ކުޅިވަރު

ބ.ދަރަވަންދޫ ފުޓްސަލް ދަނޑު ހުޅުވައިފި


ބ.ދަރަވަންދޫގައި ސަރުކާރުން އަޅައިދިން ޓާފް ފުޓްސަލް ދަނޑު ހުޅުވައިފިއެވެ.

މި ދަނޑު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެންޕަވަރމަންޓް އަޙްމަދު މަހުލޫފްއެވެ. މި ދަނޑު ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ މަޙްލޫފް ބައިވެރިވަޑައިގެންނެވީ ގޫގަލްމީޓް މެދުވެރިކޮށެވެ.

ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މަޙްލޫފް ވިދާޅުވީ ދަރަވަންދޫގެ ޒުވާނުންގެ ބޮޑު އުއްމީދެއް ފުރިހަމަ ކުރެވުމުން އެކަމާ އުފާކުރައްވާކަމަށެވެ. އަދި ކޯވިޑް-19 ގެ ބަލިމަޑުކަމުގެ މި ދުވަސްވަރުގައި މި އުފަލުގައި ބައިވެރި ވަޑައިނުގެންނެވުނު ކަމުގައިވީ ނަމަވެސް މި ދަނޑުގައި ޒުވާނުންނާއެކު އެކުވެރިކަމުގެ މެޗެއް ކުޅެވޭނެ ކަމުގެ ޔަގީންކަންވަނީ މިނިސްޓަރ ދެއްވާފައެވެ.

މިއީ މިސަރުކާރުން އަޅައިދިން 27 ވަނަ ފުޓްސަލް ދަނޑެވެ. އަދި މިހާރުވެސް 22 ދަނޑެއްގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ދަނޑުގެ މަސައްކަތް ވަރަށް ބޮޑަށްލަސްވެގެން ދިޔަ، އެއީ އެކިއެކި ސަބަބުތަކާހުރެ، އެހެން ނަމަވެސް މިއަދު ތިޔަ ޒުވާނުން ބޭނުންވި އުއްމީދު ފުރިހަމަކޮށްދެވުމުން މި އުފަލުގައި ބައިވެރިވަން" މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

މި ދަނޑު ހުޅުވުމުގެ ގޮތުން ވަނީ ސަގާފީ ހަރަކާތްތަކެއް ދަރަވަންދޫ ޒުވާނުންގެ ފަރާތުން ހުށަހަޅާދީފައެވެ. އަދި ދަނޑު ހުޅުވުމުގެ ގޮތުން އަންހެނުންގެ ފުޓްސަލް މެޗަކާއި، ފިރިހެނުންގެ ފުޓްސަލް މެޗެއް ވަނީ ކުޅެފައެވެެ.