ވިޔަފާރި

ދިރާގުން ހޮސްޕިޓާލިޓީ ދާއިރާއަށް "ވޫހޫ" ތައާރަފުކުރަނީ


ދިރާގުން ހޮސްޕިޓާލިޓީ ދާއިރާއަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ކޮންޓެކްޓްލެސް ޑިޖިޓަލް ވޮއިސް އެސިސްޓެންޓް "ވޫހޫ" ތައާރަފުކުރަން ނިންމައިފިއެވެ.

ވޫހޫއަކީ އާޓިފިޝަލް އިންޓަލިޖެންސް ނުވަތަ އޭ.އައި ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކަސްޓަމަރުން ބޭނުންވާ ކަންތައްތައް "ވޮއިސް ކޮމާންޑް" ނުވަތަ އަނގަބަހުން މުއާމަލާތްކޮށްގެން އެދެވޭނެ ވަސީލަތެކެވެ. މިވަސީލަތް މެދުވެރިކޮށް ކަސްޓަމަރުންނަށް އެއްވެސް މީހަކާ ބައްދަލުނުކޮށް އެއްޗަކަށް ނުވަތަ ހިދުމަތަކަށް އެދުމުގެ މަގު ފަހިކޮށްދޭނެއެވެ. ރާއްޖެއަށް "ވޫހޫ" ތައަރަފްކުރަން ދިރާގުން މަސައްކަތް ކުރަނީ 'ސްމާޓްބީންސް އިންކް' އާއި "ލިއާ އިންކް" ގުޅިގެނެވެ.

ޖޭބީއެލް ބްރޭންޑުގެ ސްޕީކަރަކާއި ސެޓިން ހެދުމަށް ހާއްސަ ޓެބްލެޓަކާއިއެކު އިންނަ "ވޫހޫ" މެދުވެރިކޮށް ގެސްޓުންނަށް މީހަކައި ބައްދަލުނުކޮށް، ހިދުމަތްދޭ ފަރާތުގެ ކިބައިން ރޫމް ސަރވިސް އަށް އޯޑަރ ކުރުމާއި، ކޮޓަރީގެ ފިނި ހޫނުމިނާއި، އެހެން ކަންތައްތައް ކޮންޓްރޯލްކޮށް، ރިސެޕްޝަންއަށް ގުޅުން ފަދަ ކަންތައްތައް ކުރެވޭނެއެވެ. ވޫހޫގައި މިހާރު 40އަށް ވުރެ ގިނަ ހޮސްޕިޓާލިޓީ ދާއިރާއާއި ގުޅުން ހުރި އެކި ޕްރޮގްރާމްތައް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި އިން-ރޫމް އޮޓޮމޭޝަން، ހައުސްކީޕިންގ، ޕްރޮޕާޓީ މެނޭޖްމެންޓް އަދި ޕޮއިންޓް އޮފް ސޭލްސް ފަދަ ކަންކަމަށް އެދުމަށް ހާޢްސަކޮށް ތައްޔާރުކޮށްފައިވާ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގު ޗީފް މާކެޓިންގ އޮފިސަރ މަހުމޫދު ދައްސަރ ވިދާޅުވި ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔޭގެވެސް ހޮސްޕިޓާލިޓީ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހި، ބޮޑު ހީނަރުކަމެއް އައިސްފައިވާއިރު، "ވޫހޫ" ވެގެންދާނީ ހިދުމަތް ފޯރުކޮށްދޭ އަދި ހިދުމަތް ހޯދާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަަވަރުކުރުމަށް ބޭނުންތެރި ވަސީލަތެއްކަމަށެވެ.

ދިރާގުގެ އަމާޒަކީ ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓިގެ އިތުރުން އެކި ކަހަލަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެކުންފުނިން ހާމަކުރެއެވެ.