ވިޔަފާރި

ފައިދާވާ ކުންފުންޏަކަށް މިފްކޯ ހެދުމަށް ބޮޑު މަޝްރޫއެއް ފެށުމަށް ދަނީ ތައްޔާރުވަމުން- އެސްޓީއޯ


މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ހިންގުން ހަރުދަނާކޮށް، ބައިނަލްއަޤްވަމީ މާކެޓުގައި ބްރޭންޑު ކުރިއެރުވުމަށް މިދިޔަ އަހަރުން ފެށިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެން އަމްރު ވިދާޅުވެއްޖެއެވެ.

އޮންލައިންކޮށް ބޭއްވި އެސްޓީއޯގެ 2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ އެސްޓީއޯގެ ސަބްސިޑަރީ، މިފްކޯ ގެއްލުމުގައި ހިންގުމަކީ އެސްޓީއޯއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށެވެ. އަދި މިފްކޯ ގެއްލުމުގައި ހިންގަންޖެހެނީ ކުންފުނީގެ ވިޔަފާރި މޮޑެލް އޮތް ގޮތުން ދިމާވާ މައްސަލަތަކުންކަމަށް އަމްރު ވިދާޅުވިއެވެ.

"މަސްވެރިން އަތުން މަސް ގަންނަ އަގަށްވުރެ ދަށް އަގުގައި ރާއްޖެއިން ބޭރަށް މަސް ވިއްކަންޖެހުން އެއީ ކުންފުންޏަށް ގެއްލުންވާ އެންމެ ބޮޑު އެއް ސަބަބު. މިދިޔަ އަހަރު ކުރެވުނު މަސައްކަތުން އެގިގެން ދިޔައީ ރާއްޖޭގެ މަސް ދުނިޔޭގެ މާކެޓުގައި މަދުގެން ދިއުމުން، ރާއްޖޭގެ މަހުގެ އަގު ބޮޑުތަނުން މައްޗަށް ދާކަން. އެކަން ނުކުރެވި، ރާއްޖޭގެ ސްޓޯރޭޖްގައި ތަން ނެތުމުން ބޭރަށް މަސް އެކްސްޕޯޓްކުރާ މިންވަރު އިތުރުވާތީ" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ މިފްކޯއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް 30 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. މިމަޝްރޫޢުގެ ސަބަބުން ކޮންޓްރޯލްކޮށްގެން ބޭރުގެ މާކެޓަށް ރާއްޖެއިން ބާނާ މަސް ނެރުމަށް މަގުފަހިވާނެކަމަށެވެ. މީގެއިތުރުން ބޭރުގެ މާރކެޓުގައި މިފްކޯ ބްރޭންޑް ޕްރޮމޯޓްކުރުމަށްވެސް ގިނަ މަސައްކަތްތައް ކުރަމުންދާކަން އަމްރު ފާހަގަކުރެއްވިއެވެ.

"މިފްކޯގައި މިހާރު މަސް ރައްކާކުރެވޭ 3000 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ ހުރޭ. މިކެޕޭސިޓީ ދިހަ ހާސް ޓަނަށް އިތުރުކުރުމަށް 30 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ވަނީ ފަށަން ތައްޔާރުވެފައި. މިޕްރޮޖެކްޓްގެ ދަށުން ކޫއްޑޫއާއި ފެލިވަރުގެ ބަނދަރު ތަރައްޤީކޮށް، ކޯލްޑް ސްޓޯރޭޖް އިތުރުކުރެވި، އަދި ކޭނިން ކެޕޭސިޓީވެސް އިތުރުކުރެވޭނެ. މީގެ ސަބަބުން މިފްކޯއިން ގަންނަ މަސް ވެލިއު އެޑްކުރުމަށްފަހު އެކްސްޕޯޓް ކުރުމަށް މަގު ފަހިވާނެ. އަދި މަސްވެރިކަން އިތުރުވާ ދުވަސްވަރު ބޮޑެތި އަދަދުތަކުން ނުއަގުގައި މަސް ގަންނަންޖެހޭ މައްސަލަވެސް ހައްލުވާނެ." އެސްޓީއޯގެ އެމްޑީ ވިދާޅުވިއެވެ.

މިފްކޯއަށް ލިބޭ ގެއްލުމުގެ ސަބަބުން މިދިޔަ އަހަރު އެކަނިވެސް 116 މިލިއަން ރުފިޔާގެ ގެއްލުން އެސްޓީއޯއަށް ވަނީ ވެފައެވެ.

އެސްޓީއޯ ގްރޫޕް ފައިދާ އިތުރުކޮށް، ކުންފުނީގެ އިންވެސްޓްމަންޓްތައް ހުރީ އެންމެ އެކަށީގެންވާ ގޮތައްތޯ ޔަޤީންކުރުމަށް މިދިޔަ އަހަރު މަސައްކަތްތަކެއް ކުރެވުން ކަމަށްވެސް އަމްރު ފާހަގަކުރިއެވެ. އަދި ފައިދާ ނުވާ މަޝްރޫތައް ދޫކޮށް، އައު މަޝްރޫތައް ފެށިކަން އަމްރު ވިދާޅުވިއެވެ. މިގޮތުން އެސްޓީއޯއިން ވަނީ އައްޑޫ އެއަރޕޯޓްގެ ހިއްސާ ވިއްކާލާ، އެހެން ކުންފުނިތަކާއެކު އެސެޓް ސްވޮޕްކުރުމުގެ އެއްބަސްވުމަކަށްވެސް އައިސްފައިކަމަށް އަމްރު ވިދާޅުވިއެވެ. އަދި މޯލްޑިވްސް ސްޓޭޓް ޝިޕިންގ ވުޖޫދަށް ގެނައީވެސް ކުންފުނީގެ ފައިދާ އިތުރުކުރުމަށްކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރުގެ ވާހަކަފުޅުގައި އެސްޓީއޯއިން ހުޅުމާލޭގައި ތަރައްޤީކުރާ ހޮޓަލުގެ މަޝްރޫޢު ދިގުދެމިގެންދާތީ، ކުންފުންޔަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވުނު މަސައްކަތުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އޭނާ ވިދާޅުވީ މިހާރު ކޮންޓްރެކްޓް ހެދިފައިވާ ބޭރުގެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުންތައް ބާތިލްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިކޮންޓްރެކްޓްތައް ބާތިލްކުރުމުން އެސްޓީއޯއަށް އެއްވެސް ގެއްލުމެއް ނުވާނޭކަމުގެ ޔަޤީންކަން ހިއްސާދާރުންނަށް އަމްރު ދެއްވިއެވެ.

މީގެއިތުރުން ކުންފުނީގެ ހިންގުން ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާކޮށް، ހަރަދު ކުޑަކޮށް، ޒަމާނީ ވަސީލަތްތައް ތައަރަފްކޮށް، އިންސާނީ ވަސީލަތް ބިނާކުރުމަށް އަމާޒު ކަނޑައަޅާ ގިނަ ކަންތައްތަކެއް ކުރެވެމުންދާކަމަށްވެސް އަމްރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.