ކުޅިވަރު

ލިވަޕޫލް ބަލިކޮށް އާސެނަލުން ކޮމިއުނިޓީ ޝީލްޑް މެޗު ކާމިޔާބުކޮށްފި


އިނގިރޭސިވިލާތުގެ ސީޒަން ފެށުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗު އާސެނަލުން ކާމިޔާބުކޮށްފިއެވެ.

ކޮމިއުނިޓީ ޝީލްޑް މެޗު އާސެނަލް ކާމިޔާބުކުރީ ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލްއާ ވާދަކޮށް 90 މިނިޓް ހަމަވިއިރު 1-1 ލަނޑުން އެއްވަރުވުމުން ނަތީޖާ ނެރުމަށްޖެހި ޕެނަލްޓީގައި 5-4 ލަނޑުން ކުރި ހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ އާސެނަލް އިންނެވެ. ފުރަތަމަ ހާފްގެ 12 ވަނަ މިނެޓުގައި އާސެނަލަށް މި ލަނޑު ކާމިޔާބުކޮށްދިނީ ހުސްވި ދެ ސީޒަނުގައި ވެސް އެޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެމިރިކް އޯބަޔަމަންއެވެ. މިއީ އޭނާ އެކުލަބަށް ޖަހައިދިން 71 ވަނަ ލަނޑެއެވެ. ލިވަޕޫލްއިން ނަތީޖާ ހަމަހަމަކުރީ މެޗު 73 ވަނަ މިނިޓްގައި ޖެނުއަރީ މަހު އެޓީމާ ގުޅުނު ޓަކުމީ މިނަމީނޯއެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީތަކުގައި އާސެނަލްގެ ހުރިހާ ކުޅުންތެރިން ޖެހި ޕެނަލްޓީތައް ކާމިޔާބުކުރިއެވެ. ލިވަޕޫލަށް ނާކާމިޔާބުވީ ފަހު މިނެޓުގައި އެރުވި ޒުވާން ކުޅުންތެރިޔާ ރިއާން ބްރޫސްޓާ ޖެހި ޕެނަލްޓީއެވެ. އޭނާގެ ޕެނަލްޓީ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

މިއީ އާސެނަލްގެ އައު ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ މިކޭލް އާޓެޓާ އެޓީމުގެ ކޯޗުކާމާ ހަވާލުވިފަހުން ވޭތުވެދިޔަ 8 މަސްތެރޭގައި ހޯދި ދެވަނަ ތައްޓެވެ. މިއީ ވިދިވިދިގެން ކޮމިއުނިޓީ ޝީލްޑް މެޗުން ލިވަޕޫލް ބަލިވި ދެވަނަ ފަހަރެއެވެ. ހުސްވި ސީޒަން އެޓީމު ބަލިވީ މެންޗެސްޓަރ ސިޓީއާ ވާދަކޮށެވެ.