެއް މުވައްޒަފުންވެސް ވަކިކޮށްފައެވެ.

ޔޫއޭއީގެ އެންމެ ބޮޑު އެއަރލައިންތަކުގެ ތެރޭގައި ހިމެނޭ އިއްތިހާދު އެއަރވޭސްގެ މުވައްޒަފުންގެ މުސާރަ މިއަހަރުގެ ނިޔަލަށް ކުޑަކުރުމަށް ނިންމިއިރު، ޔޫއޭއީގެ އެންމެ ބޮޑު އެއަރލައިން އެމިރޭޓްސްއިންވެސް ވަނީ އެއަރލައިންގެ މުވައްޒަފުންގެ މުސާރަ އިއާދަކޮށްފައެވެ. އެގޮތުން އަންނަމަހުން ފެށިގެން އެމިރޭޓްސްގެ މުވައްޒަފުންނަށް ކުރިން ލިބެމުންދިޔަ މުސާރަ ލިބޭނެކަމަށް އެމިރޭޓްސްއިން ބުނެއެވެ.