ޚަބަރު

މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ކޯވިޑް-19 ޖެހިގެން 1.9 މިލިއަން މީހުން މަރުވާނެ: ދިރާސާ


މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ކޯވިޑް-19 ޖެހިގެން 1.9 މިލިއަނަށްވުރެ ގިނަ މީހުން މަރުވާނެކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ދުނިޔޭގައި މިހާތަނަށް 26.7 މިލިއަން މީހުންނަށް މީހުންނަށް ކޯވިޑް-19 ޖެހި 879،000 މީހުންވަނީ މަރުވެފައެވެ.

ޔުނިވަސިޓީ އޮފް ވޮޝިންޓަންގެ އިންސްޓިޓިއުޓް ފޮރ ހެލްތު މެޓްރިކްސް އެންޑް އިވަލުއޭޝަނުން، އައިއެޗުއެމްއީ ކުރި ދިރާސާއެއްގައި ބުނީ މި އަހަރު ނިމުމުގެ ކުރިން މިހާތަނަށް މަރުވެފައިވާ މީހުންގެ ޢަދަދު ތިން ގުނައަށް އިތުރުވުން އެކަށީގެންވާކަމަށެވެ. އެމެރިކާގައި ބަލި ފެތުރޭ މިންވަރު އިތުރުވެ އެ ޤައުމުގައި މަރުވާ މީހުންގެ ޢަދަދުވެސް 410،000އަށް އިތުރުވާނެކަމަށް ބެލެވޭކަމަށް އެ ދިރާސާގައިވަނީ ބުނެފައެވެ. އެންމެ ރަނގަޅު ޙާލަތުގައި 288،381 މީހުން އަދި އެންމެ ގޯސް ޙާލަތުގައި 620،029 މީހުން އެމެރިކާގައި މަރުވާނެކަމަށް ދިރާސާގައިވަނީ އަންދާޒާކޮށްފައެވެ. ނަމަވެސް އެ ޢަދަދުތައް ބަރޯސާވަނީ ޢާންމުންގެ ޢަމަލުތަކާއި ސަރުކާރުތަކުން އަޅާ ފިޔަވަޅުތަކުގެ މައްޗަށްކަމަށް ދިރާސާގައިވަނީ ފާހަގަކޮށްފައެވެ.

ޔުނިވަސިޓީ އޮފް ވޮޝިންޓަންގެ ފަރާތުން ވާހަކަ ދެއްކެވި ޑރ. ކްރިސްޓޮފާ މުރޭ ވިދާޅުވީ މާސްކު ބޭނުންކުރުން މަޖުބޫރުކުރުމާއި އިޖުތިމާޢީ ގައިދުރުކަން ބަހައްޓާނަމަ އެތައް ހާސް ބައެއްގެ ފުރާނަ ސަލާމަތްކުރެވޭނެކަމަށެވެ. އެގޮތުން 770،000 މީހުންގެ ފުރާނަ ސަލާމަތްކުރެވޭނެކަމަށް ދިރާސާގައިވަނީ ބުނެފައެވެ. ނަމަވެސް ބަލިމަޑުކަމުގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ފިޔަވަޅުތައް އެޅުމުގައި ޤައުމުތަކުގެ ސަރުކާރުތަކުން ފަސްޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ އާބާދީގެ އެންމެ ބޮޑު ބައެއް ދިރިއުޅެނީ ދުނިޔޭގެ އުތުރު ހެމިސްފިއާގައެވެ. ކޮންމެ އަހަރަކުވެސް މޫސުން ބަދަލުވެ ފިނި މޫސުން ފެށުމުން އެ ސަރަޙައްދުތަކުގައި ނޭވާލާ ނިޒާމަށްޖެހޭ ބަލިތައް އިތުރުވެއެވެ. އެހެންކަމުން، ނޭވާލާ ނިޒާމަށް އަސަރުކުރާ ބައްޔެއްކަމަށްވާ ކޯވިޑް-19ގެ އަސަރުވެސް ފިނި މޫސުމުގައި އިތުރުވާނެކަމަށް ޤަބޫލުކުރައްވާކަމަށް ޑރ. މުރޭ ވިދާޅުވިއެވެ. ބަލިން ރައްކާތެރިކޮށްދޭ ވެކްސިނެއް ހޯދުނުކަމިގައިވާ ނަމަވެސް ގިނަ ޢަދަދެއްގެ މީހުންނަށް ބަލި ޖެހުމުގެ ކުރިން މީހުންނާ ހަމައަށް ވެކްސިން ފޯރުކޮށް ނުދެވޭނެތީ މަރުވާ މީހުންގެ ޢަދަދަށް ބަދަލެއް އަންނާނެކަމަށް ޤަބޫލުނުކުރެވޭކަމަށް ޑރ. މުރޭ ވިދާޅުވިއެވެ.

އައިއެޗުއެމްއީއިން ކުރި ދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި ކޯވިޑް-19 ޖެހިގެން އެންމެ ގިނަ ޢަދަދެއްގެ މީހުން ދުނިޔޭގައި މަރުވާނީ ޑިސެމްބަރު މަހުގެ މެދުތެރޭގައެވެ. އެ ދުވަސްވަރު ދުވާލެއްގެ މައްޗަށް 30،000 މީހުން މަރުވާނެކަމަށް އެ ދިރާސާގައިވަނީ އަންދާޒާކޮށްފައެވެ. އެމެރިކާގައި އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވާނެކަމަށް ބެލެވެނީ ޑިސެމްބަރު މަހުގެ ކުރީކޮޅުގައެވެ. އެ ދުވަސްވަރު ދުވާލަކު 2،900 މީހުން އެ ޤައުމުން މަރުވާނެކަމަށް ދިރާސާގައިވަނީ ބުނެފައެވެ. 2021ވަނަ އަހަރު ފެށެންވާއިރަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވާނެކަމަށް ބެލެވެނީ އިންޑިޔާއާއި އެމެރިކާއާއި ބުރެޒިލާއި މެކްސިކޯގެ އިތުރުން ޖަޕާނުގައެވެ.