ވިޔަފާރި

ލޯނުތައް ދެއްކުން ފަސްކުރާ މުއްދަތު އިތުރުކުރުމަށް އެމްއެމްއޭއިން ނިންމައިފި


ކޯވިޑް-19އާ ގުޅިގެން އާއްމުންނާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ބޭންކުތަކުން ނަގާފައިވާ ލޯނާއި ފައިނޭންސިންގއަށް ފައިސާދެއްކުން ފަސްކޮށްދިނުމަށް ބޭންކުތަކަށް އަންގަން ނިންމާފައިވާކަމަށް އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް އައްޔަންކުރުމަށް ނަން ފޮނުވާފައިވާ، އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗު އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެކްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އަހުމަދު އިމާދު މަޖިލީހުގައި ކުރެވުނު އިންޓަރވިއުގައި އޭނާ ވިދާޅުވީ ފަސްކުރެވުނު ލޯނުތަކުގެ މުއްދަތު މިފެށޭ ސެޕްޓެމްބަރުމަހަށް ހަމަވާތީ މުއްދަތު އިތުރުކުރުމަށް އެމްއެމްއޭއިން ނިންމާފައިވާކަމަށެވެ. ނަމަވެސް މުއްދަތު ފަސްކުރާނީ ކޮން މުއްދަތަކަށް ކަމެއް އެމްއެމްއޭއިން ހާމައެއް ނުކުރެއެވެ.

"މޮރިޓޯރިއަމް ޕީރިއެޑް އިތުރު ކުރުމަށް މިހާރު ބޭންކުތަކަށް ލަފާއަރުވާފައިވަނީ. އޭގެ މާނައަކީ މިހާރު ސެޕްޓެމްބަރަށް ހަމަވާ ލޯނުތައް ފަސްކުރުމަށް އެމްއެމްއޭއިން ވަނީ ނިންމާފަ. މިހާލަތުގައި މޮރިޓޯރިޔަމްދީގެން ބޭންކުތަކާއި އެހެން އިދާރަތަކަށް ކުރިމަތިވާ ލިކުއިޑިޓީ އިޝޫސްގައި އަޅުގަނޑުމެން އެމްއެމްއޭއިން ދޭންޖެހޭ ސަޕޯޓް ދިނުމުގައި އަޅުގަނޑުމެން އެބޭފުޅުންނަށް ޔަގީންކަން ދީފައިވާނެ" އިމާދު ވިދާޅުވިއެވެ.

އެމްއެމްއޭއިން ލޯނުތަކުގެ ފައިސާ ދެއްކުމުގެ މުއްދަތު އިތުކުރުމަށް ނިންމާފައިވާއިރު، ބައެއް ބޭންކުތަކުންނާއި ބައެއް އިދާރާތަކުން ވަނީ ލޯނުތައް ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކުރުމަށް ނިންމާފައެވެ. އޭގެ ތެރޭގައި ބީއެމްއެލްއާއި އެސްޑީއެފްސީ ހިމެނެއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރާއި ކަމާ ގުޅުންހުރި އިދާރާތަކުން ގުޅިގެން ދަނީ ކުރައްވަމުންނެވެ. އެގޮތުން ބޭންކުތަކުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން 15 ހާހަށްވުރެ ގިނަ ލޯނު ދައްކަންޖެހޭ މުއްދަތު ވަނީ ފަސްކޮށްދީފައެވެ.

ކޯވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ މީހުންނަށްވެސް، ވަގުތީ އެހީތެރިކަމެއް ފޯރުކޮށްދެއްވުމަށް، ޚާއްޞަ ޕެކޭޖެއް ކަނޑައަޅުއްވައި، އެމަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން އެފަދަ މީހުން ދެނެގަނެ، އެފަރާތްތަކަށް މަހެއްގެ މައްޗަށް 5000 ރުފިޔާގެ އެލަވަންސެއް ދެމުންނެވެ.