ވިޔަފާރި

އިންޑިގޯއިން އަނެއްކާވެސް ރާއްޖެއަށް ދަތުރުތަައް ފަށައިފި


ކޮވިޑް-19އާ ގުޅިގެން މެދުކަނޑާލާފައި އޮތުމަށްފަހު އިންޑިގޯ އެއަރލައިނުން އިންޑިއާ އާއި ރާއްޖެއާ ދެމެދު ޝެޑިއުލް ފްލައިޓްތައް އަނެއްކާވެސް ފަަށައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓް ކޮންޕެނީ، އެމްއޭސީއެލްއިން ބުނީ އިންޑިގޯއިން ކޮޗިންއާއި ރާއްޖެއާއި ދެމެދު ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ މިިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި އިންޑިގޯއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކޮންމެ ހަފްތާއެއްގެ އާދީއްތަ އަދި ބުރާސްފަތިދުވަހު ފްލައިޓް އޮޕަރޭޓް ކުރާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އިންޑިގޯއިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފުރަތަމަ ފަށާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން އިންޑިގޯއިން ކޮންމެ ހަފްތާއަކު އިންޑިއާގެ މުންބާއީ، ކޮޗިން އަދި ބެންގަލޫރުއާއި ރާއްޖެއާއި ދެމެދު ފަސް ފްލައިޓް ދިޔައީ އޮޕަރޭޓްކުރަމުންނެވެ. ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން އިންޑިއާގެ އަދި ރާއްޖޭގެވެސް ބޯޑަރު ބަންދުކުރުމާއެކު އިންޑިގޯގެ ދަތުރުތައް އޮތީ ހުއްޓާލާފައެވެ.

އިންޑިގޯއަކީ އިންޑިއާގެ އެންމެ ބޮޑު އެއް ބަޖެޓް އެއަރލައިނެވެ. އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 މަންޒިލްގެ ތެރެއިން އެންމެ ކުރީގައި އުޅޭ އެއް މަންޒިލެވެ.

ރާއްޖޭގެ ބޯޑަރު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވުނު ފަހުން ބައެއް އެއަރލައިންތަކުން ދަނީ ރާއްޖެއަށް އަލުން ދަތުރުތައް ފަށަމުންނެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވަނީ ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތަކުގެ ކްރޫއިންނާއި ފަސިންޖަރުން އަދި ސްޓާފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.