ޚަބަރު

މުދައްރިސުން ކިޔަވައިދިނުމުގެ ލައިސަންސް ހޯދަން ޖެހޭ ގޮތަށް ކޮމިޓީން ފާސްކޮށްފި


ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުން ކިޔަވައިދިނުމުގެ ލައިސަންސް ހޯދަން ޖެހޭ ގޮތަށް ހިމަނައި ތަޢުލީމުގެ ބިލު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީން ވަނީ ތަޢުލީމުގެ ބިލު ކޮމިޓީއަށް ހާޒިރުވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީން ފާސްކުރި އެ ބިލުގައި ވަނީ ތަޢުލީމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާތާ މަސްދުވަހުގެ ތެރޭގައި، މުދައްރިސުން ރަޖިސްޓްރީކުރުމާއި ގުޅޭ އެންމެހައި، ކަންތައްތައް ކުރުމަށް ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު އުފައްދަންވާނެ ކަމަށް ބުނެފައެވެ.

އަދި ޤާނޫނަށް ޢަމަލު ކުރާއިރު ޚިދުމަތުގައި ތިބި މުދައްރިސުން ޤާނޫނަށް ޢަމަލުކުރަންފަށާތާ ދެ އަހަރު ދުވަހުގެ ތެރޭގައި އެ ބޯޑުގައި ރަޖިސްޓްރީކޮށް ލައިސަންސް ހޯދަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ބޯޑުގައި ރަޖިސްޓްރީ ކުރުމަކާނުލައި އެއްވެސް ސްކޫލެއްގައި އަދި އެނޫންވެސް ރާއްޖޭގައި ހިންގާ އެއްވެސް ކިޔަވައިދޭ ތަނެއްގައި މަސައްކަތް ކޮށްގެންނުވާނެކަމަށް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ. އަދި އެ ބޯޑުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ނޫނީ އެއްވެސް ސްކޫލަކުން ވަޒީފާ ދީގެން ނުވާނެ ކަމަށްވެސް ތަޢުލީމުގެ ބިލުގައި ވަނީ ބުނެފައެވެ.

މި ބިލުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓްރީ ކުރުމަކާ ނުލައި ތައުލީމުދޭ ތަންތަން ހިންގާ ކަމުގެ ޝަކުވާއެއް ނުވަތަ މައުލޫމާތެއް ލިބިއްޖެ ނަމަ އެކަމެއް ބެލުމަށްޓަކައި، އެފަދަ ތަންތަން ބަލައި ފާސްކުރުމުގެ ބާރު މިނިސްޓްރީއަށް، ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. އަދި އެފަދަ ތަނެއް ހިންގަނީ ޤާނޫނާ ހިލާފަށް ކަމަށްވާނަމަ ރަޖިސްޓްރީ ކުރުމަށް އެންގުމާއެކު ވަގުތުން ބަންދުކުރުމަށް އެންގުމުގެ ބާރު ވެސް ވަނީ ދީފައެވެ.

ކޮމިޓީން ފާސްކުރި ބިލުގައި ވަނީ ކޮންމެ ސްކޫލެއްގައިވެސް އިސްލާމީ އަޤީދާ އާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދޭންޖެހޭނެކަމަށް ކަނޑައަޅާފައެވެ. މިގޮތުން ޕްރީސްކޫލް ތައުލީމާއި ފަށާ ތައުލީމާއި، ސާނަވީ ތައުލީމާއި، މަތީ ސާނަވީ ތައުލީމު، އުގަންނައިދޭ ކޮންމެ ސްކޫލެއްގައި ވެސް ދިވެހި ރައްޔިތެއް ކަމުގައިވާ ކޮންމެ ކުއްޖަކަށް އިސްލާމީ އަޤީދާ އާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދޭންވާނެ ކަމަށާއި ދިވެހި ބަސް ކިޔަވައިދޭން ވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ނިންނި ނިނާ

ކޮބާ ޤުރްއާން

ސހމ

ވ.ރަނގަޅު ވާހަކައެއް. އިސްލާމީ އަގީދާ ކިޔަވާންދޭންޖެހޭނެ ބުނާއިރު ކިޔަވާންދޭންޖެހޭ މިންވަރު މަދުކުރެވިފަ. އިގިރޭސި 5ނަގާއިރު އިސްލާމް 3 ގަޑި. ނަމެއްގަ ކުރާ ކަމެއްތަ