ވިޔަފާރި

އާލާކޮށްފައިވާ ފާނަ ވިއްކާލުމަށް ބާއްވާ ނީލަމުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު އަލުން ހުޅުވައިފި


މޫދުކޮށީގައި ބޮޑުކޮށްފައިވާ ކަސް ފާނަ ވިއްކުމަށް ބާއްވާ ނީލަމުގައި ރަޖިސްޓަރީވުމުގެ ފުރުސަތު، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން އަލުން ހުޅުވައިފިއެވެ.

މިނިސްޓްރީން ބުނީ އދ. މަހިބަދޫގައި އާލާކޮށްފައިވާ ފާނައަށް މީގެ ކުރިން އޮގަސްޓު 16 އިން 19 އަށް ނީލަން ކިޔުމުގެ ފުރުސަތު ހުޅުވާލެވުނު ނަމަވެސް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާކަމަށެވެ. އެހެންކަމުން އަލުން މި ނީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލީކަމަށް ފިޝަރީޒް މިނިސްޓްރީން ބުނިއެވެ.

ނީލަމަށް ޚާއްސަކުރެވިފައިވާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ވެބްޕޭޖް މެދުވެރިކޮށް މިކަމަށް ޝައުގުވެރިވާ ކޮންމެ ފަރާތަކަށްވެސް މިހާރު ރަޖިސްޓަރ ކުރެވޭނެއެވެ. މިނިސްޓްރީން ބުނީ މީގެ ކުރިން ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުން އަލުން ރަޖިސްޓަރީވާކަށް ނުޖެހޭނެއެވެ.

މިއީ ފާނަ މާކެޓް ސައިޒަށް ބޮޑުކުރުން ތަޖުރިބާކުރުމަށް ހިންގަމުންދާ ހަރަކާތުގެ ތެރެއިން އދ. މަހިބަދޫން ހޮވާލެވުނު 7 ގޭބިސީއަކުން ބޮޑުކޮށްފައިވާ ފާނައެވެ. ވިއްކާލުމަށް ހަމަޖެހިފައިވަނީ ބަރުދަނުގައި 450 ގްރާމަށްވުރެ ބޮޑުވެފައިވާ ފާނައެވެ. ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ނީލަން ކުރިއަށް ދާނެ ދުވަހެއް އެ މިނިސްޓްރީން ފަހުން އިއުލާން ކުރާނެކަމަށެވެ.

ރާއްޖޭގައި މުޅިން އަލަށް ކުރިޔަށް ގެންދާ ކަސް ފާނަ އާލާކުރުމުގެ މަޝްރޫއަކީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ގާއިމުކުރުމަށް ވޯލްޑް ބޭންކުގެ އެހީގައި ފިޝަރީޒް މިނިސްޓްރީން ހިންގާ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ކަސް ފާނަ އާލާކުރާ މަޝްރޫ މިހާރު ހިންގަނީ އދ. އަތޮޅު ކައުންސިލާއި، އެއަތޮޅު މަހިބަދޫ، އޮމަދޫ، ދިގުރަށް އަދި ދަނގެތީ ގުޅިގެނެވެ. މިމަޝްރޫގެ ޕައިލެޓް ހަރަކާތުގައި މި ހަތަރު ރަށުން ޖުމްލަ 19 ގޭބިސީއަކާއިއެކު ފާނަ ބޮޑުކުރުން ތަޖުރިބާކުރަން މިދިޔަ ޖަނަވަރީމަހުގެ ތެރޭގައި ވަނީ ފަށާފައެވެ.