ޚަބަރު

ކޯވިޑް-19 ޖެހިގެން އެންމެ ގިނަ ޞިއްޙީ ޚިދުމަތްތެރިން މަރުވަނީ މެކްސިކޯގައި


ކޯވިޑް-19ގެ ސަބަބުން އެންމެ ގިނަ ޢަދަދެއްގެ ޞިއްޙީ ޚިދުމަތްތެރިން މަރުވެފައިވަނީ މެކްސިކޯގައިކަމަށް އެމްނެސްޓީ އިންޓަނޭޝަލުން ބުނެފިއެވެ.

އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ އެމްނެސްޓީ އިންޓަނޭޝަނަލުން އިން ބުނީ ދުނިޔޭގެ އެކި ސަރަޙާއްދުތަކުގައި ޖުމްލަ 7،000އަށްވުރެ ގިނަ ޞިއްޙީ ޚިދުމަތްތެރިން ކޯވިޑް-19ގެ ސަބަބުން މަރުވެފައިވާކަމަށެވެ. އޭގެ ތެރެއިން 1،329 ޞިއްޙީ ޚިދުމަތްތެރިން މަރުވެފައިވަނީ މެކްސިކޯގައެވެ. ގިނަ ޢަދަދެއްގެ ޞިއްޙީ ޚިދުމަތްތެރިން މަރުވެފައިވާ އެހެން ޤައުމުތަކުގެ ތެރޭގައި އެމެރިކާއާއި ބުރެޒިލާއި އިންޑިޔާ ހިމެނެއެވެ. އެމެރިކާގައި 1،077 ޞިއްޙީ ޚިދުމަތްތެރިން މަރުވެ ބުރެޒިލުގައި 634 މީހުންވަނީ މަރުވެފައެވެ. އަދި އިންޑިޔާގައި މަރުވި ޞިއްޙީ ޚިދުމަތްތެރިންގެ ޢަދަދުހުރީ 573ގައެވެ.

ކޯވިޑް-19 ޖެހިގެން އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީ އެމެރިކާއާއި ބުރެޒިލާއި އިންޑިޔާގައެވެ. އެ ތިން ޤައުމުން މިހާތަނަށް 14 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 387،000 މީހުންވަނީ މަރުވެފައެވެ. މެކްސިކޯގައި މިހާތަނަށް 610،000 މީހުންނަށް ކޯވިޑް-19 ޖެހި 66،000 މީހުންވަނީ މަރުވެފައެވެ.

މެކްސިކޯގެ ސަރުކާރުން މިދިޔަ އޮގަސްޓު މަހު ޙިއްޞާކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޞިއްޙީ ޚިދުމަތްތެރިން މެކްސިކޯގައި މަރުވުމުގެ ފުރުޞަތު އެމެރިކާއަށްވުރެ ހަތަރު ގުނަ އަދި ބުރެޒިލަށްވުރެ އަށްގުނަ އިތުރެވެ. މެކްސިކޯގެ ސަރުކާރުން ބުނީ އެ ޤައުމުގައި 102،494 ޞިއްޙީ ޚިދުމަތްތެރިނަށް ބަލިޖެހި އޭގެތެރެއިން 1،378 މީހުން މަރުވެފައިވާކަމަށެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ ފަރާތުން ވާހަކަ ދެއްކެވި ސްޓީވް ކޮކްބާން ވިދާޅުވީ ބަލި ފެތުރޭތާ ގިނަ މަސްތަކެއް ވެފައިވާއިރު ގިނަ ޢަދަދެއްގެ ޞިއްޙީ ޚިދުމަތްތެރިން މެކްސިކޯއާއި ބްރެޒިލާއި އެމެރިކާފަދަ ޤައުމުތަކުގައި މަރުވަމުންދާކަމަށެވެ. ޞިއްޙީ ޚިދުމަތްތެރިންނަށް ބޭނުންވާ ރައްކާތެރިކަމުގެ ސާމާނު ލިބޭކަން ޔަޤީންކުރުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން ބޭނުންވާކަމަށާއި އިތުރު އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށެވެ. ބޭނުންވާ މިންވަރަށް ރައްކާތެރިކަމުގެ ސާމާނު ނުލިބޭކަމުގެ ޝަކުވާ އެންމެ ގިނައިން ކުރަނީ ބުރެޒިލުގެ ޞިއްޙީ ޚިދުމަތްތެރިންކަން އެ ޖަމުޢިއްޔާއިންވަނީ ފާހަގަކޮށްފައެވެ.

ކޮކްބާން ވިދާޅުވީ މި ބަލިމަޑުކަމުގެ ތެރޭގައި ޞިއްޙީ ޚިދުމަތްތެރިންނަކީ ބަޠަލުންގެ ގޮތުގައި ސަރުކާރުތަކުން ސިފަކުރަމުންދާކަމަށެވެ. ނަމަވެސް ރައްކާތެރިކަމުގެ އެންމެ އާދައިގެ ސާމާނު ނުލިބުމުގެ ސަބަބުން ޞިއްޙީ ޚިދުމަތްތެރިން ނުރައްކަލަށް ހުށަހެޅި މަރުވުނަމަ ސަރުކާރުތަކުން ކުރަމުންދާ ތަޢުރީފުގެ އަގެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.