ވިޔަފާރި

އާބާދީގެ 60 އިންސައްތައަށް މަހެއްގެ މައްޗަަށް ލިބެނީ 5000 ރުފިޔާއަށްވުރެ މަދުން- ދިރާސާ


ރާއްޖޭގެ އާބާދީގެ 60 އިންސައްތަ މީހުންނަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީ އުޅެނީ 5000 ރުފިޔާއަށްވުރެ ދަށުގައިކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، އެންބީއެސްގެ ދިރާސާއަކުން ދައްކައިފިއެވެ.

އެންބީއެސްއިން ހަދާފައިވާ 2019 ވަނަ އަހަރުގެ "ގޭބިސީގެ އާމްދަނީ އާއި ހަރަދު"ގެ ދިރާސާ ދައްކާ ރާއްޖޭގެ އާބާދީގެ މަދުބަޔަކަށް ލިބޭ އާމްދަނީ ބޮޑުވެފައި އާބާދީގެ ގިނަބަޔަކަށް ލިބޭ އާމްދަނީ ދަށެވެ. މިގޮތުން ރާއްޖޭގެ އާބާދީގެ 60 އިންސައްތަ މީހުންނަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް ލިބެނީ 5000 ރުފިޔާ އަށްވުރެ ދަށުންނެވެ. އަދި އާބާދީގެ 1 އިންސައްތަ މީހުންނަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 20000 ރުފިޔާ ލިބެއެވެ.

މި ދިރާސާއިން ދައްކާގޮތުން ރާއްޖޭގެ އާބާދީގެ މެދުގައި އާމްދަނީ ބެހިފައިވާ ގޮތަށްބަލާއިރު އަތޮޅުތަކާއި މާލޭގައި ތަފާތުވެސް ބޮޑުކަން ފާހަގަކުރެވެއެވެ. މުޅިރާއްޖޭގެ އާބާދީއަށް ބަލާއިރު މަހެއްގެ މައްޗަށް ބޮލަކަށް 5538 ރުފިޔާގެ އާމްދަނީ ޖެހޭއިރު، މާލޭގައި މީހަކަށް އެވަރެޖްކޮށް 7479 ރުފިޔާ ލިބެއެވެ. އަދި އަތޮޅުތަކުގައި ބޮލަކަށް އެވްރެޖްކޮށް ލިބޭ އާމްދަނީއަކީ 3762 ރުފިޔާއެވެ. އަތޮޅުތަކުގެ އާބާދީގައި މިއަށްވުރެ މަދުން އާމްދަނީ ލިބޭ މީހުންގެ ނިސްބަތް ހުރީ 60 އިންސައްތައިގައެވެ. އަދި މާލޭގެ އާބާދީގައި މިއަށްވުރެ ދަށްކޮށް ލިބެނީ 18 އިންސައްތަަ މީހުންނަށެވެ.

އެންބީއެސްގެ ދިރާސާއިން ދައްކާގޮތުން އެވްރެޖްކޮށް ރާއްޖޭގެ ގޭބިސީއަކަށް މަހެއްގެ މައްޗަށް ލިބޭ ޖުމްލަ އާމްދަނީ އުޅެނީ 28746 ރުފިޔާއެވެ. މާލޭގައި ގޭބިސީއަކަށް މަހެއްގެ މައްޗަށް އެވްރެޖްކޮށް ލިބެނީ 38596 ރުފިޔާއެވެ.

މާލެއާއި އަތޮޅުތަކަށް ބަލާލިކަމުގައި ވިޔަސް އާމްދަނީ ލިބޭ މައިގަނޑު ގޮތަކީ މުސާރައާއި އުޖޫރައެވެ. އަތޮޅުތަކުގައި އެންމެ ގިނައިން އާމްދަނީ ލިބެނީ އަމިއްލަ ވިޔަފާރިތަކުންނެވެ. މާލޭގައި ދެވަނަ އަށް އެންމެ ގިނައިން އާމްދަނީ ލިބޭ ގޮތަކީ ކުލި ފަދަ މުދާވެރިކަމުން ލިބޭ އާމްދަނީންނެވެ. އަތޮޅުތަކުަގައި ކުލި ފަދަ މުދާވެރިކަމުން ލިބެނީ ހަމައެކަނި 4 އިންސައްތަ އާމްދަނީއެވެ.

މިދިރާސާގެ ނަތީޖާއިން ދައްކާގޮތުން 2019 ވަނަ އަހަރު ރާއްޖޭގެ އިދާރީ ރަށްރަށުގެ އާއްމު ގޭބިސީތަކުގައި ދިރިއުޅޭ 15 އަހަރުން މަތީގެ އާބާދީ އަކީ 317482 މީހުންނެވެ. އަދި އުމުރުން 15 އަހަރާއި 15 އަހަރުން މަތީގެ އާބާދީގެ 70 އިންސައްތަ މީހުންނަށް ކޮންމެވެސް ގޮތަކުން އާމްދަނީ ހޯދައެވެ. ރާއްޖޭގައި އެވްރެޖްކޮށް ގޭބިސީއެއްގައި އާމްދަނީ ލިބޭ މީހުންގެ އަދަދަކީ 2.6 ކަމަށްވެސް މި ދިރާސާއިން ދައްކައެވެ.