ކުޅިވަރު

ބާސެލޯނާގެ ޕްރެކްޓިސް ކުރިޔަށް، އެކަމަކު އަދިވެސް މެސީ އެއް ނެތް؟


އައު ސީޒަނަށް ތައްޔާރުވުމަށް ބާސެލޯނާއިން ފަރިތަކުރުންތައް ކުރިޔަށްގެންދާއިރު ކުލަބުގެ ތަމްރީންތަކުގައި އަދިވެސް ލިއޮނަލް މެސީ ބައިވެރިވެފައެއް ނުވެއެވެ.

މިދިޔަ ސީޒަނަށްފަހު ކުލަބުގެ ވެރިންނާ މައްސަލަ ޖެހި ބާސެލޯނާ ދޫކޮށްލަން ބޭނުންވާ ކަމަށް މެސީ ވަނީ ބުނެފައެވެ. އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ހުރިހާ ކުޅުންތެރިން ކޯވިޑް-19 އަށް ޓެސްޓުކުރި އިރުވެސް މެސީ ވަނީ ޓެސްކުރުމަށް ދެކޮޅު ހަދާ ތަމްރީންތަކުގައި ބައިވެރިނުވާނެކަމަށް ބުނެފައެވެ. ނަމަވެސް އެންމެ ފަހުން ކުލަބުގެ ވެރިންނާއެކު ބޭއްވި ބައްދަލުވުމަށްފަހު މެސީ ނިންމާފައިވަނީ އަންނަ ސީޒަނުގެ ނިޔަލަށް ބާސެލޯނާގައި މަޑުކުރުމަށެވެ.

މެސީ ބުނީ އެނާ އެގޮތަށް ނިންމީ ބާސެލޯނާ ގޮވައިގެން ކޯޓަށް ދާން އޭނާގެ ޒަމީރު ގަބޫލްނުކުރެވޭތީކަމަށެވެ. ކުރިޔަށް އޮތް ސީޒަނަށް ފަހު ހިލޭ ޓްރާންސްފާއެއްގައި ބާސެލޯނާ ދޫކޮށްލުމުގެ ފުރުސަތު މެސީއަށް އޮންނާނެއެވެ. ކުލަބުގައި މަޑުކުރަން ނިންމި ފަހުން ބޭއްވި އެއްވެސް ތަމްރީނެއްގައި މެސީ ބައިވެރިނުވާއިރު ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ކުރިން ހަދަންޖެހޭ ކޯވިޑް ޓެސްޓުވެސް މެސީ ހަދާފައެއްނުވެއެވެ.

ސްޕެއިންގެ މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ކުރިޔަށް 24 ގަޑިއިރު ތެރޭގައި މެސީ ކޯވިޑް-19 އަށް ޓެސްޓުކޮށް ބާސެލޯނާގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާނެއެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރު ހޯދާފައިވާ މެސީ ވަނީ ބާސެލޯނާއަށް 30 ތަށި ހޯދައިދީ 600 ވުރެ ގިނަ ލަނޑު އެކުލަބަށް ކާމިޔާބުކޮށްދީފައެވެ.