ވިޔަފާރި

ޓުއަރިޒަމް ސިނާޢަތުން ލިބޭ އާމްދަނީ 50 އިންސައްތަ ދަށަށްދާނެ- އެމްއެމްއޭ


ރާއްޖެއަށް އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޢާމްދަނީ 50 އިންސައްތަ ދަށްވާނެކަމަށް ލަފާކުރެވޭކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިޤްތިޞާދީ ހާލަތާ ގުޅިގެން އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށްޓަކައި އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އެމްއެމްއޭގެ އެގްޒެކްޓިވް ޑިރެކްޓަރ އަހުމަދު އިމާދު ވިދާޅުވީ ރާއްޖެއަށް ބޭރު ފައިސާ އެންމެ ގިނައިން ލިބެނީ ފަތުރުވެރިކަމުގެ ސިނާޢަތުންކަމަށެވެ. ނަމަވެސް ކޯވިޑްއާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑު ލޮޅުމެއް ކުރިމަތިވެ، އާމްދަނީ ލިބުން ދަށްވެފައިވާކަމަށެވެ.

ރާއްޖޭގެ ބޯޑަރު މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޖުލައިމަހުގެ 15 ވަނަ ދުވަހަށް ބަންދުކޮށްފައި އޮތުމަށްފަހު، އަލުން ހުޅުވާލާފައިވާއިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އުޅެނީ ހީކުރިވަރަށްވުރެ ދަށްކޮށްކަމަށެވެ.

"ބޯޑަރު ކްލޯސްކުރީ މާރޗް 27 ވަނަ ދުވަހު. އަދި ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލި. ބޮޑަރު އަލުން ހުޅުވާލިއިރު އަންދާޒާ ކުރި ވަރަށްވުރެ ވަރަށް ބޮޑުތަނުން ދަށްކޮށް އިމްޕްރޫވްމަންޓް މިފެނުނީ. އެމްއެމްއޭއަކީ ފާއިތުވެދިޔަ ނޯމަލް އަހަރުތަކުގައި، ދުވާލަކަށް 5000 އާއި 4000 އާއި ދެމެދު ޓުވަރިސްޓުން ރާއްޖެއަށް އަންނަމުންދޭ. ނަމަވެސް ޖުލައި 15 ގައި ހުޅުވާލިފަހުން އެވްރެޖްކޮށް ރާއްޖެއަށް އައިސްފައިވަނީ ދުވާލަކު 300 އަށްވުރެވެސް މަދު ޓުއަރިސްޓުން" އިމާދު ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ ދުނިޔޭގެ އެހެންގައުމުތަކުގެ އިޤްތިސާދަށް ކުރަމުންދާ އަސަރުތަކާއި ބޯޑަރު ބަންދުކޮށްފައި އޮތުމުން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު ވަރަށް މަދުކަމަށެވެ. އަދި މިހާރު ފެންނަ ހިސާބުތަކާއި މަންޒަރަށް ބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އާމްދަނީ 50 އިންސައްތަ ދަށްވާނެކަމަށް ލަފާކުރެވޭކަމަށް އިމާދު ވިދާޅުވިއެވެ.

މިހާލަތުގައި ރިޒާވަށް ލިބޭ ޑޮލަރު ވަރަށް ބޮޑަށް ދަށަށް ދިޔަނަމަވެސް، އިޤްތިޞާދަށް ބޭނުންވާ ވަރަށް އެމްއެމްއޭއިން ޑޮލަރު ފޯރުކޮށްދެމުންދާކަމަށް އިމާދު ވިދާޅުވިއެވެ.