ކުޅިވަރު

ދިހަ ވަނަ ފަހަރަށް ލީގު ހޯދުން އެއީ އަމާޒެއް: ޕިރްލޯ


އައު ސީޒަނާ ކުރިމަތިލާއިރު ޔުވެންޓަސް އުއްމީދުތައް ވަރަށް މަތިކަމަށާއި އަމާޒަކީ ވިދިވިދިގެން 10 ފަހަރަށް ލީގު ހޯދުން ކަމަށް އާ ކޯޗު އަންދްރޭ ޕިރްލޯ ބުނެފިއެވެ.

ޔުވެންޓަސް ޓީވީއަށް ދިން އިންޓަވިއުއެއްގައި ޕިރްލޯ ބުނީ ކުލަބާއެކު ހޭދަކުރާ ފުރަތަމަ ސީޒަންގައި ޗެމްޕިއަންސް ލީގު ހޯދަން މަސައްކަތް ކުރާނެކަމަށެވެ. މިވަގުތު ގައުމީ ޓީމުތަކަށް ކުޅުންތެރިން ދޫކޮށްފައިތިބި ނަމަވެސް ޓީމުގައި މިހާރު ތިބި ކުޅުންތެރިންނާއެކު އައު ސީޒަނަށް ތައްޔާރުވުމަށް ބުރަކޮށް މަސައްކަތް ކުރަމުންދާކަމަށް ޕިރްލޯ ބުންޏެވެ.

އޭނާ ބުނީ މުޅިން އާގޮތަކަށް ޓީމު ބައްޓަން ކުރަމުންދާކަމަށާއި މީގެ ކުރިން ކުޅުންތެރިން ތަޖުރިބާ ކޮށްފައިނުވާ އާކަންތައްތަކެއް ތަމްރީންތަކުގައި ބޭނުންކުރަމުންދާކަމަށް ޕިރްލޯ ބުންޏެވެ. އަދި އެކަމުގެ ސަބަބުން ޓީމަށް ފައިދާތަކެއް ކުރާނެކަމަށް ކުރިން މޮޅު ކުޅުމެއް ދެއްކި މިޑްފީލްޑަރ ޕިރްލޯ ބުންޏެވެ. އޭނާ ބުނީ މިހުރިހާ ކަމަކަށް ތައްޔާރުވުމަށް ލިބިފައޮތް ވަގުތު މަދު ނަމަވެސް ޓީމުއެކީގައި ބުރަކޮށް މަސައްކަތްކޮށްފި ކަމަށްވާނަމަ ކާމިޔާބާ ހަމަޔަށް ދިޔުމުގެ އުއްމީދު ބޮޑުކަމަށެވެ. ޕިރްލޯ ބުނީ ޔުވެންޓަސް ކުޅުންތެރިންގެ އެންމެ ރަނގަޅު ކުޅުން ދައްކައިގެން އެކަން ހާސިލް ކުރަން މަސައްކަތް ކުރާނެކަމަށެވެ.

ޕިރްލޯ ގެ ފުރަތަމަ މެޗަކަށް ވެގެންދާނީ އިޓާލިއަން ލީގުގައި މިމަހު 20 ވަނަ ދުވަހު ސަމްޕްޑޯރިއާ ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗެއެވެ. ޔޫރަޕުގައި ކާމިޔާބު ނުހޯދޭތާ 24 އަހަރު ވެފައިވާއިރު ޔުވެންޓަސްއަށް ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތް އޭނާގެ ކޯޗުކަމުގައި ކާމިޔާބުކޮށްދޭން ވަރަށް މަސައްކަތް ކުރާނެކަމަށް ޔުވެންޓަސް ގެ ކޯޗު ޕިރްލޯ ބުންޏެވެ. ޔުވެންޓަސް ވަނީ ހަތަރު ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގުގެ ރަނަރަޕްކަން ހޯދާފައެވެ.