ޚަބަރު

ބޭރު އެއްވެސް ޤައުމެއްގެ ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި ނެތް - އެމްއެންޑީއެފް


ބޭރު އެއްވެސް ޤައުމެއްގެ ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި ނެތްކަމަށް އެމްއެންޑީއެފުން ހާމަކުރައްވައިފިއެވެ. މިފަދައިން ދިވެހި ސިފައިން ވިދާޅުވެފައިވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަމުންދާ ކަމަށް އަޑުފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ދިފާޢީ ސިޔާސަތު ނޫސްވެރިންނާއި ހިއްސާކުރައްވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، ދިވެހި ސިފައިންނާއި ބޭރު ޤައުމުތަކުގެ އަސްކަރިއްޔާއާއި އޮންނަ ގުޅުމާމެދު ސުވާލު އުފައްދާކަމަށާއި، އެހެންނަމަވެސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލް ދެމެހެއްޓުމަށް ދިވެހި އަސްކަރިއްޔާއިން އަބަދުވެސް ދެމިތިބޭނެ ކަމަށެވެ. މިކަން ޔަޤީންކޮށްދެއްވަމުން، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ ބޭރު އެއްވެސް ޤައުމެއްގެ ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި ނެތްކަމަށެވެ. އަދި ރާއްޖޭގައި މިވަގުތު ތިބީ އިންޑިއާ އާއި ލަންކާފަދަ ޤައުމުތަކުން ފަންނީ ކަންކަމުގައި ހަރަކާތްތެރިވާ ސިފައިން ކަމަށް މޭޖަރ ޖެނެރަލް ވިދާޅުވިއެވެ.

" އެހެން ޤައުމެއްގެ އަސްކަރީ ޕްރެސެންސެއް ރާއްޖޭގައިނެތް. ރާއްޖޭގެ މިނިވަންކަމާއިސިޔާދަތައި އިސްތިޤްލާލް ދެމެހެއްޓުމުގައި އަބަދުވެސް ސިފައިން ދެމި އޮންނާނެ. އިންޑިއާގެ މިވަގުތު ހަރަކާތްތެރިވަނީ އިންޑިއާ އަދި ލަންކާފަދަ ޤައުމުތަކުން އިންސާނިއްޔަތާއި ތަމްރީންދިނުންފަދަ ޓެކްނިކަލް ކަންކަމަށް އެހީވުމަށް ހަރަކާތްތެރިވާ ސިފައިން" ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފް ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންކުރާ ސިސްޓަމްގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 10 ސަރަހައްދެގައި ރާޑަރ ސިސްޓަމް އަޕްގްރޭޑްކުރުމުގެ މަސައްކަތް މިއަހަރު ފަހުކޮޅު ނިންމާލެވޭނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެމެރިކާ ސަރުކާރުގެ އެހީގައި އޮޓަމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމްތަކެއް ބެހެއްޓުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށާއި، މި ސިސްޓަމުން ނައިޓް ވިޝަންގައި 5 ކިލޯ މީޓަރާއި، 7 ކިލޯ މީޓަރުގެ ދުރުމިން ސާފުކޮށްފެންނާނެ ކަމަށް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފް ވިދާޅުވިއެވެ.

"90ގެ އަހަރުތަކުގައި އިންޑިއާއިން އެހީވި ނޮވެމްބަރ 3ގެ ހަމަލާއާއި ގުޅިގެން. އޭރު ވަނީ އެނގުމަކާ ނުލާ އުޅަނދުތައް ރާއްޖެއަށް އައުން ހުއްޓުވުމަށް އިންޑިއާއިން އެންމެ ފުރަތަމަ 1 ރާޑަރ ސިސްޓަމް ހަދިޔާކުރި. ދެން 3 ސިސްޓަމް އައްޑޫ ލާމު ހއ މާލޭގައި ބެހެއްޓުނު. މިހާރު އިތުރު 7 ސިސްޓަމް ބަހައްޓާ ކުރީގެ ސިސްޓަމްތައް އަޕްގްރޭޑްކޮށް މިއަހަރު ފަހުކޮޅު ނިންމަލެވޭނެކަމަށް ބެލެވެނީ" ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފް ވިދާޅުވިއެވެ.

އެމްއެންޑީއެފްއިން ވަނީ ރާއްޖެއަށް އެހީއަށް ބެނުންވި ކޮންމެ ދަނޑިވަޅެއްގައިވެސް ބައިނަލްއަޤްވާމީ ބައިވެރިން ބޮޑެތި އެހީތަކެއް ވެދޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން އިންޑިއާ ކަނޑުގެ ރައްކާތެރިކަން ކަށަވަރުކޮށް ޕައިރަސީ ހުއްޓުވުމަށް މިވަގުތުވެސް މަސައްކަތް ކުރަމުން އަންނަކަން އެމްއެންޑީއެފުން ހާމަކުރެއްވިއެވެ.