ދުނިޔޭގެ ވިޔަފާރި

ޓިކްޓޮކް ގަތުމަށް މައިކްރޯސޮފްޓުން ކުރާ މަސައްކަތުގައި ވޯލްމާޓުން ބައިވެރިވެއްޖެ


މައިކްރޯސޮފްޓުން ޓިކްޓޮކް ގަތުމަށް ކުރާ މަސައްކަތުގައި ވޯލްމާޓުން ބައިވެރިވެއްޖެއެވެ.

ދުނިޔޭގައި ރީޓެއިލް ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުންދާ ވޯލްމާޓުން ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް ގަތުމަށް މައިކްރޯސޮފްޓާއެކު މަސައްކަތްކުރަމުންދާކަން ވަނީ ޔަޤީންކޮށްދީފައެވެ. ވޯލްމާޓުން ބުނީ ޓިކްޓޮކްގެ ގަތުމުގެ މަސައްކަތުގައި ބައިވެރިވުމަށް ނިންމީ، ވޯލްމާޓުގެ ވިޔަފާރި ފުޅާކުރުމަށްކަމަށެވެ.

ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް ވިއްކާލުމުގެ މަސައްކަތް ޓިކްޓޮކްއިން ފަށާފައި މިވަނީ، އެމެރިކާ ސަރުކާރުން އެކަމަށް މަޖުބޫރުކޮށް، މުހުލަތެއް ދީފައިވާ ދަނޑިވަޅެއްގައެވެ. އެއާއެކު ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް ގަތުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މައިކްރޯސޮފްޓުންނެވެ.

ވޯލްމާޓުންވެސް އެމަސައްކަތާ ގުޅިފައިވާއިރު، ވޯލްމާޓުން ބުނީ މައިކްރޯސޮފްޓާ ގުޅިގެން ރަނގަޅު ޕާޓްނަރޝިޕެއް ޤާއިމްކުރެވޭނެކަމަށެވެ. ނަމަވެސް މިކަމުގައި މައިކްރޯސޮފްޓުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޓިކްޓޮކް އެމެރިކާގައި މަނާކުރުމަށް އެމެރިކާ ސަރުކާރުން ނިންމާފައިވާއިރު، އެމެރިކާގައި ޓިކްޓޮކް ބޭނުންކުރެވެން އޮތް ހަމައެކަނި ގޮތަކީ، ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް އެމެރިކާގެ ކުންފުންޏަކަށް ބަދަލުކުރުމުންނެވެ. ޚަބަރުތައް ބުނާގޮތުން މައިކްރޯސޮފްޓްގެ އިތުރުން، އެހެން ބައެއް ޓެކް ކުންފުނިތަކުންވެސް ދަނީ ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަން ގަތުމަށް މަސައްކަތްކުރަމުންނެވެ.

ތަޖުރިބާކާރުން ބުނާގޮތުން ޓިކްޓޮކްގެ އޮޕަރޭޝަންތައް ވިއްކާލާނަމަ، އޭގެ އަގު ގާތްގަނޑަކަށް 30 ބިލިއަން ޑޮލަރަށް އަރާނެއެވެ.