ކުޅިވަރު

ބަޔާން ދޫކޮށްލަން އުޅޭ ވާހަކައެއް ނުދައްކަން: ތިއާގޯ


ޖަރުމަނުގެ ބަޔާން މިއުނިކް ދޫކޮށްލަން އުޅޭ ވާހަކަ އޭނާ ނުދައްކާކަމަށް ސްޕެއިންގެ ތިއާގޯ އަލްކަންޓާރާ ބުނެފިއެވެ.

މިހާރު ސްޕެއިންގައި ހުރި ކުޅުންތެރިޔާ މިހެން ބުނީ ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ޔޫކްރެއިން އާއި ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް ބޭއްވި އެންމެ ފަހުގެ ފަރިތަކުރުންތަކަށްފަހު ވާހަކަދައްކަމުންނެވެ. ތިއާގޯ ބުނީ އޭނާގެ މުސްތަގުބަލާ މެދު އެއްޗެއް ބުނަން ނޭނގޭކަމަށާއި ހުރިހާ ވިސްނުމެއް މިވަގުތު ހުރީ މިރޭގެ މެޗަށްކަމަށެވެ. އުމުރުން 29 އަހަރުގެ މިޑްފީލްޑަރ ބުނީ އޭނާ ބަޔާން މިއުނިކް ދޫކޮށްދާން ބޭނުންވާ ވާހަކަ ދައްކާފައި ނުވާނެކަމަށެވެ. ތިއާގޯ ބުނީ މީހަކު ކޮންމެފަދަ ވާހަކައެއް ދެއްކިޔަސް ފަރުވާލެއް ނެތްކަމަށާއި އަދި އޭނާ އެކަމާ ކަންބޮޑުވެސް ނުވާކަމަށެވެ.

ތިއާގޯ ބަޔާން ދޫކޮށްދާން ބޭނުންވި ނަމަވެސް ބަޔާނުން އަންނަނީ ކުޅުންތެރިޔާ ލައްވާ އެއްބަސްވުން އައު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ތިއާގޯ ވަނީ ބަޔާންގައި މަޑުކުރަން ބޭނުންނުވާ ކަމަށް ބުނެފައެވެ. އެހެންކަމުން ބަޔާން މިއުނިކުން ބޭނުންވަނީ އަންނަ ސީޒަންގައި ހިލޭ ޓްރާންސްފާގައި ތިއާގޯ ދޫކޮށްލުމުގެ ކުރިން އޭނާ ވިއްކާލާށެވެ.

ތިއާގޯ ހޯދުމުގެ ރޭހަށް އެންމެ ފުރަތަމަ ވަތް ކުލަބަކީ އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން ލިވަޕޫލެވެ. ލިވަޕޫލުން މިހާރު ރޭހުގެ ފަހަތަށް ޖެހިލީ ކުޅުންތެރިޔާ ވިއްކަން ބަޔާނުން ކިޔާ އަގު މާބޮޑުވުމުންނެވެ. ތިއާގޯ ހޯދުމަށް މެންޗެސްޓާރގެ ދެ ކުލަބުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެންމެފަހުން ތިއާގޯ ހޯދުމުގެ ރޭހަށް ވަތް ކުލަބަކީ މިފަހަރު ސީޒަނަށް ގިނަ ކުޅުންތެރިންތަކެއް ހޯދި ޗެލްސީއެވެ.

ބަޔާން މިނިކުން ތިއާގޯ ވިއްކާލަން ކިޔާ އަގަކީ 30 މިލިއަން ޔޫރޯއެވެ. ކުރިން ބާސެލޯނާ އަށް ކުޅުނު ތިއާގޯ ވަނީ 2013 ވަނަ އަހަރު އެ ކުލަބު ދޫކޮށް ބަޔާންއަށް ބަދަލުވެފައެވެ. އޭނާ ވަނީ ބަޔާން މިއުނިކާ އެކު ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ. އަދި ހުސްވި ސީޒަންގައި ބަޔާންއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމުގައި ތިއާގޯ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.