ވިޔަފާރި

ރާއްޖޭގައި އިންޓަނެޓް ނުލިބެނީ 7 ޕަސަންޓު ގޭބީސީއަށް: ދިރާސާ


ރާއްޖޭގެ އާބާދީގައި އިންޓަނެޓުގެ ހިދުމަތް ނުލިބެނީ 7 އިންސައްތަ ގޭބިސީއަށްކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، އެންބީއެސްގެ ދިރާސާއަކުން ދައްކައިފިއެވެ.

އެންބީއެސްއިން ހަދާފައިވާ 2019 ވަނަ އަހަރުގެ "ގޭބިސީގެ އާމްދަނީ އާއި ހަރަދު"ގެ ސާވޭ ދައްކާ ގޮތުން ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް އިންޓަނެޓްގެ ހިދުމަތް ލިބެއެވެ. އިންޓަނެޓްގެ ހިދުމަތަށް ބަލާއިރު ރާއްޖޭގެ 72 އިންސައްތަ ގޭބިސީން ޑޭޓާ އިންޓަނެޓު ބޭނުން ކުރެއެވެ. އަދި 47 އިންސައްތަ ގޭބިސީން ފައިބަރ އޮޕްޓިކް ކޭބަލް ކަނެކްޝަން މެދުވެރިކޮށް އިންޓަރނެޓްގެ ހިދުމަތް ހޯދައެވެ.

ދިރާސާއިން ދައްކާގޮތުން މާލޭގެ ގޭބިސީތަކުގެ ތެރެއިން އިންޓަނެޓްގެ ހިދުމަތް ނުލިބެނީ އެންމެ 2 އިންސައްތަ ގޭބީސީއަށެވެ. އަދި އަތޮޅުތަކުގެ ގޭބީސީތަކުގެ ތެރެއިން އިންޓަރނެޓްގެ ހިދުމަތް ނުލިބެނީ އެންމެ 13 އިންސައްތަ ގޭބިސީއަށެވެ.

މުވާސަލަތީ ތަކެއްޗަށް ބަލާއިރު ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ސްމާޓް ފޯނު ގެންގުޅޭކަމަށް މިސާވޭއިން ދައްކައެވެ. އަދި ގިނަ ގެބީސީތަކުގައި ފްލެޓް ސްކްރީން ޓީވީ ހުރިކަން ވަނީ ސާރވޭއިން ފާހަގަވެފައެވެ. މިގޭއިތުރުން ރާއްޖޭގެ ގޭބީސީތަކުގައި ކޮމްޕިއުޓަރާއި، ލެޕްޓޮފް ހުރި ނިސްބަތަށް ބަލާއިރު، އަތޮޅުތަކަށް ވުރެ މާލޭގައި މިފަދަ ތަކެތި ހުރި ގެތައް ގިނައެވެ. އަނެއްކޮޅުން ބައްތި ފޯނާއި، ރޭޑިއޯ ފަދަތަކެތި އެންމެ ގިނައިން ގެންގުޅެނީ އަތޮޅުތަކުގެ ގޭބީސީތަކުގައެވެ. އަދި ރާއްޖޭގެ 81 އިންސައްތަ ގޭބިސީގައި ކޭބަލް ޓީވީ އާއި ނެޓްފްލިކްސް ބޭނުންކުރާކަމަށްވެސް ދިރާސާއިން ދައްކައެވެ.