ޚަބަރު

ދުވާފަރު ޕްރައިމެރީ ސްކޫލުގެ ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ޙިދުމަތް މިއަދު ރަސްމީކޮށް ފަށައިފި


ރ.ދުވާފަރު ޕްރައިމެރީ ސްކޫލުގެ ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ޙިދުމަތް މިއަދު ރަސްމީކޯށް ފަށައިފިއެވެ. މިއި މިގޮތަށް ބްރޯޑްކާސްތީންގެ ޚިދުމަތް ފެށުމަށް ހުއްދަދިން ފުރަތަމަ ފަހަރެވެ. މި ޚިދުމަތް ފައްޓަވާދެއްވާފައިވަނީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާއެވެ.

ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ޚިދުމަތް ދިނުމުގެ ވަގުތީ ހުއްދަ ރ.ދުވާފަރު ޕްރައިމެރީ ސްކޫލަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ދީފައެވެ.

ރ.ދުވާފަރު ޕްރައިމެރީ ސްކޫލަށް ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ޙިދުމަތް ދިނުމުގެ ވަގުތީ ހުއްދަދީ ޚިދުމަތް ފަށާފައި ވަނީ އެ ޚިދުމަތަކީ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ދެވިދާނެ ޚިދުމަތެއްތޯ އަޖުމަބެލުމުގެގޮތުން ބްރޯޑްކާސްޓިން ކޮމިޝަނުން ހިންގާ ޕައިލެޓް ޕްރޮޖެކްޓުގެ ތެރެއިންނެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދުވާފަރު ޕްރައިމެރީ ސްކޫލަށް ކޭބަލް ވިއުގަ މެދުވެރިކޮށް ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ޚިދުމަތް ދިނުމުގެ ވަގުތީ ހުއްދަ ދީފައި ވަނީ އަންނަ އހަރުގެ މާރޗްމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ސްކޫލަށް ކޮމިޝަނުންދީފައިވާ ވަގުތީ ހުއްދައިގައި ބްރޯޑްކާސްޓްކުރާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ރ.ދުވާފަރު އެކަންޏެވެ. އަދި ބްރޯޑްކާސްޓްކުރާ ވަގުތެއްގެގޮތުގައި ހަމަޖައްސާފައިވަނީ ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު 15:00 އާއި ހަމައަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ބްރޮޑްކާސްޓިންގ ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާ ވިދާޅުވީ ރ.ދުވާފަރު ޕްރައިމެރީ ސްކޫލަށް ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ޙިދުމަތް ފެށުމުގެ ހުއްދަދީފައި ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ވަގުތީގޮތުން މި ޚިދުމަތްދިނުމުގެ އަޖުމަބެލުމުގެ މަޝްރޫއެއް ހިންގުމަށްކަމަށެވެ. މި މަޝްރޫއުގެ ދަށުން ޖުމުލަ 4 ފަރާތަކުން ބްރޯޑްކާސްޓިންގ ޙިދުމަތް ފެށުމަށް އެދިފައިވާކަމަށާއި ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހުގައި އިތުރު ފަރާތްތަަކަށް ހުއްދަ ދެއްވާނެ ކަމަށެވެ. އަދި މިހާރު ބޮޑަށް ތަޢުލީމީ ދާއިރާއަށް އިސްކަންދިންނަމަވެސް ކުރިއަށް އޮތްތަނުގައި އެހެންދާއިރާތަކަށް މި ފުރުޞަތު ހުޅުވާލުމުގެ ވިސްނުން ހުރިކަމަށް މަރިޔަމް ވަހީދާ ވިދާޅުވިއެވެ.

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ކޮމިއުނިޓީ ބްރޯޑްކާސްޓިންގގެ ޚިދުމަތް ތަޢާރަފުކުރުމުގެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ވަގުތީގޮތުން މި ޚިދުމަތްދިނުމުގެ އަޖުމަބެލުމުގެ މަޝްރޫއެއް ހިންގުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ. މިއީ، މި ޚިދުމަތް ރާއްޖޭގައި ދިނުމުގެ ލައިސަންސް ދޫކުރުމުގެ ކުރިން، މި ޚިދުމަތަށް ރައްޔިތުން އަހުލުވެރިކުރުވުމާއި، ރާއްޖޭގެ މާހައުލުގައި ޚިދުމަތްދިނުމުގައި ޚިދުމަތް ދޭ ފަރާތްތަކުން ގެންގުޅެންޖެހޭ މިންގަނޑުތަކާއި ހަމަތައް ކަނޑައެޅުމާއި، ޚިދުމަތަށް ރައްޔިތުންގެ ޝައުޤުވެރިކަން އޮތް މިންވަރު ބެލުމަށް ހިންގާ މަޝްރޫޢެއްކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

މި މަޝްރޫޢުގައި ބައިވެރިވާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުޞޫލު ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ އެކުލަވާލާފައެވެ. މި އުސޫލުގައިވާ ގޮތުގެ މަތީން، އަލަށް ހުޅުވާލެވޭ މި ފުރުޞަތުގައި، ކޮމިއުނިޓީ ބްރޯޑްކާސްޓިންގގެ ވަގުތީ ޚިދުމަތް ދިނުމަށް ހުޅުވާލެވޭ ދާއިރާއަކީ ތަޢުލީމީ ދާއިރާ އެކަންޏެވެ. މި ދާއިރާއިން ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ވަގުތީ ޚިދުމަތް ދިނުމުގެ އަޖުމަބެލުމުގެ މަޝްރޫޢުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މިދިޔަމަހުގެ 31 ގެ ނިޔަލަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފުރުޞަތު ހުޅުވާލާފައި ވެއެވެ.