ލީބިޔާގައި ކުރާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވާ ދެ ފަރާތަށް ވާގިވެރިވާ ބޭރުގެ ޤައުމުތަކުން އދން ޤާއިމުކޮށްފައިވާ ހަތިޔާރު ވިއްކުން މަނާކުރާ އެއްބަސްވުމާ ޚިލާފަށް ލީބިޔާއަށް ހަތިޔާރު ފޯރުކޮށްދެމުންދާކަމަށް އދ.ން ބުނެފިއެވެ.
އދން ބަލައިގަނެފައިވާ ލީބިޔާގެ ގޮވަމަންޓް އޮފް ނޭޝަނަލް އެކޯޑު، ޖީއެންއޭއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭ އެންމެ މުހިންމު ޤައުމަކީ ތުރުކީވިލާތެވެ. މިޞްރާއި ޔޫއޭއީއާއި ރަޝިޔާއިން ވާގިވެރިވަނީ އިދިކޮޅު ޚަލީފާ ޙަފްތާރުގެ ލީބިއަން ނޭޝަނަލް އާމީ، އެލްއެންއޭއަށެވެ. އެ ހަތަރު ޤައުމުންވެސް އދގެ ހަތިޔާރު ވިއްކުން މަނާކުރާ އެއްބަސްވުމާ ޚިލާފުވެފައިވާކަމަށްވަނީ ތުހުމަތުކުރެވިފައެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން އެ ޖަމުޢިއްޔާއިން ލީބިޔާއަށް ކަނޑައަޅާފައި ހުންނަވާ ވަގުތީ މަންދޫބު، ސެޓެފަނީ ވިލިއަމްސް ވިދާޅުވީ ޖުލައި މަހުގެ 8ވަނަ ދުވަހުން ފެށިގެން ސާމާނު ހިފައިގެން އައި 70އަށްވުރެ ގިނަ މަތިންދާބޯޓުވަނީ އެލްއެންއޭއަށް އެހީތެރިވުމަށް ލީބިޔާގެ އިރުމަތީ ސަރަޙައްދުތަކުގެ ވައިގެ ބަނދަރުތަކަށް ޖައްސާފައިވާކަމަށެވެ.
ހަމަ އެ މުއްދަތުގައި ލީބިޔާގެ ހުޅަނގުގެ ސަރަޙައްދުތަކުއި ޙަރަކާތްތެރިވާ ޖީއެންއޭއަށް ތަކެތި ފޯރުކޮށްދިނުމަށް 30 މަތިންދާބޯޓާއި ނުވަ ކާގޯ ބޯޓު ގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ ތަކެތި ފޯރުކޮށްދީފައިވަނީ ކޮން ޤައުމުތަކަކުންކަމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ. ވިލިއަމްސް ވިދާޅުވީ ލީބިޔާގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އިރުމަތީ މެޑިޓޭރިއަން ސަރަޙައްދުތަކުގައި ލީބިޔާގެ މައްސަލައިގައި ބައިވެރިވާ ޤައުމުތަކުގެ ނުފޫޒު އިތުރުކުރުމަށް މަސައްކަތްކުރުމަށް އެ ޤައުމުތަކަށް މަގުފަހިވެފައިވާކަމަށެވެ. ވިސްނުންތެރިކަމެއް ނުބަހައްޓާ ކުރާ ޢަމަލުތަކެއްގެ ސަބަބުން ސަރަޙައްދީ ހަމަނުޖެހުންތައް އުފެދި ލީބިޔާގެ އިތުރުން މުޅި ސަރަޙައްދަށް ބޮޑެތި ގެއްލުންތައް ލިބުމުގެ ފުރުޞަތުއޮތްކަމަށް އޭނާ ވިދާޅުވިއެވެ.
ލީބިޔާގައި މިހާތަނަށް 15،156 މީހުންނަށް ކޯވިޑް-19 ޖެހި 250 މީހުންވަނީ މަރުވެފައެވެ. ލީބިޔާގައި ކޯވިޑް-19 ފެތުރެމުންދާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވާ ވިލިއަމްސް ވިދާޅުވީ ލީބިޔާގެ ބައެއް ބޮޑެތި ސިޓީތަކުގައި މުޖުތަމަޢުގެ ތެރެއިން ބަލިފެނިފައިވާކަމަށާއި ބަލި ޖެހިފައިވާ މީހުންގެ ރަސްމީ ޢަދަދުތަކަށްވުރެ ބަލިޖެހިފައިވާ މީހުންގެ އަސްލު ޢަދަދު ވަރަށް ބޮޑަށް އިތުރުވާނެކަމަށް ޤަބޫލުކުރެވޭކަމަށެވެ. ހަނގުރާމައިގެ ޙާލަތުގައި ނުވަ އަހަރު އޮތުމުގެ ސަބަބުން ސުންނާފަތިވެފައިވާ އެ ޤައުމުގެ ޞިއްޙީ ނިޒާމަށް ބަލިޖެހޭ މީހުންގެ ޢަދަދު ގިނަވެފައިވުމުގެ ސަބަބުން ހިފަހައްޓާލުމަށް ދަތިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.