ޚަބަރު

ރައީސް ޓްރަންޕާއި ބައިޑަން: މުހިންމު މައްސަލަތަކުގައި ގެންގުޅުއްވާނެ ސިޔާސަތުތައް


ނޮވެމްބަރު މަހުގައި އެމެރިކާގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް އެ ޤައުމުންދަނީ ތައްޔާރުވަމުންނެވެ. ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ތާރީޚު ކައިރިވަމުންދާ ވަރަކަށް އިންތިޚާބުގައި ރިޕަބްލިކަންގެ ފަރާތުން ވާދަކުރައްވާ ޑޮނަލްޑް ޓްރަންޕާއި ވަާތު ފިޔައިގެ ޑިމޮކްރެޓުންގެ ފަރާތުން ވާދަކުރައްވާ ޖޯ ބައިޑަންއާ ދެމެދު އޮތް ވާދަވެރިކަންދަނީ އިތުރުވަމުންނެވެ. ދެ ބޭފުޅުންވެސްދަނީ އެ ބޭފުޅެއްގެ ވަރިކަމެއްގައި ޤައުމަށް ކޮށްދޭނޭ ކަންކަމާގުޅޭ ގިނަ ވަޢުދުތަކެއް ވަމުންނެވެ.

ކޯވިޑް- 19، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއާއެކު އޮންނަ ގުޅުން

ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދަނީ އެމެރިކާގައެވެ. ސައިންސުވެރިންނާއި ކަމާބެހޭ މާހިރުން ލަފާދެއްވައިފިނަމަ ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ޤައުމު އެއްކޮށް ބަންދުކުރުމަށް ތައްޔާރަށް ހުންނެވިކަމަށް ޑިމޮކްރަޓުންގެ ރިޔާސީ ކެންޑިޑޭޓު ބައިޑަންވަނީ ވިދާޅުވެފައެވެ. ނަމަވެސް ރައީސް ޑޮނަލްޑު ޓްރަންޕުވަނީ ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމުގެ މަގުސަދުގައި މަރުހަލާތަކަކަށް ބަހާލައިގެން އިޤްތިޞާދީ ޙަރަކާތްތައް އަލުން ފެށުމަށް އަމުރުކުރައްވާފައެވެ.

ބައިޑަން ވިދާޅުވާ ގޮތުގައި ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް ފުރަތަމަ ކުރަންޖެހޭ މަސައްކަތަކީ ބަލި ފެތުރުން ހުއްޓުވުމެވެ. ބައްޔާ ދެކޮޅާށް މަސައްކަތްކޮށް، ތަހުލީލުކުރާ މިންވަރު އިތުރުކޮށް ޞިއްޙީ ޚިދުމަތްތެރިންނަށް ބޭނުންވާ ރައްކާތެރިކަމުގެ ސާމާނު އިތުރަށް ހޯދައިދީ، ޢާންމު ރައްޔިތުން މާސްކު ބޭނުންކުރުން މަޖުބޫރުކުރުވުމަކީ ހީނަރުވެފައިވާ އިޤްތިޞާދު ކޮޅަށް ޖެހުމަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތްކަމަށް ބައިޑަންވަނީ ވިދާޅުވެފައެވެ. އޭނާ އެގޮތަށް ވިދާޅުވެފައިވަނީ އެމެރިކާގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު 5.9 މިލިއަނަށް އިތުރުވެ 183،000 މީހުން މަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ބަލި ފެތުރޭ މިންވަރު އިތުރުވާތީ ގިނަ ޤައުމުތަކެއްގައި މާސްކު ބޭނުންކުރުން ލާޒިމް ކުރިނަމަވެސް އެފަދަ ނިންމުމެއް އެމެރިކާގައި މިހާތަނަށް ނިންމާފައެއް ނުވެއެވެ. ގިނަ ފަހަރު ރައީސް ޓްރަންޕް މާސްކު ބޭނުންކުރައްވާ މަންޒަރެއްވެސް ނުފެނެއެވެ. ހަމައެއާއެކު ބަލިފެތުރޭ މިންވަރު ދަށަށް ނުދިޔަނަމަވެސް މަދަރުސާތައް އަލުން ހުޅުވުމަށް ރައީސް ޓްރަންޕްދަނީ ބާރު އަޅުއްވަމުންނެވެ.

