ކުޅިވަރު

ލައިން ޖަޖެއްގެ ގައިގައި ބޯޅައިން ޖެހުމުން ޖޮކޮވިޗް ޑިސްކޮލިފައި


މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް ޓެނިސް ބޯޅައަކުން ލައިން ޖަޖެއްގެ ގައިގައި ޖެހުމުން ޔޫއެސް އޯޕަން ޓެނިސް މުބާރާތުން ޑިސްކޮލިފައިކޮށްފިއެވެ.

މުބާރާތުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ޖޮކޮވިޗް ޑިސްކޮލިފައި ކޮށްފައިވަނީ މުބާރާތުގެ ހަތަރުވަނަ ބުރުގައި ސްޕެއިންގެ ޕަބްލޯ ކަރެނޯ އާ ބައްދަލުކުރި މެޗު އޮޅިގެން ޖެހި ބޯޅައެއް ގޮސް ޖަޖުގެ ގައިގައި ޖެހުމުންނެވެ. ޖޮޮކޮވިޗް ކުރި ސާވިސްތަކެއް މިސްވުމުން ރުޅިއައިސް ޖީބުން ބޯޅައެއް ނަގައި ފަހަތަށް ޖެހުމުން ބޯޅަ ގޮސް ޖެހިފައިވަނީ އަންހެން ލައިން ޖަޖެއްގެ ކަރުގައެވެ.

ރެފްރީއާއެކު ގިނަ ވަގުތުތަކެއް މަޝްވަރާ ކުރުމަށް ފަހު ޓެނިސް އެސޯސިއޭޝަންގެ ގަވާއިދެއްގެ ދަށުން ޖޮކޮވިޗް މުބާރާތުން ޑިސްކޮލިފައި ކުރަން ނިންމިއެވެ.

މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ނަގާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި އުމުރުން 33 އަހަރުގެ ޖޮކޮވިޗް ކުޅެމުން އައީ ވިހި ވަނައިގައި އިން ކަރެނޯ އާ ދެކޮޅަށެވެ. މުބާރާތުގެ މިހިސާބަށް އައި އިރު ޖޮކޮވިޗް އެއްވެސް މެޗަކުން ބަލިވެފައެއްވެސް ނުވެއެވެ.

މިމުބާރާތުގައި ޓެނިހުގެ އެންމެ ކާމިޔާބު ދެ ފަރާތް ކަމަށްވާ ރަފެއަލް ނަޑާލް އާއި ރޮޖާ ފެޑެރާ ނުކުޅެއެވެ. މިއީ މި ދެމީހުންނާއި ކައިރިވުމަށް ޖޮކޮވިޗް އަށް ލިބުނު ރަނުގެ ފުރުސަތެކެވެ.

ރެފްރީގެ ނިންމުމަށް އިހުތިރާމް ކޮށް ސަލާމް ކޮށްފައި ދިޔައިރުވެސް އޮޓޯއިން މެޗު ލިބުނު ކަރެނޯ ހުރީ ޝޮކެއްގައެވެ. ކަރެނޯ ބުނި ގޮތުގައި އޭނާއަށް އެމަންޒަރެއް ނުފެނެއެވެ. އެއީ އެވަގުތު އޭނާގެ ކޯޗާއި ވާހަކަ ދައްކަން އަނެއް ފަރާތަށް އެނބުރި ހުރުމުންނެވެ.

ޖޮކޮވިޗް ވަނީ މެޗަށް ފަހު ޖަޖުގެ ކައިރީ މާފަށް އެދި ސޯޝަލް މީޑިއާގައި ވެސް އޭނާގެ ސަޕޯޓަރުންގެ ކައިރިންވެސް މާފަށް އެދިފައެވެ.