ޚަބަރު

ފުލުހުންގެ ބުރަމަސައްކަތުން ލޭއޮހޮރުވުމާއި، ތަޅާފޮޅުންވަނީ ހުއްޓުވާލެވިފައި: މިނިސްޓަރ އިމްރާން


ފާއިތުވެދިޔަ 17 މަސް ދުވަހުގެ ތެރޭގައި ފުލުހުންގެ ބުރަމަސައްކަތުން ރާއްޖޭގައި ހިންގަމުން ދިޔަ މާރާމާރީ އާއި ތަޅާފޮޅުންތައް ހުއްޓުވައި އަމަން އަމާންކަން ގާއިމް ކުރެވިފައިވާކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސިފައިންނާއި ފުލުހުންގެ ޚިދުމަތް ވަކިކުރެވުނުތާ 16 ފުރުމުގެ މުނާ ސަބަތާއި ގުޅުވައިގެން ދުވަހުގެ ތަހުނިޔާ ދިވެހި ފުލުހުންނާއި އާއިލާތަކަށް ފޮނުވައި މިނިސްޓަރ އިމްރާން ވިދާޅުވީ ފުލުހުންގެ މަސައްކަތަކީ ދިވެހި ކޮންމެ ރައްޔިތަކުވެސް ފަޚުރުވެރިވާ މަސައްކަތެއްކަމަށެވެ.

ހުޅުމާލޭގައި ގާއިމްކޮށްފައިވާ ފުލުހުންގެ އައު އިމާރާތް ހުޅުވުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ސަރުކާރުގެ ފާއިތުމިވީ 17 މަހެއްހައި ދުވަހުގެ ތެރޭގައި ފުލުހުންގެ މުއްއަސާއިން ކުރެއްވި ބުރަމަސައްކަތުން ރާއްޖޭގައި ހިނގަމުންދިޔަ އަނިޔާވެރި އަމަލުތަކާއި، މާރާމާރީއާއި ތަޅާފޮޅުން ހުއްޓުވިފައި ވާކަމަށެވެ. ނަމަވެސް މިހާރުވެސް ގިނަ ކަންތައްތަކެއް ހައްލުކުރަން ހުރިކަމަށާއި، މުޖުތަމައުގެ ތެރޭގައި ހުރި ނޭދެވޭ ކަންކަން ހުއްޓުވުމުގައި ފުލުހުންގެ ޒިންމާ ބޮޑުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ރައްޔިތުންގެ މެދުގައި އުފިދިފައިވާ ބިރުވެރިކަން ނައްލާލުމަށް ފުލުހުން ކޮށްދެއްވާފައިވާ މަސައްކަތަކީ އަޅުގަނޑުމެން ވަރަށްއުފަލާއެކު ބަލައިގަންނަ މަސައްކަތްތަކެއް. އޭގެ ނަތީޖާއެއްގެ ގޮތުން ވޭތުވެދިޔަ 17 ވަރަކަށް މަސްދުވަހުގެ ތެރޭގައި އާންމު ގޮތެއްގައި ރައްޔިތުންނަށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުވެ ކުރިން ލޭ އޮހޮރުވުމާއި ތަޅާފޮޅުންފަދަ ގިނަ ކަންކަން ހުއްޓުވަލެވިފައިވޭ" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ފާއިތުވެދިޔަ 16 އަހަރުގެ ތެރޭގައި ފުލުހުން ވަނީ ރާއްޖޭގައި އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމްކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައި ކަމަށެވެ. ފުލުހުންގެ މުއައްއަސާގެ ވަސީލަތްތަކާއި، ކުރިއެރުމަށް ޚާއްސަ އިސްކަމެއްދީގެން މިސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ އިމްރާން ފާހަގަކުރެއްވިއެވެ.

ފުލުހުންގެ މުއައްސާއަކީ ރައްޔިތުންގެ މެދުގައި އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމްކުރުމުގެ އެންމެ މަތީ ޒިންމާ އަދާކުރާ ފަރާތަށް ވާއިރު ވަކިވަކި ފުލުހުން ކުރާ ނޭދެވޭ ކަންކަމުގެ ސަބަބުން މުޅި މުއައްސަސާއަށް އެކަމުގެ ހުތުރު ބަދުނާމު އެޅޭގޮތަށް އެއްވެސް ފުލުހެއްގެ އަމަލުތައް ނުބެހެއްޓުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ހުޅުމާލެއަކީ މިއަދު ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ގިނަ ކަންތައްތަކެއް ކުރެވޭ ތަނަކަށްވާއިރު ހުޅުމާލޭގެ އަމާންކަމާއި ރައްކާތެރިކަން ގާއިމްކުރުމަށް ފުލުހުންގެ ދައުރު އިތުރަށް ފުޅާކޮށް ބޮޑު ކުރުމަށް މިނިސްޓަރ ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

ހުޅުމާލެއަކީ ކުރިއަށް އޮތް ތަނުގައިވެސް އާބާދީ ބޮޑުވެގެންދާނެ ރަށަކަށްވާއިރު ރައްކާތެރިކަން ކަށަވަރު ކުރުމަށް މުހިންމު ޕްލޭން ތަކާއިއެކުު މަސައްކަތް ކުރަންޖެހޭކަމަށް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ.