ޚަބަރު

މީހުން ދިރިއުޅޭ ތަންތާ ތެޔޮ ރައްކާކޮށް ގެންގުޅޭނަމަ ފިޔަވަޅުއަޅާނަން - ސިޓީ ކައުންސިލް


މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ތެޔޮ ރައްކާކޮށް ގެންގުޅޭނަމަ، މިކަމާގުޅޭ ޤަވާޢިދުގެދަށުން ފިޔަވަޅުއަޅުއްވާނެކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

"ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް ގުދަންކުރުމާއިބެހޭ ޤަވައިދު"އަކީ 2012ވަނަ އަހަރު ޑިފެންސް މިނިސްޓްރީއިން އެކުލަވާލި ގަވައިދެކެވެ. މި ގަވައިދުގެދަށުން ތެލުގެ ޚިދުމަތްދޭ އެއްވެސް ތަނަކުން މީހުން ދިރިއުޅޭ ސަރަހައްދަށް ތެޔޮ ސަޕްލައިކޮށްދިނުމަކީ މަނާ ކަމެކެވެ. މިގަވައިދާ ހަވާލާދީ ސިޓީކައުންސިލުން ވިދާޅުވީ މީހުން ދިރިއުޅޭ ސަރަހައްދެއްގައި ތެޔޮ ރައްކާކޮށް ގެންގުޅުމަކީވެސް މަނާކަމެއްކަމަށް އެ ކައުންސިލުން ނިންމަފައިވާކަމަށެވެ. އަދި މި އެންގުމާ ޚިލާފައިވާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެކަމަށް ސިޓީ ކައުންސިލުންވަނީ ވިދާޅުވެފައެވެ.

މިގޮތަށް ނިންމާފައިވަނީ މިއީ އަލިފާނުގެ ޙަދިސާތަކުގައި ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވެގެންދާކަމަކަށްވާތީ، ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

މާލޭގައި މިދިޔަ އަހަރު ހިނގި ބޮޑު އަލިފާނުގެ ޙާދިސާއަކީ ގިނަ އާއިލާތަކަށް އޭގެ އަސަރުކުރި ޙާދިސާއެކެވެ. 7 ގެއެއް އަނދައި ބޮޑެތި ގެއްލުންތައްވިއިރު، ގުދަންތަކެއްވެސްވަނީ މުޅިން އަނދާފައެވެ. މި ޙާދިސާ މިހާ ބޮޑުވެގެންދިޔައީ އެ ސަރަޙައްދުގައި ހުރި ފަސޭހައިން އަލިފާންހިފާ ޒާތުގެ ކެމިކަލް ރައްކާކުރާ ގުދަންތަކެއްގެ ސަބަބުންނެވެ. މިކަމާއި ގުޅިގެން މިދިޔައަހަރުވަނީ ކެމިކަލް ގެންގުޅުމާއި ރައްކާކުރުމުގެ ގަވައިދު އެކުލަވާލައި އެގަވައިދަށް ޢަމަލުކުރަންފަށާފައެވެ.

މި ގަވައިދުގަވެސްވަނީ ކެމިކަލް ރައްކާ ކުރާ ގުދަނަކީ މީހުން ދިރިއުޅޭ އިމާރާތެއްގައި ހުރި ތަނަކަށް ވެގެން ނުވާނެކަމަށް ބުނެފައެވެ. އަދި ނުރައްކާތެރި ކެމިކަލް ރާއްޖެ އެތެރެކުރުމާއި، އެތަކެތި ވިއްކޭނީވެސް ޑިފެންސް މިނިސްޓްރީގެ ޚާއްސަ ހުއްދައާއިއެކުކަމަށް ޤަވާއިދުގައި ވެއެވެ.

މިފަދަ ގުދަންތަކުގައި އެހެން ބާވަތްތައް ރައްކާނުކުރުމަށާއި، އަދި ކެމިކަލް ރައްކާކުރާ ގުދަންތަކުގައި އެކަން އެނގޭނެގޮތަށް ލިޔުންތަކާއި ލޭބަލްތައް ހަރުކުރަންޖެހެއެވެ. މިފަދަ ތަންތަނުގައި ރައްކާތެރިކަމުގެ ގޮތުން ވަކި ޚާއްސަ މިންގަނޑުތަކެއް ހުންނަންޖެހޭނެކަމަށްވަނީ އަންގާފައެވެ.