ޚަބަރު

ފުލުހުންގެ އިދާރާއަށް ޙާޒިރުވާންޖެހޭފަދަ ކަމެއް ކޮށްފައިނުވާނެ - ރައީސް ވަޙީދު


ފުލުހުންގެ އިދާރާއަށް ޙާޒިރުކުރަންޖެހޭފަދަ ކަމެއް ކުރައްވާފައިނުވާކަމަށް ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން މާލޭގައި ބޭއްވި އެއްވުމުގައި ބައިވެރިވުމާ ގުޅިގެން ފުލުހުންގެ އިދަރާއަށް މިއަދު އެމަނިކުފާނު ޙާޒިރުކުމުން އެކަން ކުށްވެރިކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުކުރު ދުވަހު ބޭއްވި އެއްވުމުގައި މާސްކު ނާޅުއްވައި ރައީސް ވަޙީދުވަނީ އެއްވުމުގެ ބައިވެރިންނާއި މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވާފައެވެ. އެޗްޕީއޭގެ ގައިޑްލައިނާ އެމަނިކުފާނު ޚިލާފްވި މައްސަލަ ބަލަމުން އަންނަކަން ފުލުހުންވަނީ ވިދާޅުވެފައެވެ.

ރައީސް ވަހީދު ފުލުހުންގެ އިދާރާއަށް ޙާޒިރުކޮށްފައިވަނީ މިއަދު ހަވީރު 4 ޖެހިއިރުއެވެ. ފުލުހުންގެ އިދާރާއަށް ޙާޒިރުވެވަައިގެން 15 ވަރަކަށް މިނެޓް އެއިދާރާގައި ހޭދަކުރެއްވުމަށްފަހު ނިކުމެވަޑައިގެން ވިދާޅުވީ، ހުކުރު ދުވަހުގެ އެއްވުމުގައި އަޅުއްވައިގެން ހުންނެވި މާސްކު ނެންގެވީ ވާހަކަފުޅު ދެއްކެވުމަށް ފަސޭހައަކަށްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެދުވަހު ޢަމަލުކުރެއްވީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށްކަމަށާ، އެމަނިކުފާނާއި ތިންފޫޓް ކައިރީގައި އެއްވެސް މިހާކު ނެތްކަމަށެވެ. އެމަނިކުފާނު ވަނީ ފުލުހުންގެ އިދާރާއަށް ޙާޒިރުކުރެއްވުމަކީ ސިޔާސީ ކަމެއްކަމަށްވެސް ތުހުމަތުކުރައްވާފައެވެ. ރައީސް ވަޙީދު ވިދާޅުވީ މާސްކު އެޅުން އޮންނަނީ ބޭރުގައިއުޅޭއިރުކަމަށާ، އެމަނިކުފާނު އެދުވަހު ވާހަކަފުޅު ދެއްކެވިއިރު ހުންނެވީ ޕީޕީއެމް އޮފީސްތެރޭގައިކަމަށެވެ.

ރައީސް ވަހީދު ވަނީ މިސަރުކާރަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

"އަޅުގަނޑަކީވެސް ރައީސްކަން ކޮށްފައިވާ މީހެއް. ދުވަހަކުވެސް ސިޔާސީ ބޭނުނަކަށްޓަކައި ފުލުހުން ބޭނުންކޮށްފައިނުވާނެ. އެ މުއައްސަސާ އަގުވައްޓާލުމަށް މަސައްކަތްކޮށްފައިނުވާނެ." ރައީސް ވަޙީދު ވިދާޅުވިއެވެ.

ރައީސް ވަހީދުގެ ވާހަކަފުޅުގައި ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ "ދެރަދުން" ފޮތް ނެރުމުގެ ހަރަކާތުގައިވެސް މާސްކް ނާޅުއްވައި އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ތުހުމަތުކުރައްވައި ވާހަކަފުޅު ދައްކާވާފައެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީން މާލޭގައި މިދިޔަ ހުކުރު ދުވަހު ބޭއްވި އެއްވުމަކީ ކޯވިޑް-19އާ ގުޅިގެން 5 މީހުންނަށްވުރެ ގިނައިން އެއްފަރާ އެއްތަނަކަށް ޖަމާނުވުމަށް އެޗްޕީއޭއިން ކަނޑައަޅައި އެކަން ތަންފީޒު ކުރުމަށް ފުލުހުންނަށް އަންގާފައިވަނިކޮށް ބޭއްވި އެއްވުމެކެވެ. މިއެއްވުމުގައި ގިނަބަޔަކު ބައިވެރިވެފައިވާއިރު، އިސްކޮށް ހަރާކާތްތެރިވެވަޑައިގެންނެވި ބޭފުޅުން ގައިދުރުކަމެއް ނެތި މާސްކުވެސް ނާޅުއްވައި ހަރަކާތްތެރިވިއެވެ. އެއެއްވުމާ ގުޅޭގޮތުން މިދިޔަ ހުކުރު ދުވަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ދިވެހި ރައްޔިތުންނާއި ޤައުމަށް ހެޔޮއެދޭ ބަޔަކު ކޯވިޑް-19ގެ ނުރައްކާ ބޮޑު މިޙާލަތުގައި އެއްވެ މުޒާހަރާ ނުކުރާނެކަމަށެވެ. އަދި ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ޞިއްޙީ ބޭފުޅުން ތަކުރާރުކޮށް ދެއްވާ އިލްތިމާސްތައް ބޮލާލައިޖަހައި އެއާ ޚިލާފަށް ޢަމަލުތައް ބެހެއްޓުމަކީ ވަރަށް ހިތާމަހުރި ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.