ޚަބަރު

ލުބުނާނުގެ އިމާރާތުގެ ދަށުގައި ދިރިހުރި މީހަކު ނެތް


މިދިޔަ އޮގަސްޓު މަހުގެ 4ވަނަ ދުވަހު ލުބުނާނުގެ ބައިރޫތުގައި ގޮވި ބޮޑުގޮވުންތަކުގެ ސަބަބުން ވެއްޓިފައިވާ އިމާރާތެއްގެ ދަށުން މީހެއް ދިރިހުރުމުގެ ނިޝާންތަކެއް ފެނި އެ ސަރަޙައްދު ބެލި ބެލުމުން އެއްވެސް މީހެއް ދިރިހުރިކަމަށް ޤަބޫލުނުކުރެވޭކަމަށް އެ މަސައްކަތުގައި އުޅުނު ފަރާތްތަކުން ބުނެފިއެވެ.

ހާދިޘާ ހިންގުމުގެ އެއް މަސް ދުވަސް ފަހުން އެންމެ ބޮޑެތި ގެއްލުންތައް ލިބުނު އެއް ސަރަޙައްދުކަމުގައިވާ ގެންމޭޒު ސަރަޙައްދުން މީހުން ސަލާމަތްކުރުމުގައި ޙަރަކާތްތެރިވާ ކުއްތާއަކަށްވަނީ އިމާރާތެއްގެ ދަށުން އިންސާނެއްގެ ހިލަމެއްވެފައެވެ. އެއާއެކު ސްކޭނަރުފަދަ ވަޞީލަތްތައް ބޭނުންކޮށް އެ އިމާރާތުގެ ތެރެއިން މީހެއްގެ ވިންދާއި ނޭވާލުން ދެނެގަނެވިފައިވާކަމަށް ކަމާބެހޭ ފަރާތްތަކުންވަނީ ބުނެފައެވެ. އެއަށްފަހު މީހުން ސަލާމްތަކުރުމުގައި ޙަރަކާތްތެރިވާ 50އަށްވުރެ ގިނަ މީހުންނާއި ދަރުމަވެރިންވަނީ ތިން ދުވަސްވަންދެން އެ ސަރަޙައްދުގައި ޙަރަކާތްތެރިވެފައެވެ.

މީހުން ސަލާމަތްކުރުމުގައި ޙަރަކާތްތެރިވާ ވަފުދެއްގައި އިސްކޮށް ހުންނަވާ ފްރާންސިސްކޯ ލާމަންޑާ ވިދާޅިވުވީ އެ އިމާރާތުގެ 95 އިންސައްތަ ބަލައި ފާސްކޮށްފައިވާކަމަށާއި މީހަކު ދިރިހުރިކަމުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާކަމަށެވެ. ފާއިތުވި ދެ ދުވަހުގެ މަތިން ފާހަގަކުރެވުނު ނިޝާންތަކަކީ އިމާރާތުގެ އެތެރޭގައި ޙަރަކާތްތެރިވަމުންދިޔަ ދަރުމަވެރިންގެ ނޭވާގެ ނިޝާންތައްކަމަށް ޤަބޫލުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ދެން މަސައްކަތްކުރާނީ އެ ސަރަޙައްދު ސާފުކޮށް މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމަށްކަމަށް އޭނާ ވިދާޅުވިއެވެ. މީހަކު ދިރިހުރިކަމުގެ އެކެއް އިންސައްތައިގެ އުންމީދެއް އޮތްނަމަވެސް މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

އޮގަސްޓު މަހުގެ 4ވަނަ ދުވަހު ހިންގި ނުރައްކާތެރި ހާދިޘާގައި ބައިރޫތުގެ މައި ބަނދަރު ކައިރީގައި ގުދަންކޮށްފައިހުރި 2،750 ޓަނުގެ އެމޮނިއަޓް ނައިޓްރޭޓު ގޮވައި 190މީހުންވަނީ މަރުވެފައެވެ. އެ ހާދިޘާގައި 6000އަށްވުރެ ގިނަ މީހުން ޒަޚަމްވެ އެތައް ހާސް ބައެއްގެ ގެދޮރުވަނީ ގެއްލިފައެވެ. މާއްދީ ބޮޑެތި ގެއްލުންތައް ލިބުނު ހާދިޘާގައި ބޮޑެތި އިމާރާތްތައްވަނީ ބިމާ ހަމަވެފައެވެ.