2019 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން މުޅި ދުނިޔެ ކުރިމަތިލާފައިިމިވަނީ ޞިއްޚީ ބޮޑު ބަލި މަޑުކަމަކާއިއެވެ. ޗައިނާގެ ވުހާން ސިޓީން ފެނުނު ކޯވިޑް-19ގެ ނުރައްކާ މުޅި ދުނިޔަށް އޮތްކަން ހާމަކޮށް މުޅި ދުނިޔެ ޞިއްޚީ ބޮޑު ނުރައްކަލެއްގައި އޮތްކަން ދުނިޔޭގެ ޞިއްހަތު ޖަމްއިއްޔާއިން ހާމަކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުގެ 11 ވަނަ ދުވަހުއެވެ. އޭގެ އަނެއް ދުވަހު ރާއްޖޭގައިވެސް ވަނީ "ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު" އިއުލާންކޮށްފައެވެ.
ދުނިޔޭގެ 25،000،000 މިލިޔަނަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު ބަލީގައި މިހާތަނަށް 846,000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ދުނިޔޭގެ ތާރީޚް ދިސާރާ ކުރައްވާ ފަރާތްތަކުން ވިދާޅުވާ ގޮތުން މިއީ ދެވަނަ ބޮޑު ހަގުރާމަޔަށްފަހު ދުނިޔެއާއި ކުރިމަތިލީ އެންމެ ނުރައްކާތެރި ހާލަތެވެ. މިހާތަނަށް ދުނިޔޭގެ 200 އަށްވުރެ ގިނަ ޤައުމަކުން ބަލި ފެނިފައިވާއިރު ދުނިޔޭގައި ނަގާކިޔާ ބާރުގަދަ ވަސީލަތްތަކާއި، ފުދުންތެރިކަންވެސް އެންމެ ބޮޑު ޤައުމުތަކުންވެސް މިބައްޔާއި ދެކޮޅަށް ކުރެވޭނެ މާބޮޑު ކަންތައްތަކެއް ނުކުރެވި ހުއްޓުން އަރާފައިވާ މަންޒަރު ދަނީ ފެންނަމުންނެވެ.
މިހާދިސާއާއެކު ދުނިޔޭގެ އިޤްތިޞާދު ހީނަރުވެ އެތައް ބައެއްގެ ވަޒީފާގެއްލި، އާމްދަނީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތްތައް ހުއްޓި، އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. މިއީ މުޅިދުނިޔެ މިއަދު އޮތް ހާލަތެވެ. ދުނިޔޭގެ މާލީ އިދާރާތަކުން ހާމަކުރާ ގޮތުގައި މިކަމުގެ ނުރައްކާތެރިކަން އެންމެ ބޮޑީ އާބާދީކުޑަ ވަސީލަތްތައް މަދު ގައުމުތަކަށެވެ. ޚާއްސަކޮށް ރާއްޖެފަދަ ފުދުންތެރިކަން ކުޑަ ވަސީލަތްތައް މަދު ޤައުމުތަކަށެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމުގައި މިވީ ހަމަސް ދުވަހުގެ ތެރޭގައި އެތައް ބައެއްގެ ވަޒީފާ ގެއްލި ދިރިއުޅެމުންދިޔަ ވަޒަން ދޫކޮށް އެހެންތަންތަނަށް ވަނީ ބަދަލުވާން ޖެހިފައެވެ. ވަޒީފާ އަދާކުރަމުންދާ މީހުންނަށްވެސް ކުރިން ލިބެމުންދިޔަ އާމްދަނީ ވަނީ ވަރަށް ބޮޑުތަނުން ކުޑަވެފައެވެ. މިއާއެކު ރައްޔިތުންގެ ޝަކުވާތަކާއި، ކަންބޮޑުވުންތައްވެސް ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.
އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ މިގޮންޖެހުން ތަކާއިއެކު، އެންމެބޮޑު ބުރައެއް އުފުލަން ޖެހިފައިވަނީ ދައުލަތަށެވެ. ދައުލަތުން ފޯރުކޮށްދޭންޖެހޭ އެތަކެއް ޚިދުމަތެއް މެދުނުކެޑި މިހާލަތުގައި ދެމުންދާއިރު ދައުލަތުގެ އާމްދަނީ ހުރިގޮތް ކޮންމެ ހަފްތާއަކު ދަނީ އާންމުކުރަމުންނެވެ. މިހާތަނަށް ދައުލަތުން 16 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާއިރު އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 8.2 ބިލިޔަން ރުފިޔާއެވެ.
ޞިއްޚީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ގޮންޖެހުންބޮޑު މިހާލަތުގައި ސަރުކާރުގެ އެންމެބޮޑު އަމާޒަކަށްވެފައިވަނީ އަސާސީ ޚިދުމަތްތަކަށް ބުރޫނާރާނެ ގޮތަކަށް އެކަންކަން ކަށަވަރުކޮށް ދިނުމެވެ. މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި، ވަޒީފާތަކުން ކަނޑާލައި ހާލުގައި ޖެހޭ ފަރާތްތަކަށް އިނާޔަތްތަކެއް ދެއްވުމަށެވެ. ސިއްޚީ ވަސީލަތްތައް ގާއިމްކުރުމާއި، ސިއްޚީ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ.
މިއަދު ދުނިޔެއަށާއި، ޤައުމަށް ކުރިމަތިވެފައިވާ މިގޮންޖެހުމުން އަރައި ގަނެވޭނީ މިކަމުގައި އެންމެން ގުޅިގެން މަސައްކަތް ކޮށްގެންނެވެ. މިހާލަތަކީ ވަކި މަންފާތަކެއް ހާސިލްކުރުމަށް ނުވަތަ ބަލީގެ ނުރައްކާ އިތުރަށް ބޮޑުކޮށް ޞިއްޚީ ބޭފުޅުން އިތުރަށް ވަރުބަލި ކުރަންވީ ވަގުތެއްނޫނެވެ. ސިޔާސީ ޕާޓީތަކުންވެސް އަދި ސިޔާސީ ބޭފުޅުންގެވެސް އެންމެ އިސްދައުރަކަށް ވާންޖެހޭނީ ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް، ޤައުމުގެ ހާލަތު ރަނގަޅު ކުރުމަށެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 7 ވަނަ މާއްދާގައި ސިޔާސީ ޕާޓީތަކުން ކޮށްގެން ނުވާނެ ކަންތައްތަކުގެ ތެރޭގައި ބިރުވެރިކަން އުފެއްދުމުގެ މަސައްކަތް ނުކުރުމަށާއި، ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންކަން ނުކުރުމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް މިއަދު ސިޔާސީ ޕާޓީތަކުގެ ޒިންމާއާއި، ޤާނޫނުގައި މަތިކޮށްފައިވާ ކަންކަމަށްވެސް ބެލުމެއްނެތި ވަކި މަންފާތަކެއް ހާސިލް ކުރުމަށް އެކިއެކި ޝިއާރުތައް ކަނަޑައަޅައިގެން މަގުތަކަށް ނިކުތުމަކީ ޒިންމާދާރުކަމެއް ނޫނެވެ.
ފާއިތުވެދިޔަ ހައެއްކަ މަސް ދުވަހުގައި ކޮންމެ ދުވަހަކު ޞިއްޚީ ޚިދުމަތްތެރި އުޅެމުންދިޔަ ހާލާއި މެދު ވިސްނައި ފިކުރުކޮށްފިނަމަ އަދި ބަލީގެ ނުރައްކާ މިއަދު އޮތްމިންވަރު ސިއްޙީ ބޭފުޅުން ހާމަކުރަމުންދާއިރު މިކަމަށް އެކަށީގެންވާ އިޖާބައެއްދޭ މަންޒަރެއް ނުފެނެއެވެ. ކޮންމެ ދުވަހަކުވެސް 100 އިން މަތީގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅޭއިރު، ސިއްޚީ ބޭފުޅުން ވިދާޅުވެފައިވަނީ އެބޭފުޅުންވެސް މިކަމުގައި މިހާރު "ވަރުބަލި" ވެފައިވާކަމަށެވެ.
މިހާލަތަށް މިއަދު ކަންކަން ގޮސްފައިވާއިރު، ރައްޔިތުންނާއިމެދު ވިސްނައި ފިކުރު ހިންގާބަޔަކު ޚާއްސަކޮށް ދައުލަތުގެ އިސްމަޤާމުތައް ފުރުއްވާފައިވާ އިއްޒަތްތެރިން ސިއްޚީ ރައްކާތެރިކަން ނަގާލައި ބައްޔަށް ފުރުސަތު ފަހިކުރުމަކީ ރަނގަޅުކަމެއްނޫނެވެ. އަދި މިކަންކަމަކީ ކަމާއިބެހޭ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅު އަޅައި، މުޅި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަމެކެވެ.