ޚަބަރު

ތުޅާދުއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި


ތުޅާދޫއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ، މި ތަކެތި އަތުލައިގެންފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ބ. ތުޅާދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ. އެ އިދާރާއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ތަކެތި އަތުލައިގެންފައިވަނީ ކަނޑުމަގުން ތުޅާދުއަށް އެެތެރެ ކުރަން އުޅެނިކޮށެވެ. އެތަކެތި ހޯދާފައިވަނީ މާލެއިން ފުރައިގެން ތުޅާދޫއަށް ދަތުރުކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ.

މި އޮޕަރޭޝަނުގައި، އެ ލޯންޗުން ބޭލި ފޮށިގަނޑެއް ބަލައިފާސްކުރިއިރު އެ ފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއްގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ހޯދާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައެއް ނުވެއެވެ. އަދި މި މައްސަލަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.