ޚަބަރު

ރާއްޖޭގެ އޮޑިޓް ނިޒާމް ހަރުދަނާކުރުމަށް ޤާނޫނަށް އިސްލާހުގެންނަނީ


ކުންފުނިތައް އޮޑިޓްކޮށް، މާލީ ބަޔާން ހުށަހެޅުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެއުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. އިކޮނޮމިކް މިނިސްޓަރ މިހެން ވިދާޅުވީ، ރާއްޖޭގެ އެކައުންޓެންސީ ދާއިރާ ހަރުދަނާކޮށް، ތަރައްޤީކުރުމާއި އެކައުންޓެންސީ އިންސްޓިޓިއުޓެއް ޤާއިމުކުރުމަށް ސްރިލަންކާގެ އިންސްޓިޓިއުޓް އޮފް ޗާރޓަރޑް އެކައުންޓެންޓްސް، ސީ.އޭ ސްރިލަންކާއާއި، އޮޑިޓަރ ޖެނެރަލް އޮފީހާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސްރިލަންކާގެ އިންސްޓިޓިއުޓް އޮފް ޗާރޓަރޑް އެކައުންޓެންޓްސް، ސީ.އޭ ސްރިލަންކާއާއި، އޮޑިޓަރ ޖެނެރަލް އޮފީހާއި ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކައުންޓެންސީ ދާއިރާ ހަރުދަނާކޮށް، ތަރައްޤީކުރުމާއި އެކައުންޓަންސީ އިންސްޓިޓިއުޓެއް ޤާއިމުކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ސްރިލަންކާގެ ފަރާތުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޮޑިޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ސޮއިކުރެއްވީ، އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތުއެވެ. އަދި ސީ.އޭ ސްރިލަންކާގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ރައީސް އަރްޖުނަ ހެރަތްސްއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ، ކުންފުނިތަކުގެ ހިސާބުތައް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމުވެފައި އޮތުމަކީ ކޮންމެ ކުންފުންޏަކަށްވެސް މާލީގޮތުން ފައިދާ ލިބޭނެ ކަމެއްކަމަށާއި، އެކަމުގެ ސަބަބުން އިޤްތިޞާދަށްވެސް މަންފާކުރާނެކަމެއް ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް، އެމީހުންގެ ވިޔަފާރިތައް އޮޑިޓްކޮށް، މާލީ ބަޔާން ހުށަހެޅުމުގައި މިހާރަށްވުރެ ޒިންމާދާރުކޮށް، ހަރުދަނާ އުސޫލުތަކެއް ޤާއިމުކުރުމުގެ ގޮތުން ރަޖިސްޓަރ އޮފް ކޮމްޕެނީޒްއާއި ގުޅިގެން ކުންފުނިތަކާއި ބެހޭ ޤާނޫނަށް ބައެއް ކަހަލަ އިސްލާހުތައް ގެނެއުމުގެ މަސައްކަތް މިހާރު ކުރައްވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ސީ.އޭ ސްރިލަންކާއާއެކު ވެވުނު އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ، ރާއްޖޭގެ އެކައުންޓިންގ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ހުނަރުވެރިކަމާއި ޤާބިލުކަން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އޮޑިޓް ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ސްރިލަންކާގެ ފަރާތުން ލިބިގެންދާނެކަމަށްވެސް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީ.އޭ ސްރިލަންކާގެ ރައީސް އަރްޖުނަ ހެރަތްސް ވިދާޅުވީ، އިޤްތިޞާދީގޮތުން ރާއްޖެ ހޯދަމުންދާ ކުރިއެރުންތަކާއި އެއްވަރަށް ކުންފުނިތަކާއި، އަމިއްލަ ވިޔަފާރިވެރިންގެ މާލީ ހިސާބު ބެލެހެއްޓުމުގެ ކަންކަން ހަރުދާނާވާންޖެހޭކަމަށެވެ. އަދި ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއް ހަމައެއްގައި ރާއްޖޭގެ އެކައުންޓެންސީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ސްރިލަންކާގެ ފަރާތުން ދެއްވާނެކަމަށް އަރްޖުނަ ހެރަތްސް ވިދާޅުވިއެވެ.މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން މާލީ ބަޔާންތައް ތައްޔާރުކުރުމާބެހޭ ބައިނަލްއަޤުވާމީ މިންގަނޑުތަކެއް ކަމުގައިވާ، "އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑްސް" އައި.އެފް.އާރު.ސީއާއި ބެހޭ ތަމްރީން ޕްރޮގްރާމެއްވެސް ވަނީ ފަށާފައެވެ. 2 ދުވަހުގެ މުއްދަތަކަށް ކުރިގެންދާ މި ތަމްރީން ޕްރޮގްރާމުގައި ސަރުކާރުގެ ކުންފުނިތަކާއި، އަމިއްލަ ވިޔަފާރިވެރިން އަދި ކޯރޕަރޭޝަންތައް ހިމެނޭހެން 55 ފަރާތުން ވަނީ ބައިވެރިވެފައެވެ.