ރާއްޖޭގެ އަމިއްލަ އެއަރލައިނެއްކަމަށްވާ، ފްލައިމީއިން ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ ފްލައިޓެއް އޮޕަރޭޓްކޮށްފިއެވެ.
ވިލާ އެއަރގެ ފުރަތަމަ ބައިނަލްއަޤްވާމީ ފްލައިޓް ބާއްވާފައިވަނީ ސްރީލަންކާއަށެވެ. ދިވެހި ކްރޫންނާއެކު ކުރި ޗާޓަރު ދަތުރުގައި ބޭނުންކޮށްފައި ވަނީ، 72 މީހުންގެ ޖާގައިގެ އޭޓީއާރު 600-72 މަރުކާގެ މުޅިން އާ ބޯޓެވެ.
މި ފްލައިޓްގެ ކުރިން، ފްލައިމީން ވަނީ މިމަހުގެ 3 ވަނަ ދުވަހު ބައިނަލްއަގުވާމީ ދަތުރުތައްކުރުމަށް ބޭނުންވާ ހުއްދަ ނެގުމަށް ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށް، ސިވިލް އޭވިއޭޝަން އޮތޯރިޓީން މެދުވެރިކޮށް ބައިނަލްއަޤްވާމީ ދަތުރުކުރުމުގެ ހުއްދަ ނަގާފައެވެ.
ފްލައިމީން ބުނީ، ލަންކާގެ ބޯޑަރު ހުޅުވާލުމާއިއެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އާއި ކޮލަމްބޯގެ ރަތުމަލާނަ އެއާޕޯޓާ ދެމެދު ދަތުރުތައް ފަށާނެކަމަށެވެ. ހަމަ އެއާއިއެކު، ރާއްޖެ އާއި އިންޑިއާއާ ދެމެދު ޝެޑިއުލް ފްލައިޓް އޮޕަރޭޓްކުރަން ފެށުމަށް ވާންޖެހޭ ތައްޔާރީތައްވެސް ވަމުން އަންނަކަމަށް ފްލައިމީން މައުލޫމާތުދެއެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖޭގައި ފުރަބަންދު އިއުލާންކުރުމުގެ ސަަބަބުން ފްލައިމީން ވަނީ ރާއްޖޭގެ އެތެރޭގައި ކުރަމުންދިޔަ ވައިގެ ދަތުރުތައް މިދިޔަ މާޗު މަސް ނިމުނުއިރު މެދުކަނޑާލާފައެވެ. ނަމަވެސް ޖުލައި 15 ވަނަ ދުވަހު ފުރަބަންދު އުވާލާ ބޯޑަރު ހުޅުވާލުމުން ފްލައިމީން ވަނީ އެތެރޭގެ އުދުހުންތައް އަލުން ފަށާފައެވެ. ފްލައިމީން އުދުހޭ މަންޒިލްތަކުގެ ތެރޭގައި އދ. މާމިގިލީ އެއާޕޯޓާއި ބ. ދަރަވަންދޫ އެއާޕޯޓް ހިމެނެއެވެ. އަދި ފްލައިޓް ލިބޭ ވަރަކުން، އައްޑޫ އާއި ފުވައްމުލަކަަށް ވެސް ފްލައިމީން ދަނީ ދަތުރުތައް ބާއްވަމުންނެވެ.
2011 ވަނަ އަހަރު ހިދުމަތްދޭން ފެށި ފްލައިމީގެ ފްލީޓުގައި ތިން ބޯޓު އޮވެއެވެ. އެއީ، މިދިޔަ ނޮވެމްބަރު މަހު ގެނައި، 72 މީހުންގެ ޖާގައިގެ އޭޓީއާރު 600-72 މަރުކާގެ މުޅިން އާ ބޯޓެއްގެ އިތުރުން، އެ އެއާރލައިންގެ ދަތުރުތަކުގައި ކުރިން ވެސް ބޭނުންކުރަމުން އައި އޭޓީއާރު 500-72 މަރުކާގެ ދެ ބޯޓެވެ.
ވިލާ އެއާގެ ފްލައިމީން ސީޕްލޭން ދަތުރުތައް ފެށުމަށް ޓްވިން އޮޓާ 300 ސީރީޒްގެ ހަތަރު ބޯޓު ގެންނަން ވެސް ވަނީ ނިންމާފައެވެ. ފްލައިމީން ސީޕްލޭން ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިންމައި އެ ތަން ހުޅުވުމުންނެވެ.