ޢިރާޤުގައި ތިބި އެމެރިކާގެ ސިފައިންގެ ޢަދަދު ވަރަށް އަވަހަށް ތިންބައި ކުޅަ ދެބަޔަށް މަދުކުރާނެކަމަށް އެމެރިކާގެ ރަސްމީ ފަރާތަކުން ބުނެފިއެވެ.
އެމެރިކާއިން ކުރަމުންދާ 'ނިމުމެއް ނެތް' ހަނގުރާމަތައް ހުއްޓުމަކަށް ގެނެސް ބޭރުގެ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވާ އަސްކަރީ ފައުޖުތައް އަނބުރާ ޤައުމަށް ގެނައުމަކީ 2016ވަނަ އަހަރު އެމެރިކާގެ ރައީސްގެ މަޤާމަށް ހޮވިވަޑައިގެން ރައީސް ޑޮނަލްޑު ޓުރަންޕުގެ ރިޔާސީ ވަޢުދެކެވެ. ނަމަވެސް އަފްޣާނިސްތާނާއި ޢިރާޤާޢި ސޫރިޔާފަދަ ޤައުމުތަކުގައި އެމެރިކާގެ ސިފައިންދަނީ ހަރަކާތްތެރިވަމުންނެވެ. ޢިރާޤުގައި އައިއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް މަސައްކަތްކުރުމަށް އެމެރިކާގެ 5،200 ސިފައިން ދަނީ ޙަރަކާތްތެރިވަމުންނެވެ.
ނަމަވެސް މިދިޔަ ޖޫން މަހުގެ ތެރޭގައި އެމެރިކާއާއި ޢިރާޤުންވަނީ ޢިރާޤުގައި ތިބި އެމެރިކާގެ ސިފައިންގެ ޢަދަދު މަދުކުރުމަށް ނިންމާފައެވެ. ނަން ހާމަނުކުރުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އެމެރިކާގެ އަސްކަރީ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް ދެ ތިން މަސް ދުވަހުގެ ތެރޭގައި ޢިރާޤުގައި ތިބި ސިފައިންގެ ޢަދަދު 3،5000އަށް މަދުކުރާނެކަމަށެވެ.
ޢިރާޤުގެ ބޮޑުވަޒީރާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު މި މަހު ބޭއްވެވި ބައްދަލުވުމެއްގައި ޢިރާޤުގައި ތިބި އެމެރިކާގެ ސިފައިން އެ ޤައުމުން ފޮނުވާލާނެކަމުގެ ޔަޤީންކަންވަނީ ޓްރަންޕު ދެއްވާފައެވެ.
މި އަހަރުގެ ކުރީކޮޅުގައި ޢިރާޤުގެ ޤާނޫނުހަދާ މަޖިލީހުންވެސްވަނީ ޢިރާޤުގައި ތިބި އެމެރިކާގެ ސިފައިންނާއި އެހެނިހެން ގުޅިފައިވާ ފައުޖުތައް އެ ޤައުމުން ފޮނުވާލުމަށް ފާސްކޮށްފައެވެ.