ދީން

ދިވެހި ހައްޖާޖީންގެ ތެރެއިން 3 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފި


ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ހުރިހާ ޙައްޖާޖީންގެ ޙާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ޙައްޖު މިޝަނުން ވިދާޅުވެއްޖެއެވެ. އެ މިޝަންގެ ފަރާތުން ޕީއެސްއެމަށް މަޢްލޫމާތު ދެއްވަމުން ވިދާޅުވީ ދިވެހި ޙައްޖާޖީންގެ ތެރެއިން ބަލިވެގެން ހޮސްޕިޓަލްގައި ފަރުވާ ދީފައިވަނީ ތިން މީހަކަށް ކަމަށެވެ. މީގެތެރޭގައި ހިމެނެނީ ނޭވާލާ ނިޒާމަށް ދިމާވި މައްސަލައެއްގައި ޑޮކްޓަރަށް ދެއްކި 57 އަހަރުގެ ފިރިހެނަކާއި 52 އަހަރުގެ އަންހެނެއްގެ އިތުރުން މަދީނާއަށް ދިޔަ މަގުމަތީގައި ވެއްޓި އަތް ބިންދައިގެންދިޔަ 54 އަހަރުގެ އަންހެނެއް ކަމަށެވެ.މީގެ ތެރެއިން އަތް ބިންދައިގެންދިޔަ އަންހެން މީހާއަށާއި 57 އަހަރުގެ ފިރިހެން މީހާއަށް މިހާރު ކިންގް ފައިސަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ޙައްޖު މިޝަންއާއެކު މިވަގުތު ސަޢޫދީ ޢަރަބިއްޔާގައި ހުރި ޕީއެސްއެމްގެ ސީނިއަރ އެޑިޓަރ މޫސާވަސީމް މަޢްލޫމާތުދެއެވެ. އަދި މީގެ ތެރޭގައި ހިމެނޭ 52 އަހަރުގެ މީހާއަށް ފަރުވާދިނުމަށްފަހު މިއަދު ދޫކޮށްލާނެކަމަށް މައުލޫމާތު ލިބެއެވެ.ޙައްޖާޖީންގެ ތެރެއިން ބައެއްޓީމްތައް މަދީނާއަށް ޒިޔާރަތްކުރުމަށްފަހު އެނބުރި މައްކާއަށް އައިސްފައިވާ ކަމަށާއި، ބާކީ ތިބި ޓީމްތައްވެސް ވަރަށް އަވަހަށް މައްކާއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހި މިޝަނުން ހާމަކުރައްވައެވެ. މިއަހަރު ރާއްޖެއިން ދެހާހެއްހާ ޙައްޖާޖީން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއެވެ.