ކުޅިވަރު

ލަލީގާ އާއި ޗެމްޕިއަންސް ލީގަށް ސެއްވިޔާ ވާދަކުރާނެ: ރަކިޓިޗް


ކުރީގެ ކުލަބަށް އޭނާ އެނބުރި އައީ ލަލީގާގެ އިތުރުން ޗެމްޕިއަންސް ލީގު ތަށްޓަށް ވާދަކުރަން ކަމަށް ދާދި ފަހުން ސްޕެއިންގެ ސެއްވިޔާއާ ގުޅުނު އިވާން ރަކިޓިޗް ބުނެފިއެވެ.

ބާސެލޯނާއެކު ހަ ސީޒަން ހޭދަކުރުމަށްފަހު އެނބުރި ސެވިއްޔާއަށް ބަދަލުވުމަށްފަހު ރަކިޓިޗް ބުނީ ބޭނުންވަނީ ސެވިއްޔާ މިހާރު އޮތް ހަރުފަތުން އެހެން ހަރުފަތަކަށް ގެންދަން ކަމަށެވެ. އޭނާ ބުނީ ބާސެލޯނާއެކު ހޭދަކުރި ހަ އަހަރުގެ ތެރޭގައި ހޯދި ތޭރަ ތައްޓާއެކު ސެއްވިޔާ އެހެން ހަރުފަތަކަށް ގެންދަން ލިބުނު ތަޖުރިބާތައް މުހިއްމުކަމަށެވެ.

އެންމެ ފަހުން ހޯދި ޔުރޮޕާ ލީގުގެ ހަވަނަ ތައްޓާއެކު މިހާރު ސެވިއްޔާއަކީ ޔޫރަޕުގެ ނުފޫޒް ގަދަ ބާރެއްކަމަށް ރަކިޓިޗް ބުންޏެވެ. އޭނާ ބުނީ މިހިސާބުން އަދި ނިންމާލެވެން ނެތްކަމަށާއީ އިތުރަށް ކުރިޔަށްދާން ބޭނުންކަމުގައި ވަނީނަމަ ލަލީގާގެ އިތުރުން ޗެމްޕިއަންސް ލީގުގެ ތައްޓަށް ވާދަކުރަން ޖެހޭނެކަމަށެވެ.

އެކަމަށްޓަކައި ވާދަވެރި ކުލަބުތަކަށް ޕްރެޝަރ ދޭންޖެހޭނެ ކަމަށް 2013 ވަނަ އަހަރު ސެއްވިޔާއެކު ޔޫރޮޕާ ލީގު ކާމިޔާބު ކުރި ކުޅުންތެރިޔާ ބުންޏެވެ.
ރަކިޓިޗް ބުނީ ކުރިޔަށްދަވޭނީ އަމާޒެއް އޮވެގެންކަމަށާއި ދާން ބޭނުންވާ މިސްރާބު އަބަދުވެސް ކަނޑައަޅާފައި އޮންނަން ޖެހޭނެކަމަށެވެ. ސެއްވިޔާ އާއި ބާސެލޯނާއެކު ހޭދަ ކުރި ދުވަސް ތަކުގައި ރަކިޓިޗް ކުޅުނު 317 މެޗުގައި އޭނާ ވަނީ 50 ލަނޑު ޖަހާފައެވެ.