ވިޔަފާރި

އެސްޓީއޯގެ ހިއްސާއަކަށް 58 ރުފިޔާ ބަހަން ފާސްކޮށްފި


ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 58 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

އެސްޓީއޯއިން މިގޮތަށް ފާސްކޮށްފައިވަނީ އެކުންފުނިން އާދީއްތަ ދުވަހު އޮންލައިންކޮށް ކުރިޔަށްގެންދިޔަ 2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ވޯޓުންނެވެ. ފާއިތުވި ދެ އަހަރުވެސް އެސްޓީއޯގެ ހިއްސާއަކަށް ބަހާފައިވަނީ 58 ރުފިޔާއެވެ.

އޮންލައިންކޮށް ކުރިއަށްގެންދިޔަ އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި 52 ހިއްސާދާރުން ބައިވެރިވިއިރު، އޭގެތެރޭގައި ހިމެނެނީ 11 ހިއްސާދާރުންނާއި ޕްރޮކްސީގެ ޒަރިއްޔާއިން ބައިވެރިވި 41 ހިއްސާދާރުންނެވެ. އަހަރީ އާއްމު ޖަލްސާގައި އެސްޓީއޯ އޮޑިޓް ކުރަން ޕްރައިސް ވޯޓާ ހައުސް ކޫޕާސް އައްޔަން ކުރަން ވަނީ ފާސްކޮށްފައެވެ. އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާއްމު ހިއްސާދާރުންގެ ތަމްސީލް ކުރަން، ހ. މޮސްކޯގެ، އައިމިނަތު ރުޝްމާ އައްޔަން ކުރަންވެސް ވަނީ ފާސްކޮށްފައެވެ.

މިދިޔަ އަހަރަކީ އެސްޓީއޯ ގްރޫޕްއަށް މާލީގޮތުން ބޮޑު ކާމިޔާބީއެއް ލިބިފައިވާ އަހަރެކެވެ. އާމްދަނީގެ ގޮތުގައި އެސްޓީއޯއަށް ވަނީ 10 ބިލިއަން ރުފިޔާ ލިބިފައެވެ. ފައިދާގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ވަނީ ލިބިފައިވާއިރު މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 29 އިންސައްތައިގެ ކުރިއެރުމެކެވެ. އެސްޓީއޯ ގްރޫޕްގެ މިދިޔަ އަހަރުގެ ހިންގުމުގެ ފައިދާވެސް އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ވަނީ އިތުރުވެފައެވެ. 2019 ގައި އެސްޓީއޯ ގްރޫޕްގެ ހިންގުމުގެ ފައިދާ ހުރީ 842 މިލިއަންގައެވެ. އޭގެ ކުރީ އަހަރުގެ ހިންގުމުގެ ފައިދާ ހުރީ 247 މިލިއަން ރުފިޔާގައެވެ.

އެސްޓީއޯގެ 2019 ވަނަ އަހަރުގެ އަހަރީ އާމު ރިޕޯޓުގައި ވާގޮތުން އެސްޓީއޯ ގްރޫޕްގެ އާމްދަނީއަށް ކުރިއަރާފައި ވަނީ ތެލާއި، މަހުގެ ވިޔަފާރިން ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ.