ކުޅިވަރު

ސްޕެއިންނާ ދެކޮޅަށް 90 މިނެޓް ހިފަހައްޓާލަން އުނދަގޫވާނެ: ލޯ



ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިންނާ ދެކޮޅަށް ނުކުންނައިރު 90 މިނިޓް އެއް ފެންވަރެއްގައި ކުޅުމަކީ އުނދަގޫކަމެއް ކަމަށް ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ބުނެފިއެވެ.

ލޯ ބުނީ މެޗާ ކުރިމަތިލާއިރު އެންމެ ބޮޑަށް އުނދަގޫވަނީ ޕްރީ ސީޒަންގައި ތެރޭގައި މެޗު ކުޅުންޖެހުމުން ކަމަށެވެ. ޖަރުމަނުން ނޭޝަންސް ލީގުގައި ސްޕެއިންނާ ސްވިޒަލެންޑް މެޗަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ބަޔާން މިއުނިކްގައި ހިމެނޭ ކުޅުންތެރިން ޓީމުގެ ހިމެނި ނަމަވެސް އެކުޅުންތެރިންނަށް ވަނީ އަރާމުކުރުމަށް ވަގުތު ދީފައެވެ.

ލޯ ބުނީ މިވަގުތު ހާލަތުގެ ގޮތުން އުނދަގޫތަކެއް ކުޅުންތެރިންގެ މެދުގައި އެބަހުރިކަމަށެވެ. ޓީމާއެކު ބައެއް ކުޅުންތެރިންނަށް ފަރަތިކުރެވުނީ އެއް ހަފްތާގައި ކަމަށާއި އެއްވެސް ޕްރެކްޓިސް މެޗެއް ނެތި މިފެންވަރުގެ ޓީމަކާ ދެކޮޅަށް ނުކުންނައިރު އުނދަގޫވާނެކަމަށް 2014 ވަނަ އަހަރު ޖަރުމަނަށް ވަރލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.

ޗުއްޓީގައި ތިބި ކުޅުންތެރިން ކުޑަދުވަސްކޮޅަކަށް ވެފައޮތް ޓީމާ ގުޅުމުގެ ސަބަބުން އެކުގައި ކުރެވުނު ތަމްރީންތައް މަދުކަން ލޯ ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ޖަރުމަނު ކުޅުންތެރިންނަށް އެއް ފެންވަރެއްގައި މެޗު ކުޅުމަށް އުނދުގޫވާނެކަމަށް ލޯ ބުންޏެވެ. މިމެޗުގައި ޖަރުމަނުގެ ކެޕްޓަން ކީޕަރު މެނުއަލް ނޯޔާ އާއި ސާޖް ނެބްރީ އާއި ޖޯޝުއަރ ކިމިޗް އިތުރުން ލިއޯން ގޮރެޓްޒްކާއަށް ވަނީ އަރާމުކުރުމަށް ފުރުސަތު ދީފައެވެ. އަނިޔާގެ ސަބަބުން މިދިޔަ އަހަރު ގައުމީ ޓީމުން ފުރުސަތު ގެއްލުނު ލެރޯއީ ސާނޭއަށް ވަނީ ފުރުސަތު ދީފައެވެ.

އޭނާ ބުނީ ޓިކިޓަކާގެ ޒަމާނަށްފަހު ސްޕެއިނުން ރަނގަޅު ޓީމެއް އެކުލަވާލައިފިކަމަށާއި މިހާރު ސްޕެއިންގައި އޮތީ ރަނގަޅު ޓީމެއްކަމަށާ އެމީހުން ތަފާތުވާނެކަމަށެވެ. ސްޕެއިންގެ އެޓޭކްތައް ވަރުގަދަކަމަށާއި އެޓޭކްތައް ނުހުއްޓުވިއްޖެނަމަ ނުރައްކާވާނެކަމަށް ލޯ ބުންޏެވެ. އެންމެފަހުން މި ދެޓީމު މެޗެއް ކުޅެފައިވަނީ 2018 ވަނަ އަހަރެއެވެ. ޖަރުމަނުގައި ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.