ކުޅިވަރު

ޖަރުމަނު ވަރުގަދަ ނަމަވެސް އަމާޒަކީ މޮޅުވުން: އެންރީކޭ


ޔުއެފާ ނޭޝަންސް ލީގުގައި ޖަރުމަނާ ދެކޮޅަށް ނުކުންނައިރު އެޓީމު ވަރުގަދަކަން އެނގޭކަމަށާއި އެހެންނަމަވެސް އަމާޒަކީ މޮޅުވުންކަމަށް ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

އެންރީކޭ ބުނީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ޖަރުމަނުގައި ތިބީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅެތި ކުޅުންތެރިންކަމަށެވެ. އެގޮތުން ޖަރުމަނަކީ އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުން އެންމެ ގާތް ޓީމުކަމަށް ވެސް ކުރިން ސްޕެއިންގެ ބާސެލޯނާގެ ކޯޗަކަށް ހުރި އެންރީކޭ ބުންޏެވެ.

އެންރީކޭ ބުނީ މުބާރާތުގެ ފޯމެޓަކީ އޭނާ ވަރަށް ގަޔާވާ ފޯމެޓެއްކަމަށާއި މިވަގުތުގައި ގައުމީ ޓީމާ އެކު މަސައްކަތް ކުރަމުންދަނީ ވަރަށް ހިތްހަމަޖެހިގެންކަމަށެވެ. އޭނާ ބުނީ ސްޕެއިންގެ ޓީމަކީވެސް ޖަރުމަނާ އަޅާބަލާއިރު ވަކި ދޫދޭނެ ޓީމެއް ނޫންކަމަށެވެ. އެންރީކޭ ބުނީ ޒުވާން ގިނަ ކުޅުންތެރިންނަށް ފުރުސަތުދީ ޒުވާން ވަރުގަދަ ޓީމެއް ސްޕެއިންގައި ބިނާކުރުމަކީ އޭނާގެ އަމާޒެއްކަމަށެވެ.

ޔޫރަޕުގެ ޒުވާން ލީގުގައި ސްޕެއިންގައި ހިމެނޭ ގިނަ ކުޅުންތެރިން އެކުގައި ކާމިޔާބު ހޯދާއިފައިވުމަކީ މިވަގުތު ލިބޭ އެންމެ ބޮޑު އެޑްވާންޓޭޖް ކަމަށް ސްޕެއިންގެ ޒުވާން ގައުމީ ޓީމުގައި މަސައްކަތްކޮށްފައިވާ އެންރީކޭ ބުންޏެވެ. އެންރީކޭ ބުނީ ޒުވާން ޓީމާއެކު ނޭޝަންސް ލީގާއި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރަނގަޅު ވާދައެއް ކުރެއްވިއްޖެނަމަ ކާމިޔާބު ހޯދޭނެކަމުގެ އުއްމީދު ބޮޑުކަމަށެވެ.

އެންރީކޭ ބުނީ ދިފާއީ ކުޅުމަކީ އޭނާ ދަންނަ ސްޓައިލުގެ ފުޓްބޯޅައެއް ނޫންކަމަށާއި އޭނާގެ ކޯޗު ކަމުގައި ކުޅޭ ޓީމު މެޗު ކޮންޓްރޯލް ކުރަން މަސައްކަތް ކުރުމުގެ އިތުރުން ގިނަހަމަލާތަކެއް އުފައްދާނެކަމަށެވެ. މިރޭ ސްޕެއިންނާ ދެކޮޅަށް ޖަރުމަނު ނުކުންނައިރު އެންމެ ފަހުން މި ދެގައުމު ޔޫރަޕުގެ މުބާރާތެއްގައި ވާދަކުރީ ޔޫރޯ 2008ގެ ފައިނަލުގައެވެ. ޖަރުމަނު ބަލިކޮށް އެފަހަރު މުބާރަތް ކާމިޔާބުކުރީ ސްޕެއިންއެވެ.