ޚަބަރު

އެއްދުވަސް ތެރޭ އިންޑިޔާއިން 90،000އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިއްޖެ


ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިޔާގައި ރެކޯޑު ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިއްޖެއެވެ.

ދުނިޔޭގައި ތިންވަނައަށް އެންމެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާގައެވެ. އެ ޤައުމުގައި މިހާތަނަށް 4.1 މިލިއަން މީހުންނަށް ބަލިޖެހި 70،700 މީހުންވަނީ މަރުވެފައެވެ. އިންޑިޔާގެ ސަރުކާރުން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 90،632 މީހުންނަށް ބަލިޖެހިފައިވާކަމަށާއި 1،065 މީހުން މަރުވެފައިވާކަމަށެވެ. އެއާއެކު ދެވަނައަށް އެންމެ ގިނަ މީހުންނަށް ބަލިޖެހިފައިވާ ބުރެޒިލުގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދަށްވުރެ އިންޑިޔާގެ ޢަދަދުތައް ކުރިއަށް އޮތް އެއް ދުވަހުގެ ތެރޭގައި އިތުރުވާނެކަމަށް ޤަބޫލުކުރެވެއެވެ.

ޞިއްޙީ މާހިރުން ބުނީ އިންޑިޔާގެ ބައެއް ސަރަޙައްދުތަކުގައި ބަލީގެ ދެވަނަ ރާޅެއް ފެށިފައިވާކަމަށެވެ. އަދި ބަލި ޖެހިފައިވާ މީހުންގެ ޢަދަދު އިތުރުވެފައިވަނީ ތަހުލީލުކުރުން އިތުރުކުރުމުގެ ސަބަބުންނާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދީފައިވާތީކަމަށެވެ.

ނިއު ދިއްލީގެ އޯލް އިންޑިޔާ އިންސްޓިޓިއުޓު އޮފް މެޑިކަލް ސައިންސަސްގެ ޑިރެކްޓަރު ރަންދީޕު ގުލޭރިއާ ވިދާޅުވީ އިންޑީޔާގައި ބަލި ފެތުރުން މި އަހަރުގެ ތެރޭގައި ހުއްޓުމަކަށް ނާންނާނެކަމަށެވެ. ބަލި ފެތުރޭ މިންވަރު އަދިވެސް އިތުރުވެގެން ނޫނީ ދަށަށްދާން ނުފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.