ކޯވިޑް-19 ފެތުރެން ފެށުމުން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން ޢަމަލުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށާއި އެ ޖަމުޢިއްޔާއިން ޗައިނާއާއެކު ގުޅުން ބަދަހިކުރަމުންދާކަމަށްބުނެ އެމެރިކާއިންވަނީ ޑަބްލިއުއެޗުއޯއަށް ދެމުންދިޔަ މާލީ އެހީތެރިކަން ހުއްޓާލައި އެ ޖަމުޢިއްޔާއިން ވަކިވުމަށް ރަސްމީކޮށް ހުށަހަޅާފައެވެ. ޑަބްލިއުއެޗުއޯގެ މައްސަލައިގައި ބައިޑަންގެ ވެރިކަމެއްގައި ޢަމަލުކުރައްވާނެގޮތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޑަބްލިއުއެޗުއޯގެ އިރުޝާދާ އެއްގޮތަށް ބަލި ފެތުރުން ހުއްޓުވުމަށް މާސްކު ބޭނުންކުރުމަށް އޭނާ ދަނީ ބާރު އަޅުއްވަމުންނެވެ.

ވަޒީފާގެ ފުރުޞަތު

އެމެރިކާގެ ކުންފުނިތަކުން ޤައުމުގެ ރައްޔިތުންނަށް ވަޒީފާ ދިނުމުގެ ބަދަލުގައި ކުޑަ އަގަކަށް މަސައްކަތްކުރާ ބޭރު ޤައުމުތަކުން އަންނަ މަސައްކަތްތެރިންނަށް ވަޒީފާ ދިނުން ހުއްޓުމަކަށް ގެންނަވާނެކަމަށް ރައީސް ޑޮނަލްޑު ޓްރަންޕްވަނީ ވިދާޅުވެފައެވެ. އެމެރިކާއަށް ހިޖުރަކުރާ މީހުންނާ ގުޅޭގޮތުން ޢަމަލުކުރައްވަމުންދާ ހަރުކަށި ސިޔާސަތު ދަމަހައްޓަވާނެކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ. ކުރިއަށް އޮތް އިންތިޚާބަކީ ޤައުމުގެ ތާރީޚުގައި ބާއްވާ އެންމެ މުހިންމު އިންތިޚާބުގެ ގޮތުގައި ސިފަކުރައްވާ ރައީސް ޓްރަންޕް ވިދާޅުވީ ޤައުމުގެ ހައްޤުގައި މަސައްކަތްކޮށް ޗައިނާގެ މައްޗަށް އެމެރިކާއިން ބަރޯސާވާ މިންވަރު ކުޑަކުރައްވާނެކަމަށެވެ. ޤައުމުގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރާނީ އަބަދުވެސް އެމެރިކާއަށް އިސްކަން ދީގެންކަމަށް ޓްރަންޕްވަނީ ވިދާޅުވެފައެވެ.

ޓްރަންޕާ ޚިލާފަށް ޑިމޮކްރަޓުންގެ ފަރާތުން ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންވަނީ ވަގުތީ ވިސާ ދޫކުރުމުގެ ނިޒާމު އިސްލާހުކޮށް ބޭރު ޤައުމުތަކުން ގެންނަ ކުޅަދާނަ މަސައްކަތްތެރިންގެ ނާޖާއިޒު ފައިދާ ނެގިޔަ ނުދީ އެމީހުންނަށް މުސާރަދޭ އޮނިގަނޑަށް ބަދަލުގެނެސް އައު އުސޫލެއް ތަޢާރަފު ކުރައްވާނެކަމަށް ވިދާޅުވެފައެވެ. މިދިޔަ ހަފުތާގައި ޑިމޮކްރެޓުން ބޭއްވި ޙަރަކާތުގައި ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ މި އަހަރުގެ މިހާތަނަށް 50 މިލިއަން މީހުން ވަޒީފާ ނެތުމުގެ ސަބަބުން ސަރުކާރުގައި ދަފްތަރުވެފައިވާކަމަށާއި 10 މިލިއަނަށްވުރެ ގިނަ މީހުންނަށް ލިބިފައިވާ ހެލްތު އިންޝިއުރަންސު މި އަހަރު ގެއްލިފައިވާކަމަށެވެ. މި އަހަރުގެ ތެރޭގައި ކުދި ވިޔަފާރީތަކަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާކަން ފާހަގަކުރައްވާ ބައިޑަން ވިދާޅުވީ އެ ޢަދަދުތަކުގެ މައްޗަށް ބިނާކޮށް މިހާރުގެ ރައީސްގެ ގޮތުގައި ހުންނެވި ޓްރަންޕުގެ ގާބިލިއްޔަތު ހާމަވެގެންދާކަމަށެވެ.

ބައިޑަން ވިދާޅުވީ އުނދަގޫ ޙާލަތެއްގައި ޤައުމު އޮއްވާ ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމުގައި މީގެ ކުރިންވެސް އޭނާ ކާމިޔާބުވެފައިވާ ކަމަށާއި 2009ވަނަ އަހަރު އޭނާގެ މޭސްތުރުކަމުގެ ދަށުން އެތައް މިލިއަން މީހުންގެ ވަޒީފާ ސަލާމަތްކުރައްވާފައިވާކަމަށެވެ.

އިންޑިޔާއާއެކު އޮންނަ ގުޅުން، ޗައިނާއާއެކު އުފެދިފައިވާ ނުތަނަވަސްކަން

އިންޑިޔާއަށް ނިޞްބަތްވާ 1.2 މިލިއަނެއްހާ އެމެރިކާގެ ރައްޔިތުން އުޅެއެވެ. ޓްރަންޕްގެ ކެމްޕެއިނަށް ބޭނުންކުރާ ވީޑިއޯއެއްގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ 2019ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ޒިޔާރަތުގެ މަންޒަރުތަކާއި މި އަހަރު އިންޑިޔާއަށް ޓްރަންޕު ކުރެއްވި ދަތުރުފުޅުގެ މަންޒަރުތައްވަނީ ހިމަނާފައެވެ. އެ ވޯޑިއޯ ޙިއްސާކުރަމުން އިންޑިޔާއާ އެމެރިކާއާ ދެމެދު އޮންނަ ގުޅުމަކީ އެ ގުޅުމާމެދު އެމެރިކާއިން ހިތްހަމަޖެހޭ ގުޅުމެއްކަމަށާއި އިންޑިޔާ-އެމެރިކާ ރައްޔިތުންގެ ބޮޑު ތާއީދެއް ޓްރަންޕަށް އޮތްކަމަށްވަނީ ބުނެފައެވެ. މި އަހަރުގެ ކުރީކޮޅު ޓްރަންޕުގެ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި ސިފަކުރައްވާ މޯދީއާއެކު ބޭއްވި ބައްދަލުވުމެއްގައި އިންޑިޔާއާއެކު ވަރަށް އަވަހަށް ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލާނޭކަމަށްވެސް ޓްރަންޕުވަނީ ވިދާޅުވެފައެވެ.

އިންޑިޔާއާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް އިންޑިޔާއަށް ކުރިމަތިވެފައިވާ ސަރަޙައްދީ މައްސަލަތަކުގައި އިންޑިޔާއާއެކު ވާކަމަށް ބައިޑަންވެސްވަނީ ވިދާޅުވެފައެވެ. މިވަގުތު ދޫކުރުން މެދުކަނޑާލާފައިވާ އެޗު1-ބީ ވިސާ ދޫކުރަން އަލުން ފަށާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެ ވިސާ ދޫކުރުން މެދުކަނޑާލުމުން އެންމެ ބޮޑު ދަތިތައް ކުރިމަތިވެފައިވަނީ އިންޑިޔާގެ ރައްޔިތުންނަށެވެ.

ޑިމޮކްރަޓުންގެ ފަރާތުން ނައިބު ރައީސްކަމަށް ވާދަކުރައްވާ ކަމާލާ ހެރިސްއަކީ އިންޑިޔާ ދަރިފަސްކޮޅަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. މިއީ އިންޑިޔާ ދަރިފަސްކޮޅަށް އަދި ކަޅު ނަސްލަށް ނިސްބަތްވާ އަންހެނަކު ނައިބު ރައީސްކަމަށް މައި ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރައްވާ ފުރަތަމަ ފަހަރެވެ. އެމެރިކާގެ ވެރިކަމާ ރައީސް ޓްރަންޕު ހަވާލުވެވަޑައިގެންނެވި ފަހުން އެމެރިކާއާއި ޗައިނާއާމެދު އޮންނަ ގުޅުންވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ދެ ޤައުމުގެ ދެމެދުގައި ޤާއިމްކުރާ ވިޔަފާރީގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނިމިފައިވާނަމަވެސް ދެ ޤައުމުގެ ދެމެގުގައި އޮތް ތަފާތުތައްދަނީ އެއް ދުވަހަށްވުރެ އަނެއް ދުވަހު އިތުރުވަމުންނެވެ.

ކޯވިޑް-19ގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންވަނީ އިތުރަށް ގޯސްވެފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ޗައިނާގެ ވުހާން ސިޓީއިން ފުރަތަމަ ފަހަރަށް ފެނި މުޅި ދުނިޔެއަށް މިހާރު ފެތުރިފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމަކީ 'ޗައިނާ ވައިރަސް'ގެ ގޮތުގައި ޓްރަންޕުވަނީ ތަކުރާރުކޮށް ސިފަކުރައްވާފައެވެ. އޭގެ އިތުރުން ޗައިނާގެ 59 އެޕުލިކޭޝަނެއް ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި އެމެރިކާގައި ބޭނުންކުރުންވަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި އެމެރިކާގައި ވަރަށް މަގުބޫލު ޓިކްޓޮކް އެޕުލިކޭޝަންވެސް ހިމެނެއެވެ.
ޗައިނާއާ އެމެރިކާއާ ދެމެދު އޮންނަ ގުޅުމާ ގުޅޭގޮތުން ބައިޑަންގެ ސަރުކާރެއްގައި ޢަމަލުކުރައްވާނެ ގޮތެއް ބައިޑަން ސާފުކޮށްދެއްވާފައެއް ނުވެއެވެ. ޑިމޮކްރަޓުންގެ ގިނަ ބަޔަކުވެސްވަނީ ޗައިނާގެ އެޕްލިކޭޝަންތައް މަނާކުރުމަށް ރައީސް ޓްރަންޕު ނިންމެވި ނިންމުމަށް ތާޢީދުކޮށްފައެވެ.

ޗައިނާ ހިމެނޭގޮތަށް އެއްވެސް ޤައުމެއްގެ ސަބަބުން އިންޑިޔާގެ އިސްތިގުލާލަށް ނުރައްކާކުރުމުގެ ފުރުޞަދު ނުދޭނެކަމަށާއި ދެކުނު އޭޝިޔާގައި އުފެދިފައިވާ ސަރަޙައްދީ ރޮނގުތަކުގެ މައްސަލަތަކުގެ ސަބަބުން ހިންގާ ނިރުބަވެރި ޢަމަލުތައް ބަލައިނުގަންނަވާނެކަމަށްވެސް ބައިޑަންވަނީ ވިދާޅުވެފައެވެ. ބައިޑަން އެހެން ވިދާޅުވެފައިވަނީ ސަރަޙައްދީ ރޮނގުގެ މައްސަލައިގައި އިންޑިޔާއާއި ޗައިނާއާ ދެމެދު ކުރިމަތިލުންތަކެއް ހިންގާފައިވަނިކޮށެވެ.