ރާއްޖޭގައި ކާނާގެ ޔާގީންކަން ދެމެހެއްޓެނިވިގޮތެއްގައި ކަށަވަރުކުރުމަށްޓަކައި މަސްވެރިކަމާ ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކުރުން މުހިންމުކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ޖަމްޢިއްޔާ އެފް.އޭ.އޯ ގެ 35 ވަނަ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮންފެރެންސްގެ މިނިސްޓީރިއަލް ސެޝަންގައި ވާހަކަ ދައްކަވަމުންނެވެ.
އޭޝިއާ ޕެސިފިކް ރީޖަނަލް ކޮންފެރެންސްގެ މިނިސްޓީރިއަލް ސެޝަންގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޒަހާ ވަނީ ކާނާގެ ޔަގީންކަން ހޯދުމަށް ދިވެހި ރާއްޖޭން ކުރަމުންދާ މަސައްކަތްތަކަށް އަލި އަޅުއްވާލާފައެވެ. އަދި ކޯވިޑް-19އާ ގުޅިގެން ދިވެހިރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުން ކުރަމުންދާ މަސައްކަތްތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ޔުނައިޓެޑް ނޭޝަންސްގެ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން، އެފް.އޭ.އޯ ސަރަަހައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ދުނިޔޭގެ ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެއިން އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.
46 ގައުމެއްގެ މަންދޫބުން ބައިވެރިވާ 4 ދުވަހުގެ ވާރޗުއަލް ކޮންފަރެންސް މި އަހަރު ހާއްސަކުރެވިފައިވަނީ ކޯވިޑް-19އާ ގުޅިގެން އޭޝިއާ ޕެސިފިކް ސަރަހައްދަށް ދިމާވެފައިވާ މާލީ އަދި އިޤްތިސޯދީ ދަތިތަކާއި އަދި ދަތިތައް ނައްތާލުމަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށެވެ.
ކޯވިޑް-19 ދުނިޔޭގައި ފެތުރި މީހުންގެ ފުރާނައަށް ނުރައްކާވެ އާންމު ދިރިއުޅުން ގެއްލުމަށް ހުށައެޅިފައިވާއިރު، ބަނޑުހައިހޫނުކަމާއި ރަނގަޅު ކާނާގެ ދަތިކަން އޭޝިއާ ޕެސިފިކް ސަރަހައްދުން ނައްތާލުމަށް ކުރަމުންގެންދާ މަސައްކަތްތަކުގައި ދަތިތަކެއް އުޅޭކަން އެފް.އޭ.އޯއިން ވަނީ ހާމަކޮށްފައެވެ. ރަނގަޅު ކާނާ ނުލިބޭ މީހުންގެ ބޮޑު އާބާދީއެއް މިހާރުވެސް އޭޝިޔާ ސަރަޙައްދުގައި އުޅޭއިރު، 2030 ގައި މިއަދަދު 330 މިލިއަނަށް އަރާނެކަމަށްވެސް މިޖަމުއިއްޔާއިން ލަފާކުރެއެވެ.
މި ކޮންފަރެންސްގައި ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެފް.އޭ.އޯ.އިން ފަށްޓާފައިވާ، ކޯވިޑް-19 ރެސްޕޯންސް އެންޑް ރިކަވަރީ ޕްރޮގްރާމްއަށް ވަނީ އަލި އަޅުވާލާފައެވެ. މިޕްރޮގްރާމްގައި ބައިނަލްއަޤުވާމީ، ސަރަހައްދީ އަދި ޤައުމީ ފެންވަރުގައި ކޮވިޑް-19ގެ ބަލިމަޑުކަމުން ސަލާމަތްވުމަށް އެކިއެކި ވަސީލަތްތައް ބޭނުންކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.
އެފް.އޭ.އޯ އިން ދިވެހިރާއްޖެ އާއި ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަ ރެޕްރެޒެންޓޭޓިވް، ޑޮކްޓަރ ޝޫބިންގް ސުން ވިދާޅުވީ ދެ ޤައުމުގެ ކަންކަމާ ގުޅޭގޮތުން، 35 ވަނަ ސެޝަން އިން ނިންމާފައިވާ ކަންތައްތައް ހިންގާ ކުރިއަށް ގެންދިއުމަށް އެފް.އޭ.އޯ އިން އެހީތެރިވާނެކަމަށާއި އަދި ސަރުކާރު ތަރައްޤީގެ އެހެނިހެން ދާއިރާތަކާ ގުޅިގެން ޤައުމީ ފެންވަރެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ނިންމުންތައް ހާސިލްކުރަން މަސައްކަތްކުރާނެކަމަށެވެ.
އޭޝިއާ ޕެސިފިކް ގައުމުތަކުން 675 ބައިވެރިން ބައިވެރިވި މި ކޮންފަރެންސްގެ ސެކްރެޓޭރިއޭޓް ބަލަހައްޓާފައިވަނީ ބޫޓާން ސަރުކާރުގެ ފަރާތުންނެވެ. މި ކޮންފަރެންސް ކުރިއަށްދާނީ މިއަދުގެ ނިޔަލަށެވެ.