ޚަބަރު

އެލްޖީއޭ ބޯޑުގެ މަސައްކަތް ނުހުއްޓި ކުރިޔަށް ގެންދެވޭގޮތަށް ޤާނޫނަށް އިސްލާހު ގެނެސްފި


ލޯކަލްގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ބޯޑުގެ މަސައްކަތް ނުހުއްޓޭނެގޮތަކަށް ޤާނޫނަށް އިސްލާހު ގެނެވުނު ބިލު މަޖިލީހުން ފާސްކޮށްފިއެވެ.

ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނަށް އިސްލާހް ހުށަހެޅުއްވީ މަޑަވެލީ ދާއިރާގެ މެމްބަަރު ހުސައިން ފިރުޝާންއެވެ. މިބިލް މަޖީހުން ފާސްކޮށްފައިވަނީ 57 މެމްބަރުންގެ ވޯޓުންނެވެ.

ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްވުމުން އެލްޖީއޭގެ ބޯޑުގެ ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައިވެސް ބޯޑުގެ ޖަލްސާތައް ބޭއްވިގެންދާނެއެވެ. މިހާރު ޤާނޫނު ބުނާގޮތުން އެލްޖީއޭ ބޯޑުގެ ޖަލްސާއެއް ބޭއްވޭނީ ބޯޑުގެ ރައީސް ވަޑައިގެން ބައްދަލުވުމެއް ބޭއްވުމުންނެވެ. ބޯޑުގެ ރައީސެއްގެ ގޮތުގައި ހުންނަވަނީ ޤާނޫނު ބުނާގޮތުން ހޯމް މިނިސްޓަރެވެ.

ބޯޑުގެ މަސައްކަތް ނުހުއްޓޭނެ ގޮތަކަށް ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެމަޤާމުގައި ހުންނެވި ބޭފުޅަކު ނުކުޅެދިއްޖެ ޙާލަތެއްގައި، ނުވަތަ ޢުޛުރުވެރިވެއްޖެ ޙާލަތެއްގައި، ނުވަތަ އެމަޤާމު ހުސްވެއްޖެ ޙާލަތެއްގައި، އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ބޯޑުގެ ނައިބުރައީސްކަމަށެވެ.

އަދި އެލްޖީއޭގެ ބޯޑުގެ ޖަލްސާއަކަށް ބޯޑުގެ ރައީސް އާއި ނައިބުރައީސް ޙާޟިރުވެވެން ނެތް ހާލަތުގައި، ޖަލްސާގެ ރިޔާސަތު ބަލަހައްޓާނޭ ފަރާތެއް އެޖަލްސާއަކަށް ހާޟިރުވެ ތިބި ބޯޑު މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ކަނޑައަޅަންވާނެކަމަށް ބުނެފައިވެއެވެ.

މިމައްސަލައިގަ ވާހަކަދެއްކެވި މެމްބަރުން ވިދާޅުވީ އެލްޖީއޭގެ ބޯޑަށް މިހާރު ގެނެސްފައިވާ ބޮޑު ބަދަލާއެކު ހިންގުން ހަރުދަނާވެ ކައުންސިލްތަކުގެ މަސައްކަތްތަކަށް އިތުރު ލުޔެއް ލިބިފައިވާކަމަށެވެ. މިހާލަތަކީ ކައުންސިލްތައް ހިންގުމުގައި ގޮންޖެހުން ބޮޑު ހާލަތަކަށްވާއިރު، އެލްޖީއޭގެ ބޯޑާއި، އެލްޖީއޭގެ ޒިންމާ މިހާލަތުގައި ވަރަށް ބޮޑުވާނެކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.