ޚަބަރު

ޖަޕާނުގެ ވެރިކަންކުރާ ޕާޓީގެ ވޯޓުލުން ސެޕްޓެމްބަރު މަހު


ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އިސްތިޢުފާ ދެއްވުމާ ގުޅިގެން ވެރިކަންކުރާ ލިބަރަލް ޑިމޮކްރަޓިކް ޕާޓީގެ ލީޑަރުގެ ގޮތުގައި އައު ބޭފުޅަކު ޢައްޔަނުކުރުމަށް ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހު ވޯޓުލުމަށް ތައްޔާރުވެއްޖެއެވެ.

ޞިއްޙީ ޙާލަތު ތަން ނުދޭތީކަމަށް ވިދާޅުވެ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭވަނީ އޮގަސްޓު މަހުގެ 28ވަނަ ދުވަހު އިސްތިޢުފާ ދެއްވާފައެވެ. ގޮހޮރު ދުޅަވުން ނުވަތަ އަލްސެރޭޓިވް ކޮލައިޓިސް ޖެހި، ގިނަ އަހަރުތަކެއް ވަންދެން ފަރުވާ ހޯއްދަވަމުންދާ އަބޭ ވިދާޅުވީ ބަލި ޙާލަތުހުރި ގޮތުން ރައްޔިތުންގެ ކަންކަމުގައި އެންމެ ރަނގަޅު ނިންމުންތައް ނިންމުމުގެ ޤާބިލުކަން ނެތުމުން މަޤާމުން އިސްތިޢުފާދެއްވުމަށް ނިންމެވީކަމަށެވެ. އަބޭގެ ދައުރު ނިމެންދެން ބޮޑުވަޒީރުގެ މަޤާމުގައި ހުންނަވާނީ ޕާޓީގެ ލީޑަރުގެ ގޮތުގައި ދެން ހޮވިވަޑައިގަންނަވާ ބޭފުޅެކެވެ. އެ މަޤާމަށް ހަތަރު ބޭފުޅަކު ވާދަކުރައްވާނެކަމަށް ބެލެވެއެވެ.

ބޮޑުވަޒީރުގެ މަޤާމަށް ޢާންމުންގެ ތާޢީދު އެންމެ ބޮޑަށް އޮތީ ކުރީގެ ދިފާޢީ ވަޒީރު ޝިގެރު އިޝީބާއަށެވެ. ނަމަވެސް އަބަދުވެސް އަބޭއަށް ފާޑުވިދާޅުވާ އިޝީބާ އެ މަޤާމަށް ކުރިމަތިލައްވައިފިނަމަ މަޤާމު ޔަޤީންކުރުން ފަސޭހަވާނެކަމަކަށް ނުބެލެވެއެވެ. އެނގިފައިވާ ގޮތުގައި ކެބިނެޓު ސެކެޓްރީ ޔޮޝިހިޑޭ ސޫގާއަށް ލިބެރަލް ޑިމޮކްރަޓިކް ޕާޓީގެ އެކި ފެކްޝަންތަކުގެ ތާޢީދުވަނީ ޔަޤީންވެފައެވެ. މިހާރުގެ ދިފާޢީ ވަޒީރު ޓާރޯ ކޯނޯއަށްވެސް ޢާންމުންގެ ތާޢީދު އެބައޮތެވެ. އެލްޑީޕީގެ ސިޔާސަތުތަކާބެހޭ އިސްވެރިކާ ފޫމިއޯ ކިޝީޑާވެސްވަނީ މަޤާމަށް ކުރިމަތިލައްވާނެކަމަށް އިޢުލާނުކުރައްވާފައެވެ.

ބަރުލަމާނީ ނިޒާމެއް އޮތުމުގެ ސަބަބުން ބޮޑުވަޒީރަށް ބޭފުޅަކު އައްޔަނުކުރުމުގައި ޖަޕާނުން ބަލާނީ ޢާންމުންގެ ތާއީދު އޮތް މިންވަރަކަށް ނޫނެވެ. އޭގެ ބަދަލުގައި ބޮޑުވަޒީރުގެ މަޤާމަށް ބޭފުޅަކު އައްޔަނުކުރުމަށް ވޯޓުލާނީ ޤާނޫނުހަދާ މަޖިލީހުންނެވެ.

ބޮޑުވަޒީރުގެ މަޤާމުން އަބޭ އިސްތިޢުފާ ދެއްވާފައިވީނަމަވެސް ޖަޕާނާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުން ސަރުކާރުން ދަމަހައްޓާނެކަމުގެ ޔަޤީންކަން އަބޭވަނީ އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕަށް އަރުއްވާފައެވެ. ނަމަވެސް އަބޭއަށް ފަހު ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގަންނަވާ ބޭފުޅަކަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. ކޯވިޑް-19ގެ ސަބަބުން ޤައުމަށް ކުރިމަތިވެފައިވާ ޙާލަތުގައި އަޑިއަޅާފައިވާ އިޤްތިޞާދު ކޮޅަށް ޖެހުމާއި ޚާރިޖީ އަދި ސަލާމަތީ މައްސަލަތަކަށް ޙައްލު ހޯދުމުގެ ޒިންމާއާ އެ ބޭފުޅުކު ޙަވާލުވެ ވަޑައިގަންނަވަން ޖެހޭނެއެވެ.