ކުޅިވަރު

ސްޕެއިން މެޗަށްފަހު އިތުބާރު ލިބިއްޖެ: ލޯ


ޔުއެފާ ނޭޝަންސް ލީގުގައި ސްވިޒަލޭންޑާ ދެކޮޅަށް ނުކުންނައިރު އެންމެ ފަހުން ސްޕެއިންނާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗަށްފަހު ޓީމަށް ބޮޑު އިތުބާރެއް ލިބިއްޖެކަމަށް ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ބުނެފިއެވެ.

ލޯ ބުނީ މެޗާ ކުރިމަތިލާއިރު އަނިޔާގެ މާބޮޑެތި މައްސަލަތައް ނެތުން އެއީ އޭނާއަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އެނާ ބުނީ ހުރިހާ ކުޅުންތެރިން ވެސް ތިބީ މިމެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފަކަމަށެވެ. ލޯ ބުނީ ސްވިޒަލޭންޑްގެ ފުޓްބޯޅަ 2014 ވަނަ އަހަރުން ފެށިގެން އަންނަނީ ކުރި އަރަމުން ކަމަށެވެ. އެގޮތުން އެގައުމުން މޮޅެތި ގިނަ ކުޅުންތެރިން އުފެދިއްޖެކަމަށާއި މުޅި ޓީމަށް ބަލާއިރު ޓީމުގެ ކުޅުމުގެ ސްޓައިލު ތަފާތުކަމަށެވެ.

ލޯ ބުނީ ސްވިޒަލޭންޑަކީ ޖަރުމަނާއި ސްޕެއިންނާ އެއްގޮތް ސްޓައިލަކަށް ކުޅެމުން އަންނަ ޓީމެއް ކަމަށެވެ. އޭނާ ބުނީ މިރޭގެ މެޗުން ބައެއްކަހަލަ ބަދަލުތަކެއް ޓީމުން ފެނިގެންދާނެކަމަށެވެ. ލޯ ބުނީ ނޭޝަންސް ލީގުގެ ސަބަބުން ވަރުގަދަ މެޗުތައް ކުޅެންލިބި ޓީމުގެ ކޮލިޓީ ހިފެހެއްޓުމަށް ބާރަކަށް ވެގެންދާ ކަމަށެވެ. އަދި މިމެޗުތަކުން ގިނަކަންކަން ދަސްވެގެންދާކަމަށް އޭނާ ބުންޏެވެ. އެންމެ ފަހުން މި ދެޓީމް 2012 ވަނަ އަހަރު ވާދަކުރި މެޗު 5-3 ލަނޑުން ކާމިޔާބުކުރީ ސްވިޒަލޭންޑްއެވެ.