ކުޅިވަރު

މާލޭގައި ސިންތެޓިކް ޓްރެކް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި


މާލޭގައި ގިނަބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ޕޮލްކޯ) އާއެވެ. ޔޫތް މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައ މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފްއެވެ. ޕޮލްކޯ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަލީ ޝަރީފެވެ.

މި އެއްބަސްވުމުގެ ދަށުން މަސައްކަތް ފަށާތާ ދެ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ ބާރަ މިލިޔަން ފަސްލައްކަ ސާޅީސް ތިންހާސް ދުއިސައްތަ އެއްތިރީސް ރުފިޔާއެވެ.

މާލޭގައި ގިނަބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް، 24 އަހަރަށްފަހު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހެވެ. އެ ތަނުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ކޮށްފައިވަނީ ސީއެސްއާރް މަޝްރޫއުގެ ދަށުން އާރުކޭއެލް ކުންފުނިންނެވެ.

މީގެ ކުރިން ކުޅިވަރާބެހޭ ވަޒީރު ވަނީ އެކުވެނި ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށާއި ލަފާ ކުރެވޭ ގޮތުން އެ މަސައްކަތް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ނިންމާލެވޭނެ ކަމަށް ވިދާޅުވެފައެވެ.

މިހާރު އޮތް ޓްރެކުގެ ބަދަލުގައި ޒަމާނީ ފެންވަރުގެ ޓްރެކެއް އެޅުމުގެ މަސައްކަތް ފަށާފައިވާ އިރު ކުރިން ޕްލޭން ކޮށްފައި އޮތީ އެ ޓްރެކުގައި އޮތް ވެލިގަނޑު ނަގައި އެއްވަރު ކުރުމަށް ފަހު އަލުން ދުވާ ޓްރެކެއް އެތަނުގައި އެޅުމަށެވެ. އެކަމަކު މިހާރު އެތަން ބަދަލުވެގެން ދާނީ ގިނަ ކުޅިވަރުތަކެއް ކުޅެވޭ ފަދަ ސިންޓެޓިކް ޓްރެކަކަށް ކަމަށް މިނިސްޓަރު މަހްލޫފް ވަނީ ވިދާޅުވެފައެވެ.