ވިޔަފާރި

މިހާރު ހުރި ރިޒާވް ބޭނުންކުރާނީ ރައްޔިތުންގެ އެންމެ އަސާސީ ކަންކަމަށް- އެމްއެމްއޭ


ރާއްޖޭގައި މިހާރު ހުރި ޑޮލަރުގެ ރިޒާވް ބޭނުންކުރާނީ ރައްޔިތުންގެ އެންމެ އަސާސީ ކަންކަމަށް ހޭދަކުރުމަށްކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗު އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެކްޒެކެޓިވް ޑިރެކްޓަރ އަހުމަދު އިމާދު މިހާރު ރިޒާވުން އެންމެ އިސްކަމެއްދޭނީ ރައްޔިތުން އެންމެ އަސާސީ ކަންކަމަށް ބޭނުންވާ ތަކެތި ހޯދުމަށް ކަމަށެވެ. ޚާއްސަކޮށް ކެއިންބުމަށް ބޭނުންވާ ތަކެއްޗާއި، އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތީގެ އިތުރުން ސިއްޚީ ކަންކަން ހަމަޖެއްސުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މިދަނޑިވަޅުގައި ހަރުދަނާ އުސޫލުތަކުގެ ތެރެއިން ކަންކަން ކުރެވެމުންދާކަމަށެވެ. މީގެކުރިން 2009 ވަނަ އަހަރު ރާއްޖެއަށް ދިމާވި އިޤްތިޞާދީ ހާލަތުގައި އެކްސްޗޭންޖް ރޭޓަށް ބަދަލު ގެނެވުނު ނަމަވެސް މިފަހަރު އެކަން ނުކޮށް ކުރިއަށްދެވެން އެބައޮތްކަމަށް އިމާދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މިބަލަނީ ރާއްޖޭގައި ހުރި ރިޒާވްސް އަޅުގަނޑުމެން ބޭނުންކުރާނީ ރައްޔިތުންގެ އެންމެ އަސާސީ ކަންކަމަސް ހޭދަކުރުމުގައޭ. 2009 ވަނަ އަހަރު ރާއްޖޭގެ ފައިނޭންޝަލް ކްރައިސިސްގަ އަޅުގަނޑުމެން އެކްސްޗޭންޖް ރޭޓަށް ހަމަ މިހާލަތުއައި. އަދި އެފަހަރު އެކްސްޗޭންޖް ރޭޓް ބަދަލުވެސް ކުރެވުނު. އެހެން ނަމަވެސް ރާއްޖޭގެ އެކްސްޗޭންޖް ރޭޓް މިހާއްސަ ހާަތަށް ބިނާކޮށް އެކްސްޗޭންޖް ރޭޓް ރީއިވޮލުއޭޝަންއަށް ދިއުމަކީ އަޅުގަނޑު އެކަމަކަށް ތާއީދު ކުރާނެ ކަމެއްނޫން. މިހާލަތުން އަރައި ގަނެވުމުން އަޅުގަނޑުމެން އެކްސްޗޭންޖް ރޭޓް ސްޓެބިލައިޒް ކުރުމުގައި އަޅުގަނޑުމެންނަށް ފުރިހަމަ ގާބިލްކަން ލިބޭނެކަމުގެ ފުރިހަމަ އުންމީދު އެބައޮތް" އިމާދު ވިދާޅުވިއެވެ.

މިހާލަތާއި ގުޅިގެން އެމްއެމްއޭއިން އެންމެ ބޮޑުއިސްކަމެއް ދީފައިވަނީ ކާބޯތަކެއްޗާއި، ސިއްހީ ކަންކަން ކަށަވަރު ކުރުމަށްކަމަށް އިމާދު ވިދާޅުވިއެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީން މިކަމަށް ބޭނުންވާ ލިސްޓެއް އެކުލަވާލައި މިވަގުތަށް ބޭނުންވާނެ ކާބޯތަކެއްޗާއި، ގޭބިސީގެ ކަންތައްތަކުގައި ބޭނުންކުރާ ބައެއް ކަހަލަ ތަކެތީގެ ލިސްޓެއް އެކުލަވާލާފައިވާކަމަށް އިމާދު ވިދާޅުވިއެވެ. އަދި އެ ތަކެތި ހޯދުމަށް މަހެއްގެ މައްޗަށް ބޭނުންވާ ޑޮލަރުގެ އަންދާޒާވެސް ހަދާފައިވާކަމަށް އިމާދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަންދާޒައިން ފާހަނގަވި މިހަލަތަށް އައިއިރުގައި ފުޑްގެ އިންޕޯޓް އިންތިހާއަށް ދަށްވެގެން ދިޔަ. ގާތް ގަނޑަކަށް ހިސާބުތަކުން ދައްކާ ގޮތުން ދެބައިކުޅަ އެއްބައި މިންވަރަކަށް ރާއްޖޭގެ އިމްޕޯޓް ދަށްވެގެން ދިޔަ. ޓުވަރިޒަމް ސެކްޓާއަށް ބޭނުންވާ މުދާ މިވަތު އެތެރެކުރާކަށް ނުއެއްޖެހޭ. އެހެންކަމަށް ވުމާއިއެކު ޑޮލަރަށް އޮންނަ ޑީމާންޑް ދަށްވާނެކަމަށް ގަބޫލުކުރީ. އެހެންނަމަވެސް ދެންހުރި ކަންކަމަށް ލިބޭ ޑޮލަރު މަދުވެފަ ދެންހުރި ޑިމާންދަށް ފުލީ ކޭޓާ ކުރުމުގައި ކެޕޭސިޓީ ނެތީމަ އެ މާކެޓަށް އެޕްރެޝާ އައިސްގެން އުޅޭކަން އަޅުގަނޑުމެންނަށްވެސް ފާހަގަކުރެވޭ" އިމާދު ވިދާޅުވިއެވެ.

އިޤްތިޞާދީ މިހާލަތުން އަރައިގަނެވޭނީ ހުރިހާ އިދާރާއަކުން ގުޅިގެން ކުރެވޭ މަސައްކަތުންކަމަށްވާއިރު، މިހާލަތުގައި އެކަން ކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުންދާކަމަށްވެސް އިމާދު ވިދާޅުވިއެވެ.