ވިޔަފާރި

މާލެ ސަރަޙައްދުގެ ގެސްޓްހައުސްތައް ހުޅުވުމަށް މިވަގުތު ހުއްދައެއް ނުދޭނެ


އޮކްޓޫބަރު މަހު ރާއްޖޭގެ ގެސްޓްހައުސްތައް އަލުން ހުޅުވަން ނިންމި ނަމަވެސް، މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ނުހުޅުވާނެކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ގެސްޓް ހައުސްތައް ހުޅުވުމާބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ޓޫރިޒަމް މިނިސްޓްރީން އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ އޮކްޓޫބަރު 15 ވަނަ ދުވަހު ގެސްޓްހައުސްތައް އަލުން ހުޅުވާލަން ރާވާފައިވާކަމަށެވެ. ނަމަވެސް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ސަރަހައްދުގައި ކޯވިޑް19 ފެތުރެމުންދާތީ މިސަރަހައްދުތަކުގެ ގެސްޓްހައުސްތައް އޮކްޓޫބަރު 15 ގައި ނުހުޅުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމަށް ހުއްދަ ދިނުމާ ގުޅޭގޮތުން ވަކި ގޮތެއް ނިންމާނީ މިސަަރައްހަދުން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ފަސް ޕަސެންޓަށް ދަށްވުމުންކަމަށް އެޗްޕީއޭއިން ލަފާދީފައިވާ މިނިސްޓަރ މައުސޫމް ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރެކޭ އެއްގޮތަށް މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް އޮކްޓޫބަރު 15ގެ ފަހުން ވެސް ޓްރާންސިޓް ހޮޓެލްތަކުގެ ގޮތުގައި ބޭނުންކުރެވޭނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީން ވަނީ އަލުން ގެސްޓްހައުސްތައް ހުޅުވާއިރު އަމަލުކުރަންޖެހޭ އުސޫލުތަކާބެހޭ މައުލޫމާތުވެސް ހިއްސާކޮށްފައެވެ. އެގޮތުން އަތޮޅުތެރޭގެ ގެސްޓް ހައުސްތައް އަލުން ހުޅުވޭނީ މިނިސްޓްރީން ކަނޑައަޅާ ކަންތައްތަކެއް ރަށްރަށުގެ ކައުންސިލްތަކުންނާއި ގެސްޓްހައުސްތަކުން ފުރިހަމަކޮށްގެންކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

މިހާރު އުސޫލުތައް ކަނޑައަޅާފައިވާ ގޮތުން ރަށެއްގައި ހިންގާ ގެސްޓް ހައުސްއެއް ވިޔަފާރިއަށް ހުޅުވާލެވޭނީ އެރަށެއްގެ އާންމުންގެ ހިޔާލު ހޯދައިގެން، ކައުންސިލުން ފާސްކޮށްގެނެވެ.

ރަށެއްގައި ހިންގާ ގެސްޓްހައުސް ވިޔަފާރިއަށް ހުުޅުވާލުމަށް ކައުންސިލްތަކުން ފުރިހަމަކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި އެރަށެއްގައި ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތައްހުރުމާއި ކޯވިޑް ޓާސްކް ފޯހެއް އޮތުން ހިމެނެއެވެ. އަދި މީހަކު ޕޮޒިޓިވްވެއްޖެ ހާލަތެއްގައި ރީޖަނަލް ކޮވިޑް ފެސިލިޓީއަށް ގެންދާނެ ޓްރާންސްޕޯޓް ހިދުމަތް ހަމަޖެހިފައި އޮތުމާއި ފްލޫ ކްލިނިކެއް ހުރުން އަދި ހެލްތު ސެންޓަރުގައި އައިސޮލޭޝަން ރޫމެއް ހުރުން މީގެ ތެރޭގައި ހިމެނެވެ.

ގެސްޓް ހައުސްތަކުން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ހެލްތު އެންޑް ސޭފްޓީ ޕްލޭނެއް އެކުލަވާލާ، މިނިސްޓްރީއަށް ހުށަހެޅުން ހިމެނެއެވެ. އަދި ގެސްޓްހައުސްތައް ހުޅުވުމުގައި ފުރިހަމަކުރަންޖެހޭ އެހެން ކަންތައްތަކުގެ ތެރޭގައި ހިދުމަތްދޭ ތަންތަނުގައި ސޯޝަލް ޑިސްޓެންސިން ބެހެއްޓޭނެ ގޮތަށް ކަންކަން ރޭވުމާއި ސްޓާފުންނަށް ބޭނުންވާ މިންވަރަށް ޕީޕީއީ ހުރިކަން ޔަރީންކުރުމުގެ އިތުރުން ފަސްޓް އެއިޑް ސާމާނު ހުރުން ހިމެނެއެވެ. އަދި ސްޓާފުން ވަކި ޔުނިފޯމެއްލުމާއި މާސްކު އެޅުމުގެ އިތުރުން ޓްރޭސް އެކީ އެޕް ބޭނުން ކުރުމަށްވެސް އުސޫލުގައިވެއެވެ.

ގެސްޓް ހައުސްތައް ހުޅުވުމާއިބެހޭ އުސޫލާއި، އެހެނިހެން ކަންތައްތައް ކައުންސިލްތަކާއި، ގެސްޓްހައުސްތަކާ ހިއްސާކުރުމުގެ ގޮތުން އޮކްޓޫބަރު 15ގެ ކުރިން ވަކިވަކިން ވެބިނާތަކެއް ބާއްވަން ޓޫރިޒަމް މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެވެ.

ކޯވިޑް-19 ގެ ސަބަބުން މުޅި ރައްޖޭ ތިންމަހަށްވުރެ ގިނަ ދުވަހު ލޮކްޑައުންގައި އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވާާލާފައިވަނީ ޖުލައި 15 ވަނަ ދުވަހުއެވެ. އޭރު ރިސޯޓުތައް ހުޅުވިނަމަވެސް ގެސްޓްހައުސްތައް އޮޕަރޭޓްކުރަން ފަށަން އޮތީ އޮގަސްޓްމަހުއެވެ. ނަމަވެސް ރާއްޖޭގައި ކޯވިިޑް-19 ފެތުރޭ މިންވަރު އިތުރުވެފައިވާތީ އެ ތާރީހު ފަސްކުރަން ސަރުކާރުން ނިންމީއެވެ.