މެލޭޝިއާގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް މި އަހަރުގެ ނިޔަލަށް ދަމަހައްޓާނެކަމަށް އެ ޤައުމުން ބުނެފިއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީން ވިދާޅުވީ މެލޭޝިއާގެ ޙާލަތު ރަނގަޅުވި ނަމަވެސް ކޯވިޑް-19ގެ ނުރައްކާ އަދި ފިލައިގެން ނުދާކަމަށާއި ދުނިޔޭގެ ޙާލަތު ގޯސްވުމުން މެލޭޝިއާއަށްވެސް ނުރައްކާ އޮތްކަމަށެވެ. އެހެންކަމުން ޙާލަތު ގޯސްވުމުގެ ކުރިން ފިޔަވަޅުއަޅައި ރައްކާތެރިކަން ހޯދުން މުހިންމުކަމަށެވެ. އެގޮތުން ޤައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޤާނޫނީ ހަމަތަކުގެމަތިން އަޅާފައިވާ ފިޔަވަޅުތައް އުވާނުލައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ބޮޑުވަޒީރު އިތުރަށް ވިދާޅުވީ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމަށް ދަތިވާނެކަމަށް ޤަބޫލުނުކުރައްވާކަމަށާއި މިހާރުވެސް ޢަމަލުކުރަމުންދާ އުސޫލުގެ މަތިން މާސްކު ބޭނުންކޮށް ގިނަގިނައިން އަތްދޮވެ ގިނަ މީހުން އެއްވާ ތަންތަނަށް ނުދިޔުމުގައި ރައްޔިތުން ދެމިތިބުން މުހިންމުކަމަށެވެ. ފިޔަވަޅުތައް ދެމެހެއްޓުމަށް ނިންމާފައިވާ ނިންމުމުގެ ތެރޭގައި ފަތުރުވެރިން ޒިޔާރަތްކުރުން މަނާކޮށްފައިވާ މުއްދަތު އިތުރުކުރުންވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
މެލޭޝިއާގައި މިހާތަނަށް 9,306 މީހުންނަށް ކޯވިޑް-19 ޖެހި 125 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިއިރުގެ ތެރޭގައި އެ ޤައުމުގައި ބަލިޖެހިފައިވަނީ 10 މީހުންނަށެވެ. ބަލި ފެތުރެން ފެށުމުން މާރިޗު މަހުގެ 18ވަނަ ދުވަހު އެ ޤައުމު ފުރަބަންދުކުރުމަށްފަހު މެއި މަހުގެ ތެރޭގައި އެ ފިޔަވަޅުތަކަށްވަނީ ލުއިދޭން ފަށައިފައެވެ. ޖޫން މަހުން ފެށިގެން އިޤުތިޞާދީ އަދި އިޖުތިމާޢީ ޙަރަކާތްތައް އަލުން ފެށުމުގެ ޙުއްދަވަނީ ދީފައެވެ.