ވިޔަފާރި

އެމްޓީޑީސީގެ ހިއްސާގެ ފައިދާ އޮކްޓޯބަރު 15އިން ފެށިގެން ބަހަނީ


މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެމްޓީޑީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ކުންފުނީގެ ހިއްސާދާރުންނަށް ބަހަން ނިންމާފައިވާ ހިއްސާގެ ފައިދާ އޮކްޓޯބަރު 15 ވަނަ ދުވަހުން ފެށިގެން ބަހަން ނިންމައިފިއެވެ.

އެމްޓީޑީސީގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާ އަކަށް ބެހުމަށް ނިންމާފައިވަނީ 50 ލާރިއެވެ. މިނިންމުން ނިންމީ އޯގަސްޓް 29 ވަނަ ދުވަހު އޮންލައިންކޮށް ބޭއްވި އެކުންފުނީގެ އަހަރީ އާއްމު ޖަލްސާގައެވެ. އެމްޓީޑީސީގެ ހިއްސާއަކަށް 50 ލާރި ބަހަން ނިންމާފައިވާއިރު، މިއީ މިދިޔަ 11 އަހަރުތެރޭގައި އެމްޓީޑީސީގެ ފައިދާއިން ހިއްސާދާރުން ޑިވިޑެންޑް ބަހަން ނިންމި ފުރަތަމަ ފަހަރެވެ.

1234 ހިއްސާދާރުންނާއެކު ބޭއްވި އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާގައި ވަނީ ކުރިއަށް އޮތް ދައުރަށް އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލްކުރާ 5 ޑިރެކްޓަރުންވެސް އިންތިޚާބުކޮށްފައެވެ. މީގެއިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ކޭޕީއެމްޖީ ހަމަޖެއްސުމަށްވެސް އަހަރީ އާއްމު ޖަލްސާގައި ފާސްކުރިއެވެ.

އެމްޓީޑީސީން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން ކުންފުނިން ވަނީ މާލީގޮތުން ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު ކުންފުންޏަށް 1.2 މިލިއަން ޑޮލަރުގެ ފައިދާއެއް ވަނީ ލިބިފައިވެއެވެ.

ސަރުކާރާއި އާއްމު ރައްޔިތުންގެ ހިއްސާއޮންނަ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް، އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހިރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ.

އެމްޓީޑީސީގެ ދަށުން ތަރައްގީކޮށް، މިވަގުތު ހިންގަމުން އަންނަނީ މައިނާ އިންޓަނޭޝަނަލް ކުންފުންޏަށް ސަބްލީޒްކޮށްގެން ހިންގާ ބ. ކިހަވަށް ހުރަވަޅި އަދި ތުރުކީގެ އަހްމެޓް އައިދިނެޒް ކުންފުންޏަށް ސަބްލީޒް ކޮށްގެން ހިންގާ ގދ. މަގުދުވާ އެވެ. މީގެތެރެއިން ބ ކިހަވަށް ހުރަވަޅި އަކީ އަނަންތާރާ ކިހަވަށް ވިލާޒް ރިސޯޓު ހިންގާ ރަށެވެ. އަދި ގދ. މަގުދުވާ އަކީ އަޔާދާ މޯލްޑިވްސް ހިންގާ ރަށެވެ.

މީގެ އިތުރުން ތިން އަހަރު ތެރޭހައި ހދ. ނާގޯށީގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް އެ ރަށް އޮޕަރޭޝަނަށް ގެންދިޔުމަށް އެމްޓީޑީސީއާ ވަނީ ހަވާލުކޮށްފައެވެ.