ވިޔަފާރި

ގޫގުލް މެދުވެރިކޮށް އިނގިރޭސި ފަތުރުވެރިން އެންމެ ގިނައިން ހޯދަނީ ރާއްޖެއާބެހޭ މަޢުލޫމާތު


އިންޓަރނެޓް މެދުވެރިކޮށް އިނގިރޭސިވިލާތުގެ ފަތުރުވެރިން އެންމެ ގިނައިން ހޯދާފައިވާ މަންޒިލަކީ ރާއްޖެކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގެ ޓްރެވަލް އިންޝުއަރަންސް ކުންފުންޔެއްކަމަށްވާ "މެޑިކަލް ޓްރެވަލް ކޮންޕެއަޑް"އިން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ރާއްޖެއަކީ އެންމެ ގިނައިން އިނގިރޭސި ފަތުރުވެރިން ގޫގަލް މެދުވެރިކޮށް ހޯދާފައިވާ މަންޒިލެވެ. ދިރާސާއިން ދައްކާގޮތުން ރާއްޖެއަކީ އެންމެ ގިނަ އިނގިރޭސި ފަތުރުވެރިން މިއަހަރާއި އަންނަ އަހަރުވެސް ޒިޔާރަތްކުރަން ބޭނުންވާ ޤައުމެވެ.

މިދިރާސާ ދައްކާގޮތުން ރާއްޖޭގެ އިތުރުން ދެވަނަ އަދި ތިން ވަނައަށް އެންމެ ގިނައިން އިނގިރޭސި ފަތުރުވެރިން ގޫގުލް މެދުވެރިކޮށް ހޯދާފައިވަނީ މެކްސިކޯ އަދި ބާލީއެވެ. އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ދިރާސާގައިވާގޮތުން އެންމެ ގިނައިން ރާއްޖެއާ ބެހޭ މަޢުލޫމާތު ހޯދާފައިވަނީ އިނގިރޭސިވިލާތުގެ ދެކުނުގެ ސަރަހައްދުތަކުގައި އުޅޭ ރައްޔިތުންނެވެ.

ކޯވިޑް-19 ގެ ސަބަބުން ޤައުމުގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ރައްޔިތުން ދަތުރުކުރުމަށް އެޤައުމުން އެކުލަވާލާފައިވާ "ފަސޭޙަ ޤައުމުތަކުގެ ލިސްޓު"ގައި އަދި ރާއްޖެ ހިމެނިފައެއް ނުވެއެވެ. އެހެންކަމުން ރާއްޖެ ދަތުރުކުރާ އިނގިރޭސި ފަތުރުވެރިން އަނބުރާ ޤައުމަށް ދިއުމަށްފަހު 14 ދުވަސް ވަންދެން ކަރަންޓީންވާނެޖެއެވެ. މިކަމުގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރާ އިނގިރޭސި ފަތުރުވެރިންގެ އަދަދު ދަށަށްދާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އިނގިރޭސިވިލާތުގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ވިދާޅުވީ، ޓުއަރިޒަމް މިނިސްޓްރިއާއި އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ޔޫކޭގެ ކޮރިޑޯރ ލިސްޓުގައި ރާއްޖެ ހިމެނުމާ ގުޅޭ މަޝްވަރާތައް އިނގިރޭސި ސަރުކާރާއެކު ކުރަމުންދާކަމަށެވެ. އަދި މަޝްވަރާތައް ކާމިޔާބުވެއްޖެނަމަ، އިނގިރޭސިވިލާތުން އެކުލަވާލާފައިވާ ޓްރެވަލް ކޮރިޑޯރ ލިސްޓުގައި ރާއްޖެ ހިމަނާނެކަމަށް ތޮއްޔިބް ވިދާޅުވިއެވެ.