ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ހުށައެޅުނު މަސައްކަތުގެ %68 މަސައްކަތް ނިންމައި މަޖިލީހުގެ މެންބަރުން ޗުއްޓީއަށް ވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ އެންމެފަހު ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ، މަޖިލީހުގެ މިދައުރުގައި ރައްޔިތުންނާއި ގުޅުންހުރި މުހިންމު ބިލްތަކެއްގެ މަސައްކަތް ނިންމާފައިވާކަމަށެވެ. ޚާއްޞަކޮށް ޖިނާއީ އިޖުރާތުގެ ޤާނޫނަށް ގެނައި އިޞްލާހުތަކާއި، ފެނާއި ނަރުދަމާގެ ބިލާއި، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ބިލާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިބްލާހު ގެނައުމުގެ ބިލާއި، ވަޒީފާއާއި ބެހޭ ޤާނޫނަށް ގެނައި އިޞްލާހުތައް އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި މިނިވަން މުއައްސަސާތަކަށް މެންބަރުން ޢައްޔަންކުރުމުގައިވެސް މުހިންމު މަސައްކަތްތަކެއް ކުރެވުނުކަމަށް އީވާ ވިދާޅުވިއެވެ.
"މަޖިލީހުގެ ދައުރުގެ ތެރޭގައި 21 ޤާނޫނު، 9 ގަރާރު، ސަރުކާރުން ހުށަހަޅުއްވާފައިވާ 18 މައްސަލަ، ރިޔާސަތުން ހުށަހަޅުއްވާފައިވާ 11 މައްސަލަ، 16 ކުއްލި މައްސަލަ މަޖިލީހުގެ މެންބަރުން ހުށައެޅުއްވި 3 މައްސަލަ، އެހެން މައްސަލަތަކާއި ގުޅޭ 29 މަސައްކަތް އަދި ވަޒީރުންނާ 30 ސުވާލުކުރައްވާފައިވާފައިވޭ." އީވާ ޢަބްދުﷲ ވިދާޅުވިއެވެ.
މީގެ އިތުރުން ކޯވިޑް-19އާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތަކަށް ލަފާދިނުމަށް 17 ކޮމިޓީއަކުން ދިރާސާކޮށް ރައީސުލްޖުމްހޫރިއްޔާއާއި، ސަރުކާރަށް ލަފާއަރުވާފައިވާކަމަށް މަޖިލީހުގެ ނާއިބު ރައީސް ވިދާޅުވިއެވެ. އަދި ކޯވިޑް-19ގެ މިޙާލަތުގައި މަޖިލީހުގެ މެންބަރުން ފުރަތަމަ ދައުރު ނިންމައި ޗުއްޓީއެއް ނުނަންގަވާ މަސައްކަތްކުރެއްވިކަން ފާހަގަކުރައްވާ މަޖިލީހުގެ ނާއިބު ރައީސް ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތައް އެންމެ ފުރުހަމައަށް ކުރިއަށްގެންދެވުނީ ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންގެ ހީވާގި މަސައްކަތުންކަމަށެވެ.
މަޖިލީހުގެ ފުރަތަމަ ދައުރާއި 2ވަނަ ދައުރާއެކީ ޖުމްލަ 76 ޖަލްސާއެއް ބާއްވާފައިވެއެވެ. މަޖިލީހުގެ 2ވަނަ ދައުރު ނިންމައި މެންބަރުން 1 މަސް ދުވަހުގެ ޗުއްޓީއަށް މިއަދު ވަޑައިގެންފައިވާއިރު ދެން މަޖިލީހުގެ ޖަލްސާތައް ފަށާނީ އަންނަ އޮކްޓޯބަރުމަހުއެވެ